މިއަހަރުގެ މޭ މަހު 306 މައްސަލަ ޖެންޑާ މިނިސްޓްރީއަށް ރިޕޯޓު ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކޮށްފިއެވެ.
ކޮންމެ މަހަކު ވެސް ނެރޭ ތަފާސް ހިސާބުން ދައްކާގޮތުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 132 މައްސަލަ މޭ މަހު ވަނީ ރިޕޯޓުކޮށްފައެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަ ކަމަށާއި އެގޮތުން މިބާވަތުގެ 31 މައްސަލަ މޭ މަހު ހުށަހެޅިފައިވާ ކަމަށް ތަފާސް ހިސާބުން ދައްކައެވެ.
މީގެ އިތުރުން ޖިސްމާނީ ހާނިއްކައިގެ 22 މައްސަލައާއި ނަފްސާނީ ހާނިއްކައިގެ 22 މައްސަލައާއި އިހުމާލުވުމުގެ 17 މައްސަލައާއި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 15 މައްސަލަ މޭ މަހު ހުށަހަޅާފައިވާ ކަމަށް ވެސް ދައްކައެވެ. އަދި އެހެން ކުދިންގެ ފަރާތުން ގާނާ ލިބުން އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 9 މައްސަލައާއި އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 4 މައްސަލަ ވެސް ހިމެނޭ ކަމަށް ދައްކައެވެ.
ހަމަމިއާއެކު ހަރުކަށި ފިކުރުގެ ޖަމާޢަތުގައި ކުޑަކުދިން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 3 މައްސަލައާއި އިންޓަރނެޓް މެދުވެރިކޮށް ކުޑަކުދިންނަށް ޖިންސީ ކުރުމުގެ 2 މައްސަލައާއި ނަހަމަ ގޮތުގައި ކުދިން ބޭނުންކުރުމުގެ މައްސަލައަކާއ ިބްލެކްމެއިލް ކުރުމުގެ މައްސަލައެއް ވެސް މޭ މަހު ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސް ހިސާބުން ދައްކައެވެ.
ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 47 މައްސަލަ މިދިޔަ މޭ މަހު ހުށަހެޅިއިރު، އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ނަފްސާނީ އަނިޔާކުރުން / އަނގަބަހުން ކުރެވޭ އަނިޔާގެ 22 މައްސަލަ އެވެ.
މީގެ އިތުރުން ޖިސްމާނީ އަނިޔާ ކުރުމުގެ 16 މައްސަލައަކާއި ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ 2 މައްސަލައަކާއި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 2 މައްސަލަ ވެސް ވަނީ ހުށަހަޅާފައެވެ. އަދި ޖިންސީ ހާނިއްކަ ކުރުމުގެ މައްސަލައަކާއި ޖިންސީ ފުރައްސާރަކުރުމުގެ މައްސަލައަކާއި މާލީ އިޤްތިޞާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ.
ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މުދާ ހިފެއްޓުމާއި / މުދަލަށް ގެއްލުންދިނުމުގެ މައްސަލައަކާއި ހިފެހެއްޓުމުގެ އަމަލު ހިންގުމުގެ މައްސަލައެއް ވެސް މޭ މަހު ވަނީ ހުށަހަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!