ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނު ކުރުމަށް 202 ފަރާތަކަށް ސަރުކާރުން ސްކޮލާޝިޕް ދީފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި މި ސްކޮލާޝިޕް ސްކީމުގެ ދަށުން ހުޅުވައިލި 200 ފުރުސަތަށް 322 ފަރާތަކުން ވަނީ ހުށަހަޅާފައެވެ.
މީގެ ތެރެއިން ޕަބްލިކް ކެޓަގަރީ 50 ކެންޑިޑޭޓުން ކޮލިފައިވެފައިވާއިރު، އޯޕަން ކެޓަގަރީ އަށް 152 ކެންޑިޑޭޓުން ކޮލިފައިވެފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.
އެ މިނިސްޓްރީން ވިދާޅުވީ މި ނަތީޖާއާ ގުޅޭ ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން 11 ޖުލައި ވާ އަންގާރަ ދުވަހުގެ މެންދުރު 12 ޖެހުމުގެކުރިން http://Schol.grievance@mohe,gv.mv އަށް ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި ޝަކުވާ ހުށަހެޅުމަށް ލިބޭ މުއްދަތުގައި އެޕްލިކޭޝަނަށް އެއްވެސް އުނި އިތުރެއް ނުގެނެވޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
މިއީ މި ދާއިރާ އިން ސްކޮލާޝިޕް ދިނުމަށް ހުޅުވާލި ދެވަނަ ފުރުސަތެވެ. މިދިޔަ އަހަރު މި ސްކޮލާޝިޕް ވަނީ 173 ފަރާތަކަށް ދެވި، އޭގެތެރެއިން ގިނަ ދަރިވަރުން މިހާރުކިޔަވަން ފަށާފައިވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.
މި ސްކޮލާޝިޕްތަކަށް ހިވޭ ފަރާތްތަކުން ޕްރޮގްރާމް ފުރިހަމަކޮށް، ޕްރޮފެޝަނަލް ޗާޓާޑް އެކައުންޓެންޓަކަށްވުމަށް ހުރިހައި ހަރަދެއް ސަރުކާރުން ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން ރަޖިސްޓްރީ އަދި ރީ ރަޖިސްޓްރޭޝަން ފީ އާއި އެނުއަލް ސަބްސްކްރިޝަން ފީ އާއި އެގްޒެމްޝަން ލިބޭ ފަރާތްތަކަށް އެގްޒެމްޝަން ފީ ދިނުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން އެގްޒާމް ފީ އާއި އެފްލިއޭޝަން ފީ އާއި ދެ އަހަރުގެ ތެރޭގައި ނިމޭނަމަ، މެމްބާޝިޕް ފީ އާއި ބުކް އެލަވަންސް ވެސް ދިނުމަށް ނިންމާފައި ވެއެވެ. އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކޮލެޖު ނުވަތަ ޔުނިވާސިޓީތަކުން ކިޔަވާނަމަ، ޓިއުޝަން ފީ އަދި އަމިއްލައަށް ކިޔަވާ ފަރާތްތަކަށް ޓިއުޝަން ފީ ނުހިމަނައި، އެހެން ހުރިހައި ޚަރަދެއް ވެސް ދޭގޮތަށް ވަނީ ހަމަޖައްސާފައެވެ.
މި ސްކޮލާޝިޕަށް ހޮވުނު ފަރާތްތައް ދެ އަހަރުގެ މުއްދަތަކަށް ރާއްޖޭގައި ހިދުމަތް ކުރަންޖެހޭއިރު، މި ސްކޮލާޝިޕަށް ހޮވުނު ފަރާތްތައް ބައިވެރިވާ ޕްރޮގްރާމު ފުރިހަމަ ކުރުމަށް ސްކޮލާޝިޕް އެވޯޑު ކުރެވޭ ތާރީހުން ފެށިގެން ދެވޭނީ ގިނަވެގެން ދެ އަހަރުގެ މުއްދަތެއް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައެވެ.
ދިވެހިންނަށް އަމާޒުކޮށް އިއުލާން ކުރި ސްކޮލާޝިޕްތަކުގެ މަގުސަދަކީ އެކައުންޓިން ދާއިރާއިން ވަޒީފާގެ ބާޒާރުގައި ދިވެހިން ތަމްރީނުވުމަށް މަގުފަހިކޮށްދިނުމެވެ.
އެކައުންޓިން ގެ ދާއިރާއަކީ ވަރަށްރަނގަޅު އާމްދަނީއެއް ލިބޭ ވަޒިފާތަކެއް ހުރި ދާއިރާއަކަށްވާއިރު، މިއީ ތަމްރީނުވެފައިވާ ފަރާތްތަކުން އަމިއްލަގޮތުން މަސަައްކަތް ކޮށްގެން ވެސް ރަނގަޅު އާމްދަނީއެއް ހޯދިދާނެ ދާއިރާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!