ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖުން ޖާގަ ހޯދައިފިއެވެ.

ޒިގްޒެގުން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ މިއަދު ހަވީރު ކުޅުނު މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ނޮޅިވަރަމް ހުވާސް ބަލިކޮށްގެންނެވެ. ޒިގެޒެގް މި މެޗު ކާމިޔާބު ކުރީ 3-1 ގެ ނަތީޖާއިންނެވެ.

Ad
rt

މިއަދު މެޗުގައި ފެނިގެންދިޔަ ހުރިހާ ލަނޑެއް ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. މެޗުގައި ފުރަތަމަ ލަނޑު ފުރަތަމަ މިނެޓުގައި ޒިގްޒެގަށް ކާމިޔާބު ކޮށްދިނީ ޕްރިންސް ބޯޑޫއެވެ. ނަމަވެސް މެޗުގެ އަށްވަނަ މިނެޓުގައި ޒިގްޒެގުގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާނަގައި ނޮޅިވަރަމް ޓީމްގެ ކެޕްޓަން މާއްދު އަދުނާން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މެޗުގައި ޒިގްޒެގުން ދެވަނަ ފަހަރަށް ލީޑު ނެގީ 26 ވަނަ މިނެޓުގައި އެ ޓީމްގެ ޖެރީ އޮމްބެލޭ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ޒިގްޒެގްގެ ތިންވަނަ ލަނޑު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ޕްރިންސް ބޯޑޫއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ވެސް ހޮވުނީ އޭނާއެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާއި ކުޅުދުއްފުށީ ކްލަބް ކޮރަލްސް އެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައެވެ.