ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް ކޮންމެހެން ބޭނުންވާ އިސްލާހުތައް ގެނެސް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ވާދަވެރިކަން އިތުރުކުރުމަށް، ދިވެހި ސަރުކާރާއި ވޯލްޑް ބޭންކާ ދެމެދު 67.8 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާ)ގެ ދެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުންތަކުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އިބްރާހިމް އަމީރުއެވެ. އަދި ވޯލްޑް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާއިން ރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒެރްވޯސް އެވެ.

Ad
d

ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، އިގްތިސާދު ސިންދަފާތު ކުރުމަށްޓަކައި ދިވެހި ސަރުކާރުން ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި މި ދެ މަޝްރޫއުގެ ސަބަބުން، ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ތަނަވަސްވެ، ކާމިޔާބު މަސްވެރިކަމުގެ ސިނާއަތް ހަރުދަނާވެ، ދިގު މުއްދަތަކަށް މާލީ އަދި އިގްތިސާދީ ހަމަޖެހުން ކަށަވަރުކުރެވޭނެ މުހިންމު އިސްލާހުތަކެއް ގެނައުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖުމްލަ 64.8 މިލިއަން ޑޮލަރުގެ ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ މެނޭޖްމަންޓް އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް (ޓްރާންސްފޯމް)ގެ ދަށުން ރާއްޖެއަށް 52.8 މިލިއަން ޑޮލަރުގެ އެހީ ވަނީ ކަނޑައަޅައިފައެވެ. މި މަޝްރޫއުގެ އަމާޒަކީ މުޅި ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގެ މަސްވެރިކަން ބެލެހެއްޓުން ހަރުދަނާކުރުން ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކުގެ ގާތްގަނޑަކަށް 35 މިލިއަން މީހުންގެ ދިރިއުޅުމުގައި މަސްވެރިކަމަކީ މުހިންމު ދައުރެއް އަދާކުރާ ސިނާއަތަކަށް ވާއިރު، އޭގެ ތެރެއިން 14.3 މިލިއަން މީހުން ދިރިއުޅެނީ ބިން ތިރި އައްސޭރިފަށުގެ ސަރަހައްދުތަކުގައެވެ. ހަމަ އެއާއެކު، 3.3 މިލިއަން މީހުންނަކީ ސީދާ ކަނޑުގެ މަސްވެރިކަމުގެ ސިނާއަތުގައި ވަޒީފާ އަދާކުރާ މީހުންނަށްވާއިރު މި މަޝްރޫއުގެ އަމާޒަކީ ލިބެން ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޑޭޓާ އަދި ދިރާސާތައް ހަދައި އެ މައުލޫމާތު ހިއްސާކުރުމުގެ ތެރެއިން ސަރަހައްދީ ގުޅުން ބަދަހިކުރުމާއި މަސްވެރިކަމުގެ ސިނާއަތް ބަލަހައްޓައި ރައްކާތެރިކުރުމުގައި ގައުމުތަކުގެ ގާބިލިއްޔަތުކަން އިތުރުކުރުން ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

އަދި މަސްވެރިކަމުގެ ސިނާއަތް ފުޅާކޮށް، ސިންދަފާތު ކުރުމަށް ދެމެހެއްޓެނިވި އަދި އެންމެންގެ ބައިވެރިވުން އޮންނަ އުސޫލުތައް ކުރިއެރުވުމާއި، ވިޔަފާރީގެ ވާދަވެރިކަމަށް ހުރި ހުރަސްތައް ނައްތާލުމާއި، މަސްވެރިކަމުގެ ސިނާއަތް ބެލެހެއްޓުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ބާރުއެޅުމަށް ހާއްސަ ސަމާލުކަމެއް ދީގެން މަދުވެގެން 40،000 މީހުން ތަމްރީނުކުރުމަކީ ވެސް މި މަޝްރޫއުގެ ދަށުން ކުރަން ރާވާފައިވާ ކަންކަން ކަމަށް އެ އިދާރާއިން ބުންޏެވެ.

ޖުމްލަ 15 މިލިއަން ޑޮލަރު ކަނޑައަޅާފައިވާ މޯލްޑިވްސް ކޮމްޕެޓިޓިވްނެސް އެންޑް ގްރޯތު ޕްރޮޖެކްޓް (އެމްސީޖީޕީ)ގެ އަމާޒަކީ ރާއްޖޭގެ އިގްތިސާދުގައި އަމިއްލަ ފަރާތްތަކުގެ ދައުރު ފުޅާކޮށް، ހޮވާލެވޭ ސަރުކާރު ހިއްސާވާ ކުންފުނިތަކެއްގެ ހިންގުން ހަރުދަނާކުރުމެވެ. މި މަޝްރޫއުގެ ޒަރީއާއިން، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ވިޔަފާރި ލޯނުތައް ހޯދުމުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 40،000 ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއި ފަސޭހަގޮތްތަކެއް ހަމަޖެއްސުމާއި ހޮވާލެވޭ އީޖާދީ އަދި ގާބިލު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމުގެ މަގު ކޮށައިދީ، އާ މާކެޓްތަކުގައި ވާދަކުރުމަށް އާ އަދި މޫސުމާ ރައްޓެހި އުފެއްދުންތައް އުފެއްދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. މީގެ ސަބަބުން، މިހާރު ހުރި އެހެން ކުދި ވިޔަފާރިތަކަށާއި، ވިޔަފާރިވެރިންނަށް ވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ތަރައްގީކޮށް، އެ ކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިތްވަރަކަށް ވެގެން ދާނެ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

ވޯލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ރީތިކަމާއި ގުދުރަތީ މުއްސަނދިކަމުގެ ބޭނުން ހިފައި، ހާއްސަކޮށް ފަތުރުވެރިކަމުގެ ޒަރިއްޔާއިން ރާއްޖޭން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށާއި މުސްތަގުބަލުގައި ރާއްޖޭގެ އަމާޒަކީ، މިހާރަށް ވުރެ ބޮޑަށް އިގްތިސާދު ސިންދަފާތުކޮށް، ދާއިރާތަކުގެ ތެރޭގައި ބަދަލުތައް ގެނެސް، މޫސުމަށް އަންނަ ބަދަލުތަކުގެ ގޮންޖެހުންތަކާއި މާލީ ލޮޅުންތަކަށް ތައްޔާރުވެފައިވާ އިގްތިސާދެއް ބިނާކޮށްގެން މި ކުރިއެރުން އެހެން ހަރުފަތަކަށް ގެންދިއުން ކަމަށެވެ. އަދި މި ޕްރޮޖެކްޓްތަކުގެ ސަބަބުން އެ އަމާޒަށް ވާސިލުވުމަށް މަގުފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Ad
df

ޓްރާންސްފޯމް މަޝްރޫއު ކުރިއަށް ގެންދާނީ ސަރަހައްދީ ފެންވަރުގައި މަސައްކަތްކުރާ އިންޑިއަން އޯޝަން ކޮމިޝަނާއި ރާއްޖޭގެ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިންނެވެ. އެމްސީޖީޕީ މަޝްރޫއު ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް ފައިނޭންސުންނެވެ.