ހއ. ދިއްދޫގައި އިޖުތިމާޢީ ކަންކަމުގައި ހަރަކާތްތެރިވަމުން އަންނަ ދިއްގާ ފައުންޑޭޝަންގެ އެހީތެރިކަމާއިއެކު އެ ރަށު ކުޑަ މިސްކިތުގައި ނެވިލޯން އަޅަން ތައްޔާރު ވެއްޖެއެވެ.
އެ ފައުންޑޭޝަންގެ ފަރާތުން ދިއްދޫ ކުޑަމިސްކިތުގައި ނެވިލޯން އަޅަން ބޭނުންވާ ސާމާނު ރަސްމީކޮސް ދިއްދޫ ކައުންސިލާއި ހަވާލު ކޮށްފައިވަނީ އިއްޔެ އެ ކައުންސިލުގައި އެކަމަށްޓަކައި ބޭއްވި ބައްދަލުވުމެއްގައެވެ.
ދިއްގާ ފައުންޑޭޝަންގެ ފާރާތުން މި ނޫހަށް މަޢުލޫމާތު ދީފައިވާ ގޮތުގައި އެ ފައުންޑޭޝަންގެ އިޖްތިމާއީ ޒިންމާގެ ދަށުން އެ ރަށު ކުޑަ މިސްކިތުގައި ނެވިލޯން އަޅަން ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ދިއްދޫ ކައުންސިލާއި ވަނީ ހަވާލުކޮށްފައެވެ. އެ މަސައްކަތް ވީހާވެސް އަވަހަށް ނިންމާލެވި އެ މިސްކިތުގައި ނަމާދު ކުރާ ހުރިހާ ފަރާތްތަކަށް އޭގެ ފަސޭގަކަން ލިބުމަކީ އެ ފައުންޑޭޝަންގެ އުންމީދެވެ.
އެ ފައުންޑޭޝަންގެ ފަރާތުން މީގެ ކުރިން ވެސް ވަނީ ދިއްދޫ ކުޑަ މިސްކިތުގައި ބޭނުން ކުރުމަށް މައިކް ސެޓް ހަދިޔާ ކޮށްފައެވެ. މީގެ އިތުރުން ދިއްދޫ ޕްރީސްކޫލަށް ބޭނުންވާ ކޮމްޕިއުޓަރާއި ޕްރިންޓަރ ވެސް އެ ފައުންޑޭޝަނުން ހަދިޔާކޮށްފައިވެއެވެ.
ދިއްގާ ފައުނޑޭޝަން ނިސްބަތްވަނީ ދިއްދޫ ދިއްގާގަސްދޮށުގެއަށެވެ. އެ އާއިލާގެ އަހްމަދު އަލީ (ކާފަ) އަދި ފާތިމަތު އާދަމް (މާމަ) ހަނދާނުގައި އެ އާއިލާގެ މެމްބަރުން އަންނަނީ ފައުންޑޭޝަނެއް ރަޖިސްޓަރީކޮށް މުޖުތަމަޢަށް ޚިދުމަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!