މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް، ފުޓްބޯޅަ ލެޖެންޑް ޝާހު އިސްމާޢިލް (ސާޔާ) އައްޔަންކޮށްފިއެވެ.

އޭނާ އެ މަގާމަށް އައްޔަންކޮށްފައިވަނީ އެމްޑީއޭ އިން އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ.

Ad
rt

ޝާހު އިސްމާއިލަކީ ރާއްޖޭގައި އުފެދުނު ހުނަރުވެރި ފުޓްބޯޅަ ފޯވާޑުންގެ ތެރޭގައި ހިމެނުނު ފަރާތެކެވެ. އަދި އިދިކޮޅު ޓީމުތަކުގެ ޑިފެންޑަރުން ޖެހިލުންވާ މި ކުޅުންތެރިޔާ ވަނީ ފުޓްބޯޅަ ކުޅުއްވިއިރު، ގިނަ ކާމިޔާބީތަކެއް ވެސް ހޯއްދަވާފައެވެ.

މީގެ އިތުރުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަން ވެސް ކުރައްވާފައިވާއިރު، ދިވެހި ފުޓްބޯޅައިގެ މައި އިދާރާ ކަމަށްވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ޖެނެރަލް ސެކްރެޓަރީގެ މަގާމުވެސް ވަނީ ފުރުއްވާފައެވެ.

ހަމަމިއާއެކު ސްޕޯޓްސް މިނިސްޓްރީ އާއި ފިޝަރީސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމާއި، މިނިސްޓްރީ އޮފް ހިއުމަން ރިސޯސް ޔޫތު އެންޑް ސްޕޯޓްސްގެ ސްޕޯޓްސް އެޑްވައިޒަރކަން ވެސް ކުރައްވާފައިވާއިރު، ޝާހު ވަނީ ދިވެހި ޕްރިމިއާ ލީގް (ޑީޕީއެލް) ގެ ޑިރެކްޓާ އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމު ވެސް ފުރުއްވާފައެވެ.

ރަސްމީކޮށް ފުޓްބޯޅަ ކުޅުއްވުމާއިި ދުރުގައި ހުންނެވިނަމަވެސް ކޮންމެ ރަމަޟާން މަހަކު އޮންނަ ވެޓްރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި ޝާހު އަދިވެސްގެންދަވަނީ ހުނަރު ދައްކަވަމުންނެވެ.

އެމްޑީއޭ އިން އިއްޔެ ބޭއްވި މިބައްދަލުވުމުގައި އެޕާޓީގެ އަންހެނުންގެ ކައުންސިލް ޗެއާޕާސަން މަޤާމަށް އާއިމިނަތު ދުމެއިނާ ވަނީ އައްޔަންކޮށްފައެވެ. އަދި އަންހެނުންގެ ކައުންސިލް މެންބަރުކަމަށް ނަޒީރާ އިބްރާހީމް ވެސް ވަނީ ހޮވާފައެވެ.