މިއަހަރުގެ ދެވަނަ ފިޔަވަހީގެ ދަށުން ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅޭނީ ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށެވެ. އެގޮތުން، ތިމާވެށްޓާ ގުޅުންހުރި ޕްރޮޖެކްޓްތަކާއި ތަޢުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މުޖުތަމައުގެ ލާބަޔާއި މަންފާއަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކަށް މި ފުރުސަތު ލިބިގެންދާނެއެވެ.

Ad
rt

މިގޮތަށް ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000 ރުފިޔާއާ ހަމަޔަށް ކޮމިއުނިޓީ ފަންޑުން އެހީ ދޭނެއެވެ.

މާލެ އަދި ރަށްރަށަށް ނިސްބަތްވާ ރަޖިސްޓަރީކޮށްފައިވާ ޖަމިއްޔާތަކަށް މި ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ފުރުސަތުގެ ދަށުން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ހޮވާނެއެވެ. އެހެން އަހަރުތަކޭ އެއް ގޮތަށް މިއަހަރުވެސް ޖުމްލަ 20 ޕްރޮޖެކްޓެއް ހިންގުމަށް މި ފަންޑުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލާ ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ރޭ 11:59 އެވެ. ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމު ހުށަހެޅޭނީ އީމެއިލް މެދުވެރިކޮށެވެ.