" ތި ސުވާލަށް ޖަވާބު ދޭކަށް ބޭނުމެއް ނޫން.."
ޔަޝްމީ އެހެން ބުނުމާއިއެކު ހާރޫންއަށް ދެލޯ މަރާލެވުނެވެ. އަތުގެ އިނގިލިތައް ފިއްތާލެވުނުލެއް ބާރުކަމުން، އޭނާގެ އަތުގެ އުޅަނބޮށިން ފެށިގެން އަތްތިލައާއި ހަމައަށް ފުއްޕާފައި ހުރި ނާރުތަކަށްވެސް ބާރުވެގެން ދިޔަ ކަހަލައެވެ. ހުއްޓުން އަރާފައި ހުރި ހާރޫންއަށް ދެލޯ ހުޅުވައިލެވުނީ ދާދި ކައިރިން އިވުނު ޔަޝްމީގެ އަޑުންނެވެ. އޭރު ޔަޝްމީ ހުރީ ސީދާ އޭނާގެ ކުރިމަތީގައެވެ.
" އަހަރެންގެ ފަހަތުން ނޫޅޭ! ހެޔޮނުވާނެ! "
ރައްދުގައި ހާރޫން އެއްވެސް އެއްޗެއް ނުބުނުމުން، އިތުރަށް މަޑުނުކޮށް ޔަޝްމީ ގެއާއި ދިމާލަށް ހިނގައިގަތެވެ.
***
ޝާކިރު އިންތިޒާރު ކުރަމުން ދިޔައީ ހާރޫން އިސްވެގެން ޔަޝްމީގެ ކައިވެންޏަށް އެދޭނެ ދުވަހަކަށެވެ. ހާރޫން ކިތަންމެ ދުރުން ފެނުނަސް ޝާކިރު ހާރޫންގާތަށް ގޮސް ވާހަކަ ދައްކާ ހަދައެވެ. މިއަދަކީވެސް އެފަދަ ދުވަހެކެވެ. ގަސްދޮށުގައި ހުރި ޖޯލީގައި ޝާކިރު އިނީ ހާރޫން އަންނާނެ އިރަކަށް ބަލަބަލައެވެ.
" މިހާރު ހަފްތާއެއް ވެގެން ދިޔައީ! އަދިވެސް ހާރޫން އެކަހަލަ އެއްވެސް ވާހަކައެއް އަހަރެމެންގާތު ނުދައްކާ! އަނެއްކާ އޭނަ ޚިޔާލު ބަދަލުވީބާ؟ "
ކާގެތެރެއިން ނިކުމެގެން އައި ފާއިޒާގާތު ޝާކިރު ބުންޏެވެ. އަތުގައި އޮތް ކުޅިރޮޅިކޮޅު ކާލަމުން ފާއިޒާ ދެފަރާތަށް ބޯ ހޫރާލީ، ޝާކިރުގެ ވާހަކައަށް ނުރުހުން ވެގެންނެވެ. ކަންތައްތަކާއި އަބަދުވެސް ލައިނުގަނެގެން ޝާކިރު އުޅޭކަމީ ފާއިޒާ އަބަދުވެސް ދައްކައިއުޅޭ ވާހަކައެކެވެ.
" ޝާކިރު! ކެތްތެރިވޭ! ހަމަޖެހޭ! މީހަކަށް ލިބެން ހުރި ނިޢުމަތެއް އެމީހަކަށް ލިބޭނެ! ޝާކިރު އަނގަ ގަދަވެގެން ގޮސް އަމިއްލައަށް ހާރޫންގާތު ތިޔަ ވާހަކަ ދެއްކިއްޔާ އެކަންވާނީ ވަރަށް ހަޑި ކަމަކަށް."
ފާއިޒާ އެހެން ބުނުމުން ޝާކިރު ބޯޖަހާލިއެވެ. އަދި ހިނިތުންވަމުން ފާއިޒާއަށް ބަލައިލިއެވެ.
" އަހަންނަށްވެސް ތިކަން އެނގެޔޭ! އަހަރެންވެސް ހާދަ ވިސްނަމޭ! ހާރޫން ރަނގަޅުކަމުން އަހަރެމެންނަށް އެ އިންޖީނުގަނޑު އަލުން ބޭނުންކުރަން ލިބުނީ! ދެން އޭނަ ބޭނުންވާ ކަންތައް އަހަރެމެން ކޮށްނުދީ އޭނައަށް ދައްކާނީ ކޮން މޫނެއް؟ އަހަންނަކީ ޔަޝްމީގެ ބައްޕަ! އަހަރެންދޯ ލަދުގަންނާނީ؟ ދުރުމީހަކު އައިސް އެވަރުގެ ބޮޑު ޚަރަދެއް ކުރާނެތަ؟ ނުކުރާނެ! އެކަމުންވެސް އެނގެނީ އެއީ ވަރަށް ދީލަތި މީހެއްކަން! ބޮޑު މުއްސަންޖަކަށް ނުވިޔަސް އޭނައަކީ ފޯރާ މީހެއް.. އަހަރެމެންގެ ދަރިފުޅު ޙާލަކު ނުޖެހޭނެ! އަނެއްކޮޅުން ދިރިއުޅުމަކީ ކޮބައިކަން އެވަރުގެ މީހުންނަށް މާ ރަނގަޅަށް ވިސްނޭނެ.."
ފާއިޒާގެ ގައިގައި ކޮއްޓަމުން ޝާކިރު ޖުމްލަތައް އަމުނަމުން ދިޔައެވެ. ކަނުލާ އަޑުއަހަން ފާއިޒާއިނެވެ.
" މަންމާ! ކާން ހެދިއްޖެތަ؟ "
ޖާވިދްގެ އަޑަށް ފާއިޒާއާއި ޝާކިރަށް ބަލައިލެވުނީ އެއްފަހަރާއެވެ. އޭރު ޖާވިދާއިއެކު ހާރޫންވެސް އާދެއެވެ. ހާރޫން ފެނުމުން ބޭއިޙްތިޔާރުގައި ޝާކިރަށް ކޮޅަށް ތެދުވެވުނެވެ.
" ހާރޫންވެސް ހިނގާ ކާން ދަމާ! "
ޝާކިރު ހެވިދިލިފައި ހުރެ ބުންޏެވެ. އެއާއިއެކު ޖާވިދް ހާރޫންއަށް ބަލައިލިއެވެ.
" އާނ! ހާރޫން މާދަމާ މާލެދާންވެގެން އެއުޅެނީ!"
ޖާވިދްގެ ޖުމްލައިން ޝާކިރުގެ އިތުރުން ފާއިޒާއަށްވެސް ހާރޫންއަށް ބަލައިލެވުނީ ސުވާލުގެ ނަޒަރަކުންނެވެ. ލުއި ގޮތަކަށް ހީލަމުން ހާރޫން ބޯ ޖަހާލިއެވެ.
" ހީކުރި ވަރަށް ވުރެ މާ އަވަހަށް މަސައްކަތް ނިމިއްޖެ! ދެން އެސްޓިމޭޓަށް މަސައްކަތް ކުރާ މީހުން އަންނާނެ ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި! އެހެންވެ ދެން އަހަރެން ދާންކަމަށް!"
ޖާވިދް ކާގެއާއި ދިމާއަށް ހިނގައިގަތުމުން ފަހަތުން ހާރޫންވެސް މަޑުމަޑޫން ހިނގައިގަތެވެ.
" އަދި ބައްޕަ ހީކޮށްގެން މިހުރީ ދަރިފުޅު ހާރޫން ގޮވައިގެން މަސްދަތުރެއް ވެސް ދާނެކަމަށް! އަދި މަޑުކޮށްލަންވީނު!"
ޝާކިރު އިށީންނަމުން އެދުނެވެ.
" މަޑުކުރެވެން ނެތީމަ ދާން މިއުޅެނީ.."
ހާރޫންގެ ޖަވާބު ކުރެވެ. އޭނާގެ އަޑުގައިވެސް މޮޅިވެރިކަން އެކުލެވިގެންވާކަން އެންމެންނަށްވެސް ފާހަގަ ކުރެވުނެވެ. ބަތް އަޅައިގެން އޭނާ ކާންފެށި އިރުގައިވެސް އެއްވެސް މީހެއްގެ މޫނަކަށް ނުބަލައެވެ. ހަރަކާތްތައް އެހާމެ ލަހެވެ. ފާއިޒާއާއި ޝާކިރަށް އެކަކު އަނެކަކުގެ މޫނަށް ބަލަބަލާ ތިބެވުނެވެ. ޝާކިރަށްވެސް އިނދެވުނީ ދައްކާނެ ވާހަކައެއް ނޭނގިފައެވެ. ދައްކަން ބޭނުންވާ ވާހަކަތައް ފަށާނެ ގޮތެއްވެސް އޭނާއަކަށް ނުވިސްނުނެވެ.
" ޖާވިދް! އަހަރެން މިއަދު ކޮޓަރި ކުލީގެ ފައިސާވެސް ހަމަޖައްސާނަން.."
ތަނަށްވެރިވެފައިވާ ހަަމަހިމޭންކަން ނަގައިލީ ހާރޫންއެވެ. އެއާއިއެކު ފޯނަށް ބަލަން އިނދެ ކަމުން ދިޔަ ޖާވިދް ހިނިތުންވެލިއެވެ.
" ނޫނޭ! ހާރޫން ކީއްކުރަން ކުލި ދައްކަންވީ؟ ކުލި ދޭނެ ކަމެއްނެތް! "
ޝާކިރު ތެޅިގަނެފައި ބުނެލިއެވެ. އެއާއިއެކު ޖާވިދަށް ބަލައިލެވުނީ ހާރޫންގެ މޫނަށެވެ.
" ތެދެއް ހާރޫން! ކުލި ދައްކާނެ ކަމެއް ނެތް.. އެހެން ނޫނަސް ބައްޕައަށް ހާރޫންވެދިން އެހީތެރިކަަމަކީ އަހަންނަށްވެސް ނުވެވެނޭވަރުގެ ބޮޑު އެހީތެރިކަމެއް.. އަހަރެމެން މުޅި އާއިލާ އެކަން ބަލައިގަންނަން"
މޭޒުމަތީގައި ފޯނު ބާއްވާލަމުން ޖާވިދް ބުނެލިއެވެ. އޭރު ހާރޫން ކައި ނިންމާލައިފިއެވެ.
" ނޫނޭ! އެއީ އަދި މުޅިން ވަކިކަމެއް.. އަހަރެން މިގެއަށް މިއައީ ކުއްޔަށް! އެހެންވީމަ އެފައިސާގައި ހިފަން ވާނެ! "
ހާރޫން ހިނިތުންވަމުން ފެންތަށި ދަމާލިއެވެ. އެއަށްފަހު އޭނާ ތެދުވެގެން ބޭރަށް ދިޔައީ ދަނީއޭ ބުނެލުމަށްފަހުއެވެ.
" ޔަޝްމީއާއި އިންނަން ބޭނުންވިޔަސް އަހަރެމެންގާތު ބުނީމައެއްނު އެނގޭނީ؟"
ޝާކިރު ވާހަކަ ދެއްކީ ޖާވިދާއެވެ.
" ޝަހާނާވެސް އެކަހަލަ ވާހަކައެއް ދެއްކި! އެކަމަކު ހާރޫންގެ ފަރާތުން އެކަހަލަ އެއްވެސް އިޝާރާތެއްނުވެއެއްނު. އެހެންވީމަ އަހަރެމެން ކިހިނެއް އެވާހަކަ އަހާލާނީވެސް؟"
ޖާވިދް ތެދުވުމާއިއެކު ދުރުން އަންނަ ހާރޫން ފެނުނެވެ. އޭނާ އައިގޮތަށް އައިސް ފަސްސަތޭކަ ރުފިޔާގެ ނޫޓުތަކެއް ޖާވިދަށް ދިއްކޮށްލަމުން ބުނެލިއެވެ.
" އަހަންނަށްޓަކައި އާއިލާގެ އެންމެންވެސް ބެެހެއްޓި ގާތްކަން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ! ވަރަށް ބޮޑަށް ޝުކުރިއްޔާ"
ހާރޫން ހިނިތުންވެފައި ހުރި ނަމަވެސް އޭނާގެ މޫނުމަތީގައި ވަނީ ނުތަނަވަސްކަމެވެ. އަޑުގައިވެސްވަނީ މޮޅިވެރިކަމެވެ.
" ހާރޫން! މިއަދު ޝުކުރު އަދާކުރަންޖެހޭނީ ހާރޫންއެއްނޫން.. އަހަރެމެން! އަހަރެމެންނަށް ހާރޫން ކޮށްދިން...."
ޝާކިރު ވާހަކަ ދައްކަދައްކާ ހުއްޓައި ހާރޫން ޝާކިރުގެ ކޮނޑުގައި އަތް ޖައްސާލިއެވެ.
" ބޭބޭ! ދެން އެވާހަކަ ނުދައްކާ! މީހަކަށް އެހީވެދީފައި އަބަދު އެވާހަކަ ދެއްކުމަކީ އަހަރެން ކޮށްއުޅޭ ކަމެއްނޫން.."
ހާރޫން ބުނެލިއެވެ. އެއާއިއެކު ޝާކިރުގެ ލޮލުން ކަރުނަ ހިލިގެން ދިޔަތަން ހާރޫންއަށް ފެނުނެވެ. އެއްވެސް މީހަކު އެ ފައިސާގައި އަތްނުލުމުން ހާރޫން ނިކުމެގެން ދިޔައީ މޭޒުމަތީގައި އެ ނޫޓްތައް ބަހައްޓާފައެވެ.
ބާރު ހިނގުމުގައި ގޮސް ހާރޫން ގެއަށް ވަންނަން ދިމާކުރި ވަގުތަކީ ޝަހާނާވެސް ބޭރަށް ނިކުންނަން އައި ވަގުތެވެ.
" ނާއުއްމީދުވެގެންތަ މިރަށުން ދާން ތިއުޅެނީ؟ "
އެތެރެއަށް ވަންނަން އެޅި ފިޔަވަޅުވެސް ހާރޫން މަޑުޖައްސާލިއެވެ. އަދި ނުވިސްނޭފަދަ ގޮތަކަށް ޝަހާނާއަށް ބަލަހައްޓައިގެން ހުއްޓެވެ. ހާރޫންއަށް ފުރަގަސްދީގެން ހުރި ޝަހާނާ އަވަސް އަވަހަށް ހާރޫންއަށް ބަލައިލަމުން އެއްމިޔަނަކުން ހީލިއެވެ.
" ހީކުރީތަ އެއްވެސް މީހަކަށް ނޭނގޭނެޔޭ! ހާރޫން، ޔަޝްމީ ބޭނުންވާކަން ނޭނގޭ އެކަކުވެސް މިހާރު މިގެއަކު ނެތް! އެންމެންނަށް އެނގިއްޖެ! އެމީހުން އެތިބެނީ ހާރޫންގާތު އެވާހަކަ ދައްކަން ނުކެރިގެން.. އަސްލު އެމީހުންވެސް ބޭނުންވެޔޭ ޔަޝްމީ ހާރޫނާ ދެވަން! ހާރޫން ޔަޝްމީގާތު ކިތަންމެ ވާހަކަތަކެއް ދެއްކިޔަސް، އޭނަ ބުނާނެތަ މަންމަމެން ގާތު؟ ނުބުނާނެ! އޭނަ އެހުންނަނީ މަންމަމެންނަށް އެނގިދާނެތީ ބިރުން! "
ކާގެއިން މީހަކު އާދޭތޯ ބަލަމުން ޝަހާނާ، ހާރޫނަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ. ހާރޫން ހުރީ އިތުރަށް އޮޅުން ފިލުވަން ބޭނުންވެފައެވެ.
" ޔަޝްމީ ނުޤަބޫލުވީމަ އަހަރެން މިހުންނަނީދެން އެކަމާ ނޫޅެންކަމަށް! "
ހާރޫން ހަމަޖެހިލިއެވެ. އެއާއިއެކު ޝަހާނާ ތުންތަޅުވާލީ ހާރޫންގެ ވިސްނުން ހުރި ގޮތުން މަލާމާތްކުރާކަހަލަ ގޮތަކަށެވެ.
" ހާދަ ނުވިސްނެޔޭދޯ! އޭނަ ނުޤަބޫލުވީ ހާރޫންގާތުއެއްނު! ބައްޕަ އަމުރުކުރިއްޔާ އޭނައަކަށް ނުކެރޭނެ ޗުއްޕުވެސް ބުނަން. އޭނައަށް ޖެހޭނީ އިންނަން! "
ޝަހާނާގެ ވާހަކަތައް އަޑުއަހަން ހާރޫން ޝައުޤުވެރިވިއެވެ.
" ޔަޝްމީ ނުޤަބޫލުގައިވެސް އޭނައާއި ކައިވެނިކުރަން ބޭނުންތަ؟ ބުނެބަލަ! "
ދެބުމަ ހިއްލާލަައިގެންހުރެ ޝަހާނާ ބަލަންފެށީ ސީދާ ހާރޫންގެ ލޮލަށެވެ. އެއާއިއެކު ހާރޫން ފުންކޮށް ވިސްނާލިއެވެ.
" ބޭ..ނުން! ބޭނުން ކައިވެނި ކުރަން! "
ހާރޫން އެހެން ބުނުމާއިއެކު ޝަހާނާ ހީލިއެވެ. އޭނާގެ ހިނިތުންވުމުން ސިފަވަނީ ބޮޑު ކާމިޔާބެއް ލިބުނު ކަހަލަގޮތެކެވެ.
" އަހަރެން އެމީހުންގާތު އެވާހަކަ ދައްކަފާނަން.. ހާރޫންއަށް ނުކެރެންޏާ އަހަރެން އެވަރު ކޮށްދީފާނަން.. ހިތަށް އަރާފާނެ އަހަރެން ކީއްވެގެންބާއޭ މިހާވަރުން މިއުޅެނީ؟ އަސްލުވެސް ހިތަށް އަރާނެޔޭ! ބުނަންތަ؟ ހަމަ ޔަޝްމީއަށްޓަކައޭ.. އަހަރެން ދެކެނީ އެއީ އަހަރެންގެ ކޮއްކޮގެ ގޮތުގައި! އޭނައަށް ރަނގަޅު މުސްތަޤްބަލެއް ލިބުމަކީ އަހަރެންގެވެސް އުއްމީދު.."
ޝަހާނާ އެހެން ބުނުމުން ހާރޫން ގާތަށް ހިނިއައެވެ.
" ތިޔަ ކަހަލަ ފަހަރިއެއް ހަމަ މަދުވާނެ.. ޝަހާނާއަށް އަހަރެން ޝުކުރު އަދާކޮށްދޭނެ ގޮތެއްވެސް ނޭނގެ! އެންމެ ރަނގަޅު! މާދަމާ ހެނދުނު ވުމުގެ ކުރިން އަހަރެންގާތަށް ޔަޝްމީ ގެނެސްދީ! މާލެ ގެންދަން! އޭރުން އަހަރެން ޝަހާނާއަށް ވަރަށް ބޮޑު ހަދިޔާއެއް ދޭނަން.. އެއީ އަހަންނަށް ތިޔަވަރުގެ ބޮޑު އެހީތެރިކަމެއް ވެދިނީތީ..."
ހާރޫންގެ ޖުމްލައިން ޝަހާނާއަށް ހިނިތުންވެވުނީ ހައިރާންކަމާއިއެކުއެވެ. އެފަދަ އެއްޗެއް އޭނާ ބުނާނެކަމަކަށްވެސް ޝަހާނާ ހިއެއް ނުކުރެއެވެ. ހާރޫން ގޭތެރެއަށް ވަދެގެން ދިޔައިރުވެސް ޝަހާނާއަށް ހުރެވުނީ އަނގަ ލައްޕައި ނުލެވިފައެވެ.
" އާހް! ފައިދާ މައްޗަށް ފައިދާ! ހުރިހާ މޮޅެއް އަހަންނަކަށްނު..."
ގަޔަށް ބާރުލައިފައި އޭނާ ކާގެއާއި ދިމާލަށް ދިޔައެވެ.
***
" ހާރޫންއަށް އެނގޭ އަހަންނަށްވެސް އެކަންތައްގަނޑު އެނގޭކަން. އެހެންވެ އޭނަ ބުނެފި ބައްޕަގެ ރުހުން ހޯދައިދޭށޯ! އޭނައަށް ހަމަ ބުނަން ނުކެރިގެންނޯ!"
ޝަހާނާގެ ވާހަކަތަކުން ޝާކިރުގެ އިތުރުން ފާއިޒާގެ މޫނުމަތިންވެސް ހިނިތުންވުން ފާޅުވިއެވެ. ޖާވިދަށްވެސް ޝަހާނާއަށް ބަލައިލެވުނީ އުފާވެރިގޮތަކަށެވެ.
" ޔަޝްމީ ކޮޓަރިން ނުނިކުމެ މި އޮންނަނީ އެހެންވެގެންދޯ! އަހަރެން ހީކޮށްގެން މިހުރި މިއަހަރު ކިޔަވަން ނުދެވޭތީ އެކަމާ އޭނަ ހިތާމަ ކުރަނީކަމަށް! ނަސީބުއައިސް އަތުގައި ހިފީމަވެސް އެ އޮންނަނީ އިންކާރުކޮށްގެން.."
ޝާކިރު ތަންކޮޅެއް ބާރަށް ބުނެލިއެވެ. އެއާއިއެކު ފާއިޒާ ހޭންފެށިއެވެ.
" އެއީ އަހަރެންގެ ނަސީބެއްނޫން ބައްޕާ! އަހަރެން ބޭނުމެއްނޫން މީހަކާ އިންނާކަށް! އަދި އެއީވެސް އަހަރެންގެ ބޭބެއަށްވުރެވެސް ބޮޑު މީހެއް! "
ދުރުގައި އަޑުއަހަން ހުރި ޔަޝްމީ ބާރުބާރަށް ބުނެލިއެވެ. އެއާއިއެކު ޝާކިރަށް ކޮޅަށް ތެދުވެވުނެވެ. އެންމެންނަށްވެސް ހިމޭން ވެވުނީ ޔަޝްމީގެ ދެލޮލުން ފައިބަމުންދާ ކަރުނަތައް ފެނުމުންނެވެ. އޭނާގެ މޫނުމަތީގައިވާ ހިތާމައިގެ އަސަރުތައް ފެނުމުންނެވެ.
" އަހަންނަށް މަޖުބޫރު ނުކުރޭ ބައްޕާ! ހެޔޮނުވާނެ! އަހަރެން އޭނަޔާ އިންނާކަށް ބޭނުމެއް ނޫން.!"
ޔަޝްމީ ދެވަނަ ފަހަރަށްވެސް ބުންޏެވެ. އަދި އޭނާ މަޑުމަޑުން ކާގެއަށް ވަނެވެ. ވަކިވަކިން ފަހަރަކު މީހެއްގެ މޫނަށް ބަލާލުމަށްފަހު އަނެއްކާވެސް ވާހަކަ ދެއްކީ ޔަޝްމީއެވެ.
" ކިޔަވާނެ ފުރުޞަތު ނުލިބި ޢުމުރު ދުވަހު ހުންނަން ޖެހުނަސް އޭނަޔާ އިންނާކަށް ބޭނުމެއްނޫން! "
ފާޅުގައި ޔަޝްމީ އެހެން ބުނަމުންދާތީ ޝާކިރު މަޑުމަޑުން ކުރިއަށް ޖެހިލިއެވެ. އަދި ޔަޝްމީގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.
" މީގެ ކުރިން އަހަރެން ހީކުރީ ތިއީ އަހަރެންގެ އެންމެ ކިޔަމަންތެރި ދަރިކަމަށް. އެންމެ ބަސްއަހާ ދަރިކަމަށް. އަދި އަހަރެމެންދެކެ އެންމެ ލޯބިވަނީވެސް ޔަޝްމީކަމަށް ހީކުރީ! އެކަަމަކު މިއަދު އެނގިއްޖެ ތިއީ އަހަރެންގެ ހުރި އެންމެ ނުބައި ނުލަފާ ނުކިޔަމަންތެރި ދަރިކަން! "
ޝާކިރު އެހެން ބުނުމާއިއެކު ޖާވިދާއި ފާއިޒާއަށް ތެޅިގަނެވުނެވެ. ޔަޝްމީއަށްވެސް ލިބުނީ ކުއްލި ސިހުމެވެ. ޝަހާނާގެ އަނގަ ތަންމިނަށް ހުޅުވިގެން ދިޔައީ ލިބުނު ހައިރާންކަމެއްގެ ބޮޑުކަމުންނެވެ.
" ޝާ..ޝާކިރު؟ "
ޝާކިރު ރުޅި އައިކަން އެނގުމުން ފާއިޒާ ކަންބޮޑުވެ ހުރެ ގޮވާލިއެވެ. މީގެ ކުރިން އެބީދައިން ޝާކިރު ދުވަހަކުވެސް ދަރިޔަކާއި ވާހަކަ ދައްކާފައެއް ނުވެއެވެ.
" އަހަރެމެންނަށް މާ ރަނގަޅު ވެވޭތީ މިމީހުންނަށް ބޭނުންހާ އެއްޗެއް ބުނަން އެ ކެރެނީ! ފާއިޒާ! މީނަގެ ލަދުޙަޔާތްކޮބާ؟ މީނަ އެހީކުރަނީ އަހަރެން މީނަ ތާކުހުރި މިނިކާވަގަކާ ޙަވާލުކުރަނީ ކަމަށްތަ؟ ރޮލުންކާ އެއްޗަކާ މީނަ ޙަވާލުކުރަން އުޅެނީ ކަމަށްހޭ ހީކުރީ؟ "
ޝާކިރުގެ އަޑު އިތުރަށް ގަދަވެގެން ދިޔައެވެ. އެހިނދު ޖާވިދް އައިސް ޝާކިރުގެ ގައިގައި ހިފެހެއްޓިއެވެ. އަދި ވިސްނައިދޭން މަސައްކަތްކުރިއެވެ.
" ބައްޕާ! ހަމަޖެހިލަބަލަ! ބައްޕަ ރީތިކޮށް ވާހަކަ ދެއްކިޔަސް ކޮއްކޮއަށް އަޑުއިވޭނެޔޭ! ކޮއްކޮއަކީ އެހާ ގޯސް ކުއްޖެއް ނޫނޭ.."
ހުއްޓާނުލައި ހުރެ ރޮމުންދާ ޔަޝްމީއަށް ބަލައިލަމުން ޖާވިދް ބުންޏެވެ. ނަމަވެސް ޝާކިރު ޔަޝްމީއަށް ބަލަމުންދިޔައީ ރުޅިވެރިކަމާއިއެކުއެވެ.
" އެހެރަ ގޮތެއް ނެތް އަންހެން ކުއްޖާގާތު ބުނޭ އަހަރެންގެ ކުރިމަތިން ދުރަށްދާށޭ! ދުވަހަކު ނުފެންނަ ހިސާބަށް ދިޔަޔަސް ހެވޭ! އެނބުރި ނަޔަސް ވަރިހަމައޭ ބުނޭ! "
ޝާކިރު ބާރުބާރަށް ބުންޏެވެ. އޭރުވެސް އެހެން މީހަކަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. ދެންވެސް ވާހަކަ ދެއްކީ ޝާކިރެވެ.
"ފާއިޒާ! ހާރޫން އަހަރެމެންނަށް އެވަރުގެ ބޮޑު އެހީތެރިކަމެއް ވެދިނީތީވެސް އަހަރެން މިއަދު ލަދުގަނޭ! ޙައްޖަށް ދާން އެއްކޮށްފައި ހުރި ފައިސާތައް އޭނައަށް ދޭން އުޅޭ! ހައްޖަށް ނުދެވެނީސް ދެން އަހަރެމެން މަރުވިޔަސް..."
ބުނަން އުޅުނު ޖުމްލަ ޝާކިރަށް ހުއްޓާލެވުނީ ރޮވޭގޮތް ވުމުންނެވެ. އެއާއިއެކު އޭނާ މޭގައި އަތް ޖައްސާލަމުން ޖާވިދްގެ ގައިގައި ލެނގިލިއެވެ.
" ބައްޕަގެ މެޔަށް ތަދެއް އެބަ އަރާ ކަންނޭނގެ... ޖާ..ވިދް! ބައްޕަ.."
އެހިސާބަށް ބުނެވުމާއިއެކު ޝާކިރުގެ ގައިން ބާރުދޫވެއްޖެއެވެ. ޖާވިދާއި ފާއިޒާގެ އިތުރުން ޝަހާނާވެސް ޝާކިރުގެ ގައިގައި ހިފެހެއްޓިއެވެ. ދުވެފައި އައިސް ޔަޝްމީ ޝާކިރުއާއި ގާތްވާން އުޅުނު ވަގުތު އޭނާ ހުއްޓުވީ ފާއިޒާއެވެ.
" މަޑުކުރޭ ޔަޝްމީ! ކައިރިނުވާތި! "
ރޮވިފައިހުރެ ފާއިޒާ އެހެން ބުނުމުން އަނގަމަތީގައި އަތް އެޅުމަށްފަހު ޔަޝްމީއަށް ބާރަށް ރޯންފެށުނެވެ.
( ނުނިމޭ )
ސިލްސިލާ ވާހަކަ: ޝިކާޔަތު (14)
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!