ދެވަނަ ދައުރުގައި ދެ ކޮމަންޑޫ ގުޅާލާއި، މަތިކޮމަންޑޫގައި 300 ހައުސިންގ ޔުނިޓް އަޅުއްވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރެއްވުމަށް ކޮމަންޑުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ސާލިހުގެ ދެވަނަ ދައުރެއްގައި ކޮމަންޑުއަށް ކޮށްދެއްވާނެ ކަންކަން ހާމަކުރައްވާ، އެރަށުގެ ރައްޔިތުން އެދޭގޮތަށް ކޮމަންޑޫ ކައިރީ އޮންނަ ކުޑަފަރުގައި އެއަރޕޯޓެއް ތަރައްގީކޮށްދެއްވާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އަދި ދެކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ޖުލައިމަހު ފަހުކޮޅު ފަށްޓަވާނެކަން ވަނީ ހާމަކުރައްވާފައެވެ.
މީގެ އިތުރުން ކޮމަންޑޫ ސިއްހީ މަރުކަޒު 30 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވާނެ ކަމަށާއި އުފާވެރި އަމާން ރާއްޖެއެއް އެއީ ކޮންމެ ރައްޔިތަކުން ވެސް ބޭނުންވާނެ ކަމެއް ކަމަށާއި އެއީ ހަމައެކަނި ބުނާބަހަކުން ކުރެވޭނެކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ. އެއާއެކު ކުރަންޖެހޭ ބައިވަރު މަސައްކަތްތަކެއް އެބަހުރިކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
"ފާއިތުވި 5 އަހަރު ދުވަހު މި ސަރުކާރުން ކުރި އެންމެ ބުރަ އެންމެ މުހިންމު މަސައްކަތަކީ މި ރާއްޖެއަކީ ހަމަޖެހޭ އަމާން މުޖުތަމަޢުއަކަށް ހެދުމަށް ކުރި މަސައްކަތް. އެކަމުގެ ނަތީޖާ މާލެއާއި އަތޮޅުތަކުން ދަނީ ފެންނަމުން." ރައީސް ވިދާޅުވިއެވެ.
ދިވެހި ކޮންމެ ފަރުދަކީ ވެސް އުފާވެރިކަމާއެކު ހަމަޖެހިގެން ރާއްޖޭގައި އުޅެވޭ މީހަކަށްވާންޖެހޭ ކަމަށާއި އަސާސީ ހިދުމަތްތަކުން މަހުރޫމުވެތިބެ، އުފާވެރި ދިރިއުޅުމެއް ނުލިބޭނެކަން އެމަނިކުފާނު ފާހަގަ ކުރައްވާފައި ވެއެވެ. އަދި އެހެންކަމުން އާބާދީގެ ކުޑަ ބޮޑުމިނެއް ތަފާތު ކުރުމެއްނެތި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމް.ޑީ.ޕީގެ ފަރާތުން ވާދަކުރައްވާ އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސް ސާލިހުގެ ކެމްޕެއިން ދަތުރުތައް ރަސްމީކޮށް ފެއްޓެވީ މިއަދުއެވެ.
ރާއްޖޭގައި މީހުން ދިރުއުޅޭ ހުރިހައި ރަށަކަށް ޒިޔާރަތް ކުރެއްވުމުގެ މަގުސަދާއެެކު ރައީސް ސާލިހުގެ ކެމްޕެއިން މިއަދު ފެއްޓެވީ ށ. އަތޮޅުންނެވެ.
މި ދަތުރުފުޅުގެ ތެރެއިން އެންމެ ފުރަތަމަ މަންޒިލެއްގެގޮތުގައި ކޮމަންޑޫއަށް ވަޑައިގެން އެމަނިކުފާނުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ، މި ސަރުކާރުގެ ސިޔާސަތުތަކާއި ތަރައްގީގެ މަޝްރޫއުތަކާއި އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރާއި ގުޅޭގޮތުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އެމް.ޑީ.ޕީގެ އިސް ފަރާތްތަކާއި އެމަނިކުފާނާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީއާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް ގެ ލީޑަރުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!