މަޖިލިސް ހުއްޓިފައި އޮތުމުން ބޮޑަށް ގެއްލުންވަނީ ރައްޔިތުންނަށް ކަމަށާއި ނަޝީދު ބޭނުންފުޅުވުމުން ރައްޔިތުންގެ މަޖިލިސް ހިންގޭނެކަން މިއަދު އެމަނިކުފާނު ސާބިތުކޮށްދެއްވައިފި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ކޮންމެ ބުރާސްފަތި ދުވަހަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ މަޖިލިސް ހިންގަން ޖެހޭނެ ކަމަށާއި މަޖިލިސް ހުއްޓުވާފައި ބޭއްވިގެން ނުވާނެ ކަމަށެވެ.
ނަޝީދު އިސްތިއުފާ ދެއްވައިގެން ނަމަވެސް މަޖިލިސް ކުރިއަށް ގެންދަންޖެހޭކަން ފާހަގަކުރައްވައި މިއުވާން ވިދާޅުވީ މަޖިލިސް ހުއްޓިފައި އޮތީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައި މެންބަރުންގެ އަޣުލަބިއްޔަތުން ސޮއިކުރެއްވުމުން ކަމަށް ގަބޫލުކުރައްވާނަމަ، މަޖިލީހުގެ ރައީސްކަމުން ނަޝީދު އިސްތިއުފާދެއްވައި، ގާނޫނު ހަދާ މަޖިލިސް ހިގަންޖެހޭނެ ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ބައެއްް ސިޔާސީ ޕާޓީތަކުން ސަރުކާރުގެ މަސައްކަތްތަކަށް ހުރަސްއަޅާ ކަމަށާއި ސަރުކާރުގެ އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފުރައްސާރަ ކުރާ ކަމަށެވެ. އަދި މުވައްޒަފުންގެ ސަލާމަތާ ރައްކާތެރި ކަމަށް ބުރޫއަރާ އަދި އޮފީސްތަކުން ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތްތަކަށް ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ސިޔާސީ ޕާޓީތަކުން އަމަލު ކުރެވޭނެ އުސޫލުތަކުގެ ތެރެއިން ޒިންމާދާރު ކަމާއެކު މަސައްކަތް ކުރުމަށް މިއުވާން ވަނީ އެދިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!