ހއ. ހޯރަފުއްޓަށް އެކިދާއިރާތަކުން ފާހަގަ ކޮށްލެވޭފަދަ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން "ހޯރަފުށީ ޑޭ" ނަމުގައި މި އަހަރު ވެސް ދުވަހެއް ފާހަގަކުރުމަށް ހޯރަފުށީ ކައުންސިލުން ނިންމައިފިއެވެ.

ހޯރަފުށީ ކައުންސިލުން އިސްނަގައިގެން "ހޯރަފުށީ ޑޭ" ނަމުގައި ފުރަތަމަ އެވޯޑް ނައިޓެއް ބާއްވާފައިވަނީ ފާއިތުވި އަހަރުއެވެ. މިއީ މި އެވޯޑް ނައިޓް އެ ކައުންސިލުން ބާއްވާ ދެވަނަ އަހަރެވެ.

Ad
rt

މި އަހަރު މި ދުވަސް ފާހަގަ ކުރަން ހޯރަފުށީ ކައުންސިލުން ނިންމާފައި ވަނީ 18 އޯގަސްޓް 2023 ވާ ހުކުރު ދުވަހުއެވެ.

އެ ކައުންސިލުން ހާމަ ކޮށްފައިވާ ގޮތުގައި މިފަދަ ދުވަހެއް ފާހަގަކޮށް އެވޯޑް ދިނުމުގެ ބޭނުމަކީ ތަފާތު ދާއިރާ ތަކުން ދިގު މުއްދަތަކަށް ޝަރަފްވެރި ޚިދުމަތްތަކެއް ހޯރަފުއްޓަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، ތަފާތު ދާއިރާތަކުން އަގުހުރި ޚިދުމަތްތަކެއް އެ ރަށަށް ކޮށްދެއްވާފައިވާ ޢިއްޒަތްތެރީންގެ އަގު ވަޒަން ކުރުމެވެ.

މީގެ އިތުރުން ދުނިޔޭގެ ފެންވަރުގައްޔާއި ޤައުމީ ފެންވަރުގައްޔާއި އަތޮޅު ފެންވަރުގައްޔާއި، ރަށު ފެންވަރުގައި، ހޯރަފުއްޓަށް ރީތިނަމާއި ޝަރަފް ހޯދާދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމާއި، ހޯރަފުށީގެ ކުރިއެރުމާއި ތަރައްޤީއަށް އެންމެ ލާބަހުރި އެހީތެރިކަން ދެއްވި މަދަދުވެރިންނާއި، ޚިދުމަތްތެރީންނާއި، ދަރުމަވެރީންގެ އަގުވަޒަން ކުރުމަކީ މި ދުވަސް ފާހަގަ ކުރުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި، ދިވެހި ބޭސްވެރިކަމާއި، އުފެއްދުންތެރިކަމުގެ ދާއިރާތަކުން ޒުވާނުން ބިނާކުރުމަށް ހިތްވަރު ދިނުމާއި،ރަށުގެ މުއައްސަސާތަކާއި، ކުލަބު ޖަމިއްޔާ ޖަމާއަތްތަކުގެ އިޖުތިމާއީ ރޫޙު އާލާކުރުމާއި، ރަށުވަންތަ ލޯބީގައި މަސައްކަތްކުރުމަށް ހިތްވަރު ދިނުމާއި، އެފަދަ ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަންކުރުމަކީ ވެސް މިފަދަ ދުވަހެއް ފާހަގަ ކުރުމުގެ މަޤުޞަދުތައްކުގެ ގޮތުގައި އެ ކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ.

މީގެއިތުރުން އެ ރަށުގައި ތަޢުލީމީ، ޞިއްޙީ، ތިމާވެށި، ކުޅިވަރު އަދި ވިޔަފާރިއާއި އިޤްތިސާދުގެ ދާއިރާއިން ހުނަރުވެރި ޖީލެއް ބިނާކުރުމުގެ ރޫޙުއުފެއްދުމާއި، ދީނީ ތަޢުލީމު ކުރިއެރުވުމަށް ހިތްވަރު ދިނުމާއި، ދީނީ ހޭލުންތެރިކަން އުފެއްދުމަށް ބާރު އެޅުމާއި، ދިވެހިބަހާއި އަދަބިއްޔާތު، އަދި ތާރީޚާ ސަޤާފަތް ނަގަހައްޓައި ދެމެހެއްޓުމަށް ބިނާކުރަނިވި، މަސައްކަތްތަކެއް ކުރަމުންދާ ފަރާތްތަކުގެ އަގު ވަޒަންކޮށް ހިތްވަރު ދިނުމަކީ ވެސް މިފަދަ ދުވަހެއް ފާހަގަ ކުރުމުގެ މަޤުޞަދުތަކުގެ ގޮތުގައި އެ ކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ.

ބަޔާންކުރެވިދިޔަ ދާއިރާތަކުން ޝަރުތުހަމަވާ ފަރާތްތަކަށް "ހޯރަފުށީ ޑޭ" ގައި އެވޯޑް ދިނުމަށް ހަމަޖެހިފައިވާއިރު، އެވޯޑަށް ކުރިމަތި ލުމުގެ ފުރުޞަތު އެ ކައުންސިލުން ވަނީ 06 ޖުލައި 2023 އިން ފެށިގެން 31 ޖުލައި 2023 ގެ ނިޔަލަށް ހުޅުވާލާފައެވެ.

އެ ކައުންސިލުން އިތުރަށް ވިދާޅުވެފައި ވަނީ އެވޯރޑަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހޯރަފުށީ ކައުންސިލުގެ އިދާރާއިންނާއި، ހޯރަފުށީ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައިވާ ލިންކު މެދުވެރިކޮށް ފޯމް ލިބެން ހުންނާނެ ކަމަށެވެ.

އޮންލައިންކޮށް ފޯމް ހުށަހަޅުއްވަން ބޭނުން ފުޅުވާ ފަރާތްތަކުން ހޯރަފުށީ ކައުންސިލްގެ އީ މެއިލް info@hoarafushicouncil.gov.mv އަށް މެއިލް ކުރެއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.