އިސްރަށްވެހިންގެ ހިޔާލާއި މަޝްވަރާ ތަރައްގީގެ މަޝްރޫޢުތަކާއި ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށް ކުރާ ކަންކަމުގައި ހޯދުމަކީ ވަރަށް މުހިއްމުކަމެއް ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ އިސްރަށްވެހިންގެ ޖަމްޢިއްޔާއަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ސްޓެލްކޯގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ގައުމެއްގެ ކަންކަން ކުރިއަށްގެންދަންވާނީ ހުރިހާ އުމުރެއްގެ މީހުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން ކަމަށާއި ގައުމެއް ކުރިއަރާ ދަނީ ވަކި ބަޔަކު އެކަނި ކުރާ މަސައްކަތަކުން ނޫން ކަމަށެވެ.

ނައިބު ވިދާޅުވީ މި ސަރުކާރުން ކަންތައްތައް ކުރިއަށްގެންދާނީ ހުރިހާ އެންމެންގެ ވެސް އަޑުއަހައިގެން ކަމަށެވެ.

"ސަރުކާރުން ޒުވާނުން، އުމުރުން ދުވަސްވީ ބޭފުޅުން، ހުރިހާ އުމުރެއްގެ އެއީ މުހިންމު ކަމެއްކަމަށް މިއަދުގެ ސަރުކާރުން ޚާއްސަކޮށް މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ގަބޫލުފުޅުކުރައްވަނީ." ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދު މި ގައުމުގެ މަސައްކަތުގެ ތެރެއިން ތަރައްގީއަށްކުރާ ކަންތައްތަކުގެ ތެރެއިން ރަނގަޅު ޖީލެއް ބިނާކުރުމަށް، އުފާވެރި ރާއްޖެއެއް ހޯދުމަށްކުރާ މަސައްކަތުން އެއްވެސް މީހަކު ބާކީކޮށްލުމަކީ އިންސާފުވެރިކަމެއްނޫން ކަމަށާއި އެއީ ކޮށްގެންވާނެ ކަމެއްވެސް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޖަލްސާގައި މަޝްހޫރު ލިޔުންތެރިޔާ މަޑުލު މުޙައްމަދު ވަހީދު ލިޔުއްވާ، އިސްރަށްވެހިންގެ ޖަމުޢިއްޔާއަށް ހަދިޔާކޮށްދެއްވި "ދިވެހިރާއްޖޭގެ އިސްރަށްވެހިންނަށް ލޯތްބާއެކު" މި ފޮތް ނައިބު ރައީސް ވަނީ ނެރެދެއްވާފައެވެ. އަދި ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ބަދުރުއްނަޞީރު ލިޔުއްވާފައިވާ "ޚިދުމަތުގެ ހަނދާންތައް" ފޮތް މިޖަލްސާގައި ނާއިބު ރައީސަށް ވަނީ ހަދިޔާކުރައްވާފައެވެ.

ރާއްޖޭގެ އިސްރަށްވެހިންގެ ޖަމިއްޔާ ރަޖިސްޓްރީކޮށްފައި ވަނީ 1 ޖުލައި 2013 ގައެވެ. މިއީ ރާއްޖޭގެ އިސްރަށްވެހިންގެ ހައްގުތައް ހިމާޔަތްކޮށް، އެ ފަރާތްތަކުގެ ދުޅަހެޔޮކަމާއި ލާބަޔާއި މަންފާއަށް މަސައްކަތްކުރުމަށާއި މުޖުތަމައުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށް ފުޅާކުރުމުގެ މަގުސަދުގައި އުފައްދާފައިވާ ޖަމިއްޔާއެކެވެ.