ށ. ކޮމަންޑުއާއި މަތިކޮމަންޑޫ ގުޅައިލުމުގެ އަމަލީ މަސައްކަތް މިއަންނަ އޯގަސްޓު މަހު ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މިއީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދުފުޅަކަށްވާއިރު، ކޮމަންޑޫގެ ފަޅުތެރޭގައި އޮންނަ މަތިކޮމަންޑޫ ހިއްކާ ދެރަށް ގުޅާލުމުގެ މަސައްކަތުގެ ދަށުން އެމްޓީސީސީން މިހާރުވަނީ މަތި ކޮމަންޑޫގައި ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދު ހިއްކުމުގެ ތައްޔާރީތައް ވެސް ފަށާފައެވެ.
އެމްޓީސީސީ އިން ބުނީ ހިއްކާ ސަރަޙައްދުގައި މިހާރު ވަނީ ބަންޑްވޯލް ޖަހާފައި ކަމަށާއި މިމަހުގެ ފަހުކޮޅު ހިއްކަން ފެށުމަށް އެމްޓީސީގެ ޖައްރާފާ އެރަށަށް ގެންދާނެ ކަމަށެވެ.
249 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ބޮޑު މި މަޝްރޫއު ދެ އަހަރު ތެރޭގައި ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، މި މަޝްރޫއުގެ ދަށުން 1،690 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެއެވެ.
މީގެ އިތުރުން 16.7 ހެކްޓަރުގެ ބިން މަތިކޮމަންޑޫން ހިއްކައި 1،520 މީޓަރުގެ ބޮޑުހިލައިގެ ފައިކަނި 112 މީޓަރުގެ ޖިއޯބޭގް ތޮށި މަތިކޮމަންޑޫގައި ގާއިމުކުރަން ވެސް ހަމަޖެހިފައި ވެއެވެ.
މަތިކޮމަންޑޫ ބިން ހިއްކާ ނިމުމުން އެ ރަށާއި އެއްފަޅެއްގައި އޮންނަ ކޮމަންޑޫއާ 200 މީޓަރުގެ ދިގުމިނުގެ ލިންކަކުން ގުޅާލާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!