ނާޒިމްގެ ވެރިކަމެއްގައި ރާއްޖެ އެއްގައުމަކަށް ބަރޯސާވުން ނިމުމަކަށް ގެންނާނެ: ރިޔާޟު

ނާޒިމާއި ރިޔާޟު، ފޮޓޯ: އެމްއެންޕީ
ނާޒިމާއި ރިޔާޟު، ފޮޓޯ: އެމްއެންޕީ

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމްގެ ވެރިކަމެއްގައި ދިވެހި ރާއްޖެ، މާލީ، އިޤްތިސޯދީ އަދި ސަލާމަތީ ކަންކަމުގައި އެއްގައުމަކަށް ބަރޯސާވެގެން އޮތްއޮތުން ނިމުމަކަށް ގެންނާނެ ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޟު ވިދާޅުވެއްޖެއެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ނާޒިމްގެ މެނިފެސްޓޯ މިހާރު ޢާންމު ކުރައްވާފައިވާއިރު، އެ މެނިފެސްޓޯގެ ވަޢުދުތަކާއި ގުޅޭގޮތުން މީސް މީޑިއާގައި ކުރެއްވި މެސެޖެއްގައި ރިޔާޟު ވިދާޅުވީ، ނާޒިމްގެ ވެރިކަމެއްގައި ދިވެހި ރާއޖޭގެ އެއްގަމާއި، ކަނޑާ ވައިގެ ސަރަހައްދު ބަލަހައްޓާނީ ދިވެހި އަސްކަރިއްޔާއިން ކަމަށެވެ.

މީގެ އިތުރުން ނާޒިމްގެ ވެރިކަމެއްގައި ދިވެހި އަސްކަރިއްޔާގެ ޤާބިލްކަން އިތުރުކޮށް ހަރުދަނާކުރާނެ ކަމަށާއި، ރާއްޖޭގެ މާލީ، އިޤްތިސޯދީ އަދި ސަލާމަތީ ކަންކަމުގައި އެއްގައުމަކަށް ބަރޯސާވެގެން އޮތްއޮތުން ނިމުމަކަށް ގެންނާނެ ކަމަށް ވެސް ވިދާޅުވެފަވެއެވެ.

ރިޔާޟު ވިދާޅުވެފައިވާ ގޮތުގައި ނާޒިމްގެ ވެރިކަމެއްގައި އަބަދުވެސް އިސްކަންދޭނީ ދިވެހިންނަށެވެ. އަދި އެންމެ ނިކަމެތިންގެ ދިރިއުޅުން އުޅެމުންދާ މީހުން ފުދުންތެރި ބަޔަކަށް ހެދުމަކީ ނާޒިމްގެ ވެރިކަމެއްގައި އަމާޒެއް ކަމުގައި ވިދާޅުވެފަވެއެވެ.

''ޚިދުމަތައް އެދި ސަރުކާރުގަ ސަލާންޖަހާޖެހުން ނިމުމަކަށް ގެނެސް ސަރުކާރުގެ އޮފީސްތަކަކީ ނަޒާހަތްތެރި އަދި އަވަސް ޚިދުމަތްދޭ ތަންތަނަށް ހަދާނެ.'' ރިޔާޟުގެ އިތުރު މެސެޖެއްގައި ވިދާޅުވެފަވެއެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ނާޒިމްގެ ކެމްޕޭން ޝިއާރަކީ ''އުޖާލާ ޒަމާން'' އެވެ. މި ޝިއާރުގެ ދަށުން ''ނާޒިމް ތޭވީހުގެ ތޭވީސް'' ނަމުގައި ނެރެފައިވާ އޭނާގެ ރިޔާސީ މެނިފެސްޓޯ ގައި މައިގަނޑު 9 ބައެއް ހިމަނާފަވެއެވެ. އެ ބައިތަކަކީ އުފާވެރި ޒުވާނާ، ބާއްޖަވެރި ޢާއިލާ، އަހަރެންގެ ދިވެހިރާއްޖެ، ޢަދުލު އިންސާފު، ސަލާމަތްތެރިކަން ކަށަވަރު، ބަދަހި އިޤްތިޞާދު، ނަޒާހަތްތެރި ވެރިކަން، ފަންނީ ޖީލެއް އަދި އިސްލާމީ ވަހްދަތެވެ. އަދި މި މެނިފެސްޓޯގައި ނާޒިމްގެ ވެރިކަމުގެ ފުރަތަމަ 30 ދުވަހަށް 23 ވައުދެއް ހިމަނާފަވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި