" ހެޔޮނުވާނެ ހުއްޓާލާ! ތިހާވަރު ވާކަށް އަދި ނުވެޔޭ އުޝާ! އަހަރެން ދެއްކީ ދޮގު ވާހަކަ ތަކެއްތަ؟ އަހަރެން މިރޭ ވިސްނީ އަހަންނަކީ އުޝާގެ ފިރިމީހާގެ ގޮތުގައި... އަހަރެން މިރޭ މިދެއްކި ވާހަކަ ތަކަކީ އެ ހައިޞިއްޔަތުން ދެއްކި ވާހަކަތަކެއް.. އަހަރެން މިރޭ މުޅިންވެސް ވިސްނީ އުޝާއަށް އުފާ ހޯދައިދޭނެ ގޮތްގޮތް. އެއްވެސް ޙާލެއްގައި ނޫޙު ބާކީ ކުރުމެއްނޫން އަހަރެންގެ މަޤްޞަދަކީ.. އުޝާ ހިތްދަތިވާ އެއްވެސް ކަމެއް އަހަރެން ނުކުރާނެކަން އުޝާއަށް އޮޅުނީތީ އަހަރެން ހިތާމަ ކުރަން.."
އެެހެން ބުނުމަށްފަހު ނަވީން ތެދުވެގެން ގޮސް ދުރުގައި ހުރި ސޯފާއަށް ވެއްޓިގަތެވެ. އުޝާ މައިތިރިވީދެނެވެ. ބަންޑުން އޮތް ނަވީންއަށް ބަލަހައްޓައިގެން އުޝާއަށް އެތައް އިރަކު އިނދެވުނެވެ. ނަވީން އެނބުރި އެނދަށް ނައުމުން، އޭނާއަށް ވަރަށް އަސަރުކޮށްފިކަން އުޝާއަށް ޔަޤީންވިއެވެ. އެހެންކަމުން އުޝާ މަޑުމަޑުން އެނދުން ފައިބައިގެން ސޯފާއާއި ދިމާލަށް ހިނގައިގަތެވެ. އޭނާ ގޮސް ކުޑަކަކޫ ޖަހާފައި ސޯފާބުޑުގައި އިށީނދެލިއެވެ. އަދި ނަވީންގެ ކަޅުކަންގަދަ ބޯ އިސްތަށިގަނޑުގައި މަޑުމަޑުން އަތްޖައްސާލިއެވެ.
" ސޮރީ! އަހަންނަށް މަޢާފްކުރޭ ނަވީން..." އުޝާގެ ޖުމްލަ އަޑު އިވުނު ނަމަވެސް ނަވީން އަދިވެސް ހަމަ އޮތީއެވެ.
" އަސްލު އަހަރެން ނުވާނެ އެގޮތަށް ވިސްނައިގެންވެސް.. ތިއީ އެއަށްވުރެ މާ ހެޔޮ ފިރިއެއް.. އަހަންނަށްޓަކައި ނަވީން ކޮންމެ ފަދަ ޤުރުބާނީއެއްވެސް ވެދާނެކަން އަހަންނަށް އެނގޭ.." ނަވީންގެ ބޮލުގައި އުޝާ ބޯޖައްސާލަމުން ބުންޏެވެ. ކުޑަވަގުތު ކޮޅަކަށްފަހު އަނެއްކާވެސް އުޝާ ވާހަކަ ދައްކަން ފެށިއެވެ.
" އަހަންނަށް މަޢާފެއް ނުކުރާނަންތަ ނަވީން؟" ދެންވެސް ނަވީންގެ އެއްވެސް ޚަބަރެއް ނުވިއެވެ. އެހެންކަމުން އުޝާ ދެރަވެލާފައި ތެދުވެ މަޑުމަޑުން ހިނގައިގަތެވެ. އެއާއިއެކު ކުރިއަށް ނެގި ފިޔަވަޅު ހުއްޓުމަކަށް އައީ ނަވީން އެއްލި އަތުން އޭނާގެ އަތުގައި ހިފުމުންނެވެ.
" މިހާރު އަހަރެން އުފާވެއްޖެ! " އެހެން ބުނުމަށްފަހު ނަވީން ތެދުވިއެވެ. އަދި މަޑުމަޑުން އައިސް އުޝާގެ އުނަގަނޑުގައި ހިފާލުމަށްފަހު ބުންޏެވެ.
" މިއީ އަހަރެން ވަރަށް އިންތިޒާރުކުރި ދުވަހެއް.. އަހަންނަކީ އުޝާއަށްޓަކައި ކިހާވަރެއްގެ މީހެއްކަން އުޝާ އަމިއްލައަށް އިޙްސާސް ކުރެވޭ ދުވަސް ވަރަށް ދެކޭހިތްވި.."
" އަހަންނަކީ ހިތަށް އަރާހާ އެއްޗެއް ދުލުން ހާމަކޮށް، ކިޔައިދޭ މީހެއް ނޫނޭ! އަހަރެން އެކަން ދައްކާނީ ޢަމަލުން.. އަހަންނަށް ނަވީންގެ ހެޔޮކަން އެނގުނު ދުވަހުއްސުރެ އަހަރެން ނަވީން ދުރެއް ނުކުރަން.. ނަވީންދެކެ ލޯބިވެވުނީ ކޮން އިރަކުކަމެއްވެސް އަހަންނަކަށް ނޭނގެ! " އުޝާއަށް ބޭއިޙްތިޔާރުގައި ބުނެވުނެވެ. އޭރު ނަވީންގެ ހިތް އުފަލުން ނަށަމުންދާ ކަހަލައެވެ.
" މިއީ މިކައިވެނީގައި އަހަންނަށް ލިބުނު އެންމެ އުފާވެރި ރޭ..." ނަވީން ނުހަނު ލޯބިން އުޝާގެ ގައިގައި ބައްދާލިއެވެ. އެއާއިއެކު އުޝާވެސް އުފަލުން ފޮޅިގަތެވެ.
****
އެނދުމަތީގައި އޮށޯވެލައިގެން އޮތް ޒައިންގެ މޫނުމަތިން ފެންނަމުންދިޔަ ނުތަނަވަސްކަން ނަދާއަށް ފާހަގަ ކުރެވުނެވެ. ފާޚާނާއިން ނިކުމެ ނަދާ ހުއްޓި ހުރީ ލޯގަނޑު ކުރިމަތީގައެވެ. އޭނާއަށް ޒައިންގެ މޫނަށް އަރާ ފައިބަމުންދާ ކުލަވަރުތައް ނިކަން ރީތިކޮށް ފެންނަމުން ދިޔައެވެ.
" އަހަންނާ ދެވަނަ ފަހަރަށް ކައިވެނި ކުރެވުނީމަ އަނެއްކާ، މޮޔަ ހީވެފައިތަ ތި އޮންނަނީ؟" ނަދާ އެހެން ބުނެލީ މަޖާ ރާގަކަށެވެ. ނަދާގެ އަޑަށް ޒައިން ނަދާއަށް ބަލައިލިއެވެ. އަދި ލުއި ހިނިތުންވުމެއް ރައްދު ކުރަމުން އޭނާ ތެދުވެ އެނދުމަތީގައި އިށީނދެލިއެވެ.
" އެހެންނެއް ނޫން.. އަހަންނަށްވެސް އެނގޭ ނަދާ މިހާރު ވަރަށް ބަދަލުވެއްޖެކަން! ކުރީގައި ނަމަ، ތިހެންވެސް ބުނާނީ ހަރު އަޑުން...ދެން ކުރާނީ ޒުވާބު." ޒައިންވެސް ބުނެލީ މަޖާވެލާފައެވެ. ނަމަވެސް ޒައިންގެ ޖުމްލައިން ނަދާގެ ހިތަށް އަސަރުކުރުވިއެވެ. އިސާހިތަކު އޭނާގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ.
" އަހަންނަށް އެނގޭ އަހަރެމެން ދެމީހުންގެ ޙަޔާތުންވެސް ވަރަށް ގިނަ ދުވަސްތަކެއް ބޭކާރު ވެގެން ގޮއްސިކަން. އެއީ ހަމައެކަނި ޒައިންގެ ސަބަބަކުންނޫން.. އަހަންނަށްވެސް ކަންތައްކުރެވުނު ގޮތުން އެހެން ވީ! ދެވަނަ ފަހަރަށް މި ދިރިއުޅުމަށް އެފަދަ ކަމެއް ދިމާވާކަށް ބޭނުމެއް ނޫން.. ޒައިންއާއި ވަކިވާކަށް އަހަރެން ބޭނުމެއް ނޫން.." އިސާހިތަކު ނަދާއަށް ގިސްލެވެން ފެށުނެވެ. އެމަންޒަރު ފެނި، ޒައިން ބާރުބާރަށް ތެދުވެގެން އައިސް ނަދާގެ ގައިގައި ބައްދާލަމުން ބުނެލިއެވެ.
" މާޒީގައި ވެ ނިމިފައިހުރި ވާހަކަތައް ދެން ދައްކާނެ ކަމެއްނެތް! އަހަންނަށް އެހެން ބުނެވުނީމަދޯ ތިހާ ދެރަވީ؟ ދެރަވާނެކަމެއްވެސް ނެތް.. އަހަރެން މިއީ އެހާ ދުރުމީހެއް ނޫނެއްނު.."
ޒައިން ވާހަކަ ދައްކަމުން ދިޔައިރު ނަދާގެ ދެލޮލުން ފައިބަމުންދާ ކަރުނަތަކުން އޭނާގެ މޭމަތި ފޯވަމުންދިޔައެވެ.
" ދެން އަހަރެން އެއްވެސް ކަމެއް ނަދާއަށް ސިއްރު ކުރާކަށް ބޭނުމެއް ނޫން! ހުއްޓާލައިގެން ހަމަޖެހިލަބަލަަ ޕްލީޒް.. އޭރުންދޯ އަހަރެން ނަދާއާއި ހިއްސާ ކުރަން ބޭނުންވެފައި ހުރި ވާހަކަތައްވެސް ކިޔައިދެވޭނީ.." ނަދާގެ ދެކޮނޑުގައިހިފައި ދުރުކޮށްލަމުން ޒައިން ބުނެލިއެވެ. އަދި ނުހަނު ލޯބިން ނަދާގެ މޫނު ފުހެލަދިނުމަށްފަހު އެނދާއި ދިމާއަށް ހިނގައިގަތެވެ.
" ނަދާ! އަހަރެން މިވާހަކަތައް މި ޝެއަރ ކުރަނީ ނަދާގެ އެއްބާރުލުން ލިބޭނެކަމަށް އުއްމީދުކުރަމުން.. ނޫޙަކީ އަހަރެންގެ ދަރިއެއްކަން އެނގިހުރެ، އެކުއްޖާއާއި ދުރުގައި އުޅެން ޖެހޭތީ އަހަންނަށް އުނދަގޫވަނީ.. އެދަރިފުޅު ނުފެނި އުޅެން ޖެހޭތީ ހިތަށް ތަދުވަނީ! އަހަރެން ނޫޙު ދެކެވެސް ވަރަށް ލޯބިވޭ.." ޒައިން ވާހަކަ ދެއްކީ ނަދާގެ އަތް އޭނާގެ އަތުތެރޭގައި ބާއްވަމުންނެވެ.
" ދެން އަހަރެން ކިހިނެއް ހަދަންވީ؟ މިވާހަކަތައް ދުލުން ބޭރުކުރަން އުނދަގޫވެފައި މި ހުންނަނީ ނަދާ ބުނާނެ އެއްޗެއް ނޭނގޭތީވެ!"
ނަދާގެ މޫނަށް ފަރުވާތެރިކަމާއިއެކު ބަލަހައްޓައިގެން އިނދެ ޒައިން ބުނެލިއެވެ. އެއާއިއެކު ނަދާ ޒައިންގެ މޫނުގައި އަތް ޖައްސާލުމަށްފަހު ބުންޏެވެ.
" ޒައިންއަށް ދިމާވާ ކޮންމެ ކަމެއްގައި އަހަރެން ހުރެދޭނަމޭ! އަހަންނަށް އިތުބާރު ކުރޭ ޒައިން.. " ނަދާ އެހެން ބުނެލުމުން ޒައިން ހިނިތުންވެލަމުން ނަދާގެ އަތަށް ބޮސްދިނެވެ.
" އަސްލު ތިކަމާ ބެހޭގޮތުން ވާހަކަ ދައްކަން އަހަންނަށް ފަސޭހައެއްވެސް ނޫން.. އެކަމަކުވެސް އަހަރެން ބޭނުން ޒައިންއަށް ޚިޔާލުދޭން.. އަސްލު ނޫޙަކީ ކައިވެނިން ބޭރުން ލިބުނު ކުއްޖަކަށްވެފައި ޒައިންއަކީ ނޫޙުގެ ބައްޕަކަން ނޫޙަކަށްވެސް ނޭނގެއެއްނު! މިހާރު ނޫޙު ބައްޕަ ކިޔައިގެން އެއުޅެނީ އުޝާގެ ފިރިމީހާއަށް! އުޝާވެސް ނޫޅެއެއްނު ޒައިންއަކީ ނޫޙުގެ ބައްޕަކަން އެކުއްޖާއަށް ބުނެދޭކަށެއް.. އުޝާ އެއްނު ނޫޙު ގެންގުޅެނީ.. އުޝާވެސް ނޫޙުއަށް ބައްޕައެއްގެ ލޯބި ހޯދައިދޭން އިތުރު ކައިވެންޏެއްކުރީ! އެހެންވީމަ އެގުޅުން އެގޮތުގައި އެވަރަށް ބާއްވަން އަހަންނަށް ފެންނަނީ..."
ނަދާ ވާހަކަ ދެއްކީ ލަސްލަހުންނެވެ. ނަދާގެ ވާހަކަތަކުން ޒައިންގެ ހިތަށް ލުޔެއް ލިބުނު ކަހަލައެވެ.
" ޒައިންގެ ބަލިޙާލަށް ވިސްނާފައި މަންމަ އޮތީ އުޝާ މިގެއަށް އައުން މަނާކޮށްފައި! " ނަދާގެ ޖުމްލައިން ޒައިންއަށް ލިބުނީ ކުއްލި ސިހުމެކެވެ. ނަމަވެސް ހަމަ އެވަގުތު އޭނާގެ ވިސްނުންވެސް ބަދަލު ވެގެންދިޔައެވެ.
" އެހެންތަ؟ އެއީ މުޅިން ގޯސް ނިންމުމެއްވެސް ނޫން.. މިއަދު އަހަންނަށްވެސް އެންމެ މުޙިއްމީ އަހަރެންގެ މި ކުޑަކުޑަ އާއިލާ! އަހަންނަށް ޔަޤީން އުޝާ މިގެއަށް އައިސް އުޅެން ފަށައިފިނަމަ ނަދާގެ ހިތަކަށް ލުޔެއް ނުލިބޭނެކަން.. އެހެންވީމަ ދެން އެންމެ ރަނގަޅުވާނީވެސް އެގޮތް. އަހަރެންވެސް ދެން ބޭނުމެއް ނޫން އުޝާ މިގެއަށް އައިސް ހަދާކަށް.." އުއްމީދުވެސް ނުކުރާ ފަދަ ވާހަކަތަކެއް ޒައިން ދައްކަމުންދާތީ ނަދާ އިނީ ނުހަނު ހައިރާންވެފައެވެ. އަދި އެހާމެ އުފާވެސް ވެފައެވެ.
" މި ދިރިއުޅުމަށް ބުރޫ އަރާފަދަ އެއްވެސް ކަމެއް ކުރާކަށް އަހަރެން ދެން ބޭނުމެއް ނޫން!" އަނެއްކާވެސް ޒައިން ބުނެލިއެވެ. އެއާއިއެކު ލިބުނު އުފަލެއްގެ ބޮޑުކަމުން ނަދާއަށް ޒައިންގެ މޭގައި ބޯއަޅާލެވުނެވެ. ތާއަބަދަށް ދެހިތް ގުޅިލާމެހިފައިވާ ކަމުގެ އިޙްސާސް ފުރަތަމަ ފަހަރަށް އެމީހުންނަށް ކުރެވުނު ކަހަލައެވެ.
****
ނަވީން އާއި ޖާބިރު މެންދުރު ކާން އައުމުގެ ކުރިން އުޝާ މޭޒުމަތި ތައްޔާރުކޮށްލިއެވެ. ފިހުނުމަހާއި ގަރުދިޔައަކީ ޖާބިރަށް އެންމެ މީރު ކެއުމަށް ވާއިރު، ނަވީންއަށް މީރުވަނީ އަބަދުވެސް ކޮންމެވެސް ކަހަލަ ބަތްގަނޑެކެވެ. އެހެންކަމުން އުޝާ މިއަދު ނަވީންއަށްޓަކައި ޚާއްސަކޮށް ކުކުޅުމަސް އަޅައިގެން މީރު ބަތްގަނޑެއް ތައްޔާރުކުރިއެވެ.
" ހިހޫ ވާން ވާއިރަށްވެސް ނާންނާނެ! " ގަޑި ބަލައިލުމަށްފަހު އުޝާއަށް ބުނެވުނެވެ. ހަމައެވަގުތު ބެލްޖަހާލި އަޑަށް އުޝާއަށް ލިބުނީ ހައިރާންކަމެވެ.
" މިގަޑީގައި ކާކުތަ؟ " ދެފަރާތަށް ބޯ ހޫރަމުން އުޝާ ގޮސް ދޮރު ހުޅުވާލި އިރު ދޮރުމަތީގައި ހުރީ އަމީރާއާއި ފަހުމީއެވެ. އެދެމީހުން ފެނި އުޝާއަށް ހައިރާންކަން ލިބުނު ނަމަވެސް އޭނާ ހިނިތުންވެލިއެވެ. އަދި ވަނުމަށް ޖާގަ ދިނެވެ.
" ކާން ވީނު" ބީރައްޓެއްސެއް ފަދައިން އުޝާއަށް ވާހަކަ ދެއްކުނީ އެމީހުން އުޝާ ދުރުކޮށްލީތީއެވެ. އެމީހުން ފެނުމުން އެހާބޮޑަށް އުފާ ނުވެވުނީ އެމީހުންނަށް އުޝާ މުޙިއްމުނުވާކަން އިޙްސާސްވާތީއެވެ.
" ނޫނޭ! މިއައީ ހަމަ ވަރަށް ކުރު ދަތުރެއްގައި ވަރަށް ކުޑަ ވަގުތު ކޮޅަކަށް..." އަމީރާ ބުންޏެވެ. އޭރުވެސް އެމީހުން ތިބީ ކޮޅަށެވެ.
" އިށީންނަންވީނު!" ސޯފާއަށް އިޝާރާތްކުރަމުން އުޝާ ބުނެލީ ޖެހިލުންވެ ހުރެއެވެ. ނަމަވެސް އަމީރާއާއި ފަހުމީ ތިބީ އެތެރެއަށް ވަތް ގޮތަށް ދޮރު ކައިރީގައެވެ.
" ޒައިންއާއި ނަދާ ކައިވެނިކޮށްފި! އަހަރެމެން ދެން ބޭނުމެއް ނޫން އުޝާގެ ސަބަބުން އެމީހުންގެ ކައިވެންޏަށް އެއްވެސް އަސަރެއް ކުރާކަށް.."
ބޭރުން އައިސް ދޮރުކައިރީގައި ހުއްޓުނު ނަވީންއާއި ޖާބިރުގެ ކަންފަތުގައިވެސް އަމީރާގެ އަޑު ޖެހުނެވެ. އެހެންކަމުން އެމީހުން އެތެރެއަށް ނުވަދެ ދޮރު ކައިރީގައި މަޑުކޮށްލިއެވެ.
" މަންމަ ތިހެން ބުނާއިރުވެސް ހުރިހާ ޙަޤީޤަތެއް މަންމަައަށް އެނގެއެއްނު! އަހަރެން އެމީހުންގެ ދިރިއުޅުމުގެ ތެރެއަށް އެއް އިރަކުވެސް ނުވަންނަން.. ވީކަމެއްވީ އޭގެ މާ ކުރިން! އަހަރެން އެހުރިހާ ކަމެއް ސިއްރުކޮށްގެން އެކަނިމާއެކަނި ނޫޙު ގޮވައިގެން އުޅުނީ މަންމަމެންގެ ލޯ ކުރިމަތީގައެއްނޫ! އެމީހުންނާއި އެއް ގެއެއްގައި އުޅުނު އިރުވެސް އަހަރެން އެމީހުންގެ ދިރިއުޅުމަކަށް ނުވަންނަން.. ދެން ވަކި މިހާރު ކީއްވެ؟ " އުޝާގެ ލޮލުން ކަރުނަ ހިލިގަތެވެ. ދެރަވެފައި އުޝާދެއްކި ވާހަކަތަކުން އަމީރާގެ ހިތުގައި ރަޙުމު އުފެދުނެވެ. އޭނާ ދެރަވެސްވިއެވެ.
" މަންމަމެންނަށް ހުރިހާ އެއްޗެއްވެސް އެނގޭ ދަރިފުޅާ! އެކަމަކު ޒައިންގެ ދަރިޔަކު އުޝާގާތު ހުރުމުން މަންމަމެން އެބަޖެހޭ މިވާހަކަ ދައްކަން! ބުނެބަލަ އުޝާ ބޭނުންތަ ޒައިންއަކީ ނޫޙުގެ ބައްޕަކަން ނޫޙުއަށް އަންގަން؟ " އަމީރާ ބުނެލިއެވެ. ލޮލުން ކަރުނަ ފުހެލަމުން، އަވަސް އަވަހަށް އުޝާ ދެފަރާތަށް ބޯ ހޫރާލިއެވެ.
" ދެން ބޭނުމެއްނޫން.. ދެން ބޭނުމެއްނޫން! މީގެ ކުރިން އަހަރެން ހުރީ އެކަން ސިއްރުކުރާކަށްނޫން.. އެކަމަކު އަހަންނާ ނޫޙުގެ ހިޔަނިވެސް ތި އާއިލާއަށް އެޅޭކަށް ދެން ބޭނުމެއް ނޫން! އަހަރެން އެދެނީ ޒައިންގެ ދިރިއުޅުމަށްވެސް އުފާވެރިކަން ލިބުން. އަދި މަންމަމެންނަށްވެސް ކުރިޔަށްވުރެ ފަސޭހަ ދުވަސްތަކެއް ދެއްކެވުން.. އިރާދަކުރެއްވިއްޔާ ދެން ދުވަހަކުވެސް އަހަރެމެންގެ އުނދަގުލެއް ނުޖެހޭނެ! " ކެތް ނުކުރެވިގެން އުޝާ އަމީރާއަށް ފުރަގަސްދިނެވެ. ވީ ދެރައިން ފަހުމީއަށްވެސް އިސްޖަހާލެވުނެވެ.
" އެއް އިރެއްގައި އަހަރެމެން އުޝާއާއިމެދު ދެކުނީ އަމިއްލަ ދަރިޔަކު ފަދައިން.. އަދިވެސް ދެކެނީ ހަމަ އެގޮތަށް. އެކަމަކު މިއަދު ބައްޕަމެންނަށް ޒައިންގެ އުފާތައް ވަރަށް މުޙިއްމު! އުއްމީދުކުރަން އުޝާއަށް ވިސްނޭނެކަމަށް." ފަހުމީ މަޑުމަޑުން ބުނެލިއެވެ.
" އަހަރެން އަދިވެސް އުޝާދެކެ ލޯބިވޭ! އެކަމަކު.. ބުނަން ބޭނުން ނުވިޔަސް އަހަރެމެންނާ ދުރަށްދާށޭ ބުނަން މިއަދު މަޖުބޫރުވެއްޖެ! " އެހެން ބުނެވުމާއިއެކު އަމީރާއަށްވެސް ރޮވޭގޮތްވިއެވެ. އެހެންކަމުން އިތުރަށް މަޑުނުކޮށް އޭނާ ދޮރު ހުޅުވާލިއެވެ. އެހިނދު ބޭރުގައި ތިބި ނަވީންއާއި ޖާބިރު ފެނި އަމީރާގެ ލޮލުގައި ހިފެހެއްޓިފައިވާ ކަރުނަތައް ފައިބައިގަތެވެ.
" އެއީ ވަރަށް ހެޔޮލަފާ އަންހެން ދަރިއެއް! ހެޔޮކޮށް ހިތައްޗޭ! " ޖާބިރަށް ބަލައިލުމަށްފަހު އަމީރާއަށް ބުނެވުނީ އެހިސާބަށެވެ. އޭނާ ދުރަށް ހިނގައިގަތެވެ. ފަހަތުން ފަހުމީވެސް ބާރުބާރަށް ނިކުމެގެން ދިޔައެވެ. އޭރުވެސް އެތެރޭގައި އުޝާ ހުރީ ރޮއިލަ ރޮއިލައެވެ.
" ދަރިފުޅާ! ދެން ހުއްޓާލާ! ތިކަމުގައި ލޮލުން ކަރުނައެއް ބާލާނެ ކަމެއް ނެތް! އެއީވެސް ރަޙުމަތެއްކަމުގައި ދެކިގެން ލިބިފައިހުރި ނިޢުމަތްތަކާއިއެކު އުޅެން ދަސްކުރޭ! ގެއްލިދާ ކޮންމެ ނިޢުމަތަކަށް އެކަލާނގެ އޭގެ ދެގުނަ ދެއްވަވާނެ! " ލޯތްބާއިއެކު ޖާބިރު އުޝާ ގޮވައިގެން އައިސް ސޯފާގައި އިށީނެވެ.
" އެއީވެސް ދުވަހެއް! މިއީވެސް ދުވަހެއް! އެއީ މާޒީ! މިއީ ދަރިފުޅުގެ ދިރިއުޅުން.. ދަރިފުޅުގެ ޙަޔާތް..! ދެން މި ދިރިއުޅުމައިގެން ކުރިއަށްދާންވީ! އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެޔޭ ބުނާއަޑު ދަރިފުޅުވެސް އަޑުއަހާފައި އޮންނާނީ! ދަރިފުޅު ދެވަނަ ފަހަރަށް އަޑިގަނޑަކަށް ވެއްޓުނަކަ ނުދޭނަން.. މިހާރު ތިހުރީ ވަރަށް އުހުގައި.. ދެން ދަރިފުޅު އުޅޭނީ އަހަރެމެންނާއިއެކު ހަމަ މިހާ އުހުގައި.. ޕަރީއެއް ފަދައިން އުދުހިފައި.."
ޖާބިރު އެހެން ބުނުމާއިއެކު ބައްޕާއޭ ބުނެ އުޝާއަށް ބާރަށް ރޮއިގަނެވުނެވެ. ޖާބިރުގެ ކޮނޑުގައި ބޯ ޖައްސާލައިގެން އިނދެ އޭނާއަށް ގިސްލަގިސްލާފައި ރޮވެނީއެވެ. ކުރިމަތީގައި އިން ނަވީން ހަރަކާތެއް ނެތި މަޑުން އިނީ ޖާބިރުގެ އިޝާރާތަށެވެ. އެއީ އެކަން ޙައްލުކުރަން ޖާބިރު ބޭނުންވާތީއެވެ.
" ކީއްވެ މަންމިއަށް ރޮވެނީ ؟ " ނޫޙުގެ އަޑުން އުޝާ ސިހުނެވެ. އެއާއިއެކު އޭނާ އަވަސް އަވަހަށް މޫނު ފުހެލުމަށްފަހު ގަދަކަމުން ހީލިއެވެ.
" ނޫޙު ބޭނުމެއް ނޫން މަންމަ ރޯކަށް" ނޫހު އައިސް އުޝާގެ ކުރިމަތީގައި ހުއްޓުނީ ނުހަނު ދެރަވެފައެވެ.
" މަންމަ މިރޮނީ އުފަލުން.. އެނގޭތަ އެއީ ކީއްވެގެންކަން؟ އެއީ މަންމައާއި ދަރިފުޅަށް ލިބުނު ބޮޑު ނިޢުމަތުން.... ކާފައާއި ބައްޕިއަކީ މަންމައާއި ނޫޙުއަށް މާތްﷲ ދެއްވެވި ރަޙުމަތެއް.. الحمدلله"
އުޝާއަށް ނޫޙުގެ ގައިގައި ބައްދާލެވުނެވެ.
" ދެން ހަމަޖެހިލައިގެން އިނދޭ.. ކާން މި އަންނަނީ ނަމާދު ކޮށްލައިގެން " ގަޑި ބަލާލަމުން ޖާބިރު ބުންޏެވެ.
" ކާފާ.. ކޮއްކޮ ވެސް ނަމާދުކުރަން ބޭނުން.." ނޫޙު އެހެން ބުނުމާއިއެކު ޖާބިރު ނޫޙުގެ އަތުގައި ހިފައިގެން ހިނގައިގަތީ ނޫޙުއާ ވާހަކަ ދައްކަމުންނެވެ. ޖާބިރު ގޮސް ކޮޓަރިއަށް ވަނުމާއިއެކު ނަވީން އަވަސް އަވަހަށް އައިސް އުޝާއާއި ދާދި ގާތުގައި އިށީނެވެ.
" މާ ގިނައިން ތި ރުއީ... ދެން ނުވާނެ ތިހެން ރޮއިގެންނެއް.. އަހަންނަށް ކެތްވެގެންނެއް ނޫން މަޑުން މިއިނީ..ބައްޕަ ބުނީމަ މަޑުކުރީ އެއްޗެއް ނުބުނެ.."
ނަވީންގެ ރާގުގައި ހިތްހަމަނުޖެހުމުގެ އަސަރުތައް އެކުލެވިފައިވާކަން އުޝާއަށް ފާހަގަ ކުރެވުނެވެ. އެހެންކަމުން އޭނާ ބޭނުންވީ ނަވީން އުފާކޮށްލުމަށެވެ.
" ނަވީން ރޮއްވިއްޔާ ނޫނީ ދެން ނުރޯނަން..." އުޝާ އެހެން ބުނުމާއެކު ނަވީން ބުމަ ހިއްލާލިއެވެ.
" އަހަރެން ރޮއްވާާނެތަ؟" ނަވީންއަށް އެހިސާބަށް ބުނެވުމާއިއެކު އުޝާ އެއް އަތުން މޭގައި އަތް ޖައްސާލުމަށްފަހު އަނެއް އަތުން އަނގަމަތީގައި އަތް އެޅިއެވެ. އަދި ބާރުބާރަށް ދުވެފައި ކޮޓަރިއަށް ދިޔައެވެ. ފަހަތުން ނަވީންވެސް ދިޔައެވެ.
" އަނެއްކާ މިއުޅޭ ވައިރަލް ރޯގާބާ؟ ހާދަ ބައިވަރު އެއްފަހަރާ ތި އޮއްސާލި.. " އުޝާ ފާޚާނާއިން ނިކުތުމާއިއެކު ނަވީން ފެންފުޅި ދިއްކޮށްލިއެވެ.
" ހޫމް.. މީ ނަވީން އަހަންނަށް ދިން ނުވަމަހުގެ ކޯހެއް.. ހުވާ މިބުނީ ދުވަހަކު އެއްޗެއް ނުވިސްނޭނެ.." އުޝާ އެނދުމަތީގައި އިށީންނަމުން ބުންޏެވެ.
" އޭ؟ ދެން.. ހަމަ އަސްލުވެސްތަ.. މަމަމަޑުކޮށްބަލަ... ކޮންއިރަކު އުޝާއަށް އެނގުނީ؟ ނުވެސް ބުނަމެއްނު.. ދެން ކިޔައިދީބަލަ."
ނަވީން އުޝާގެ ގައިގައި ހިފައިގަތެވެ. އޭނާ ހުރީ ވެސް ނުހަނު އަވަސް ވެފައެވެ.
" މޭނުބައިކޮށްފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެ.. ދެން ވަރަށް ގިނަ އަލާމާތްތައް ފެނިއްޖެ މިހާރު. ޔަޤީންވާނި ޑޮކްޓަރަށް ދެއްކީމަތާ..." އުޝާގެ ޖުމްލައިން ނަވީން އިތުރަށް އުޝާ އޭނާއާއި ގާތް ކޮށްލިއެވެ. ލިބުނު އުފާވެރި ޚަބަރުން އޭނާއަށް ދެއްކޭ ނުދެއްކޭ ވާހަކައެއްވެސް ނޭނގެއެވެ.
" އަހަރެން ދެން އުޝާ ގެންގުޅޭނީ ކުރިއަށް ވުރެވެސް މާ ލޯބިން" ނަވީން އެހެން ބުނުމަށްފަހު އުޝާގެ ނިތްކުރީގައި ބޮސްދިނެވެ
****
ދުވަސްތަކެއް ފަސް..
ދެލޮލުން ފޫދިގެންދާ ކަރުނަތަކަށް ހުއްޓުމެއްނައެވެ. ވަށައިގެން ހުރި ހަތަރު ފާރުވެސް އުޝާގެ އުފަލުގައި ބައިވެރިވެ ހެމުން ދާހެން އޭނާއަށް ހީވެއެވެ. ދާދި ކައިރީގައި ހުރި ކުޑައެނދުގައި ނިދިފައި އޮތް ތުއްތު ދަރިފުޅަށް ބަލަން އޭނާއަށް އޮވެވުނެވެ. އެއާއިއެކު ކުއްލިއަކަށް އެތެރެއަށް ވަނީ ނަވީންއެވެ.
" ދޫކޮށްލީ..ބިލްތައް ދައްކާފައި މިއައީ.. ދެން އުޅެމާ ގެއަށްދާން.. ބޭބީ ވެސް ނިދިފައިދޯ.." އުފާވެރިކަމާއި އެކު ނަވީން ބުނެލިއެވެ.
" އުޝާއަށް ނިދިފައި އޮއްވާ ބައްޕަ އައިސް ހުރިހާ ސާމާނެއް ގެންގޮއްސި.. ދެން ބޭބީ ގޮވައިގެން ދާންވީ." ނަވީން އަނެއްކާވެސް ބުންޏެވެ. ނަވީންގެ އެހީގައި އުޝާ އެނދުން ތެދުވެ ގެއަށް ދާން ތައްޔާރު ވިއެވެ.
***
ދަރިފުޅު އޮތީ ނަވީންގެ އަތުގައެވެ. އެހެންކަމުން ދޮރު ތަޅު ހުޅުވީ އުޝާއެވެ.
"ސަޕްރައިޒް...." ނަވީންގެ އިތުރުން ޢުޝާވެސް ސިހުނީ ގޭތެރޭގައި ތިބި މީހުން ފެނިފައެވެ. ނަވީންގެ އަތުން އުޝާގެ ދަރިފުޅު އެންމެ ފުރަތަމަވެސް އުރާލީ ނަދާއެވެ. ނަދާގެ އިތުރުން ޒައިން އާއި ފަހުމީ އަދި އަމީރާވެސް ހިނިތުންވެފައި ތިއްބެވެ.
" ދަރިފުޅުމެން އަންނަން ވާއިރަށް މި ފެމިލީ އައިސް މުޅި ގެ ރީތިކޮށްލައިފި.. ފުއްޕާހަން ފުއްޕީ ޒަޔާއާއި ނޫޙު." އުފާވެލާފައި ޖާބިރު ބުނެލިއެވެ. ގޭތެރެއަށް ނަޒަރު ހިންގާލަމުން އުޝާ ހިނގައިގަތެވެ. ފިޔާތޮށި ކުލައިގެ މަލާއި ކަރުދާހުން ޒީނަތްތެރިކޮށްފައިވާ ސިޓިންގްރޫމް ފެނި އުޝާއަށް ހިނިތުންވެލެވުނެވެ. މޭޒުމަތީގައި އޮތް ކޭކަށް އުޝާއަށް ބަލާލެވުމާއިއެކު އަމީރާގެ އަޑު އިވުނެވެ.
" ނަދާ މިހާރު ކޭކުގެ ވިޔަފާރިކުރުމުގައި އުޅެނީ. ބޭބީއަށް ނަދާ އެޅި ކޭކެއްތީ" އުޝާއަށް ދެން ބަލާލެވުނީ ނަދާއަށެވެ. އޭރު ޒައިންއާއި ނަދާ ތިބީ ބޭބީ ގޮވައިގެންނެވެ.
" އުޝާއާއި ވަރަށް ވައްތަރު..." ޒައިން ހީލަމުން ބުނެލިއަޑު އުޝާއަށް އިވުނެވެ.
" މިހާރު ހީވޭ މިއީވެސް ވަރަށް ބޮޑު ފެމިލީ އެއްހެން.. " މަންޒަރު ބަލަން ހުރި ނަވީންއަށް އުފަލާއިއެކު ބުނެވުނެވެ.އެއާއިއެކު ޒައިންއަށް ނަވީންގެ މޫނަށް ބަލާލެވުނެވެ.
" އަހަރެންގެ ޙަޔާތުގައި މިހާ އުފާވެރި ދުވަހެއް އަދި ނާދޭ.. މައިންބަފައިންގެ ލޯބިން މަޙްރޫމު ވެފައި ވަނިކޮށް ، އެ ލޯބި ދިނީ ތިޔަ މަންމައާއި ބައްޕަ.. އެކަމަކު ތި ލޯބިވެސް އަހަންނަށް ގެއްލުނީ.. އެކަމުގެ ހިތާމައިގައި ވަނިކޮށް އަލުން މަންމަމެން އަހަރެންގެ މި އުފަލުގައި ބައިވެރިވީތީ ވަރަށް އުފާވެއްޖެ.. އަދި ނަދާއާއި ޒައިންވެސް މިގެއަށް އައީމަ ވަރަށް ހިތްހަމަ ޖެހިއްޖެ.."
އުޝާ ވާހަކަ ދައްކަން ފެށުމުން އެންމެންގެ ނަޒަރު ހުއްޓުނީ އުޝާއަށެވެ.
" މުޅިންވެސް އަހަރެމެންގެ ދަރިން މިތިބީ.. މިއީ ދެން އެއް އާއިލާއެއް.." ތަނަށް ވެރިވި ހަމަހިމޭންކަން ނަގާލީ ޖާބިރެވެ. އެއާއިއެކު ތުއްތު ދަރިފުޅު ރޮއިގަތެވެ. އެހެންކަމުން އުޝާ އަވަސްވެގަތީ ދަރިފުޅަށް ގާތުން ދިނުމަށް ކޮޓަރިއަށް ދާށެވެ.
" ބޭބީ ނިންދަވާލަފައި އަވަހަށް އާދޭ... ނަދާގެ ކޭކުގެ އަޖުމަ ބަލާލަންވާނެ އެއްނު. އޭރުން މީރުވެގެން ޢުޝާވެސް އޯޑަރ ދޭނީ.." މަޖާ ރާގަކަށް ޒައިން އެހެން ބުނުމުން އުޝާއަށް ހިނިތުން ވެވުނެވެ.
" އަހަރެން އަންނަންދެން އެންމެން މަޑުކުރައްޗޭ" އުޝާ އެހެން ބުނުމަށްފަހު ހިނގައިގަތެވެ. އޭރު އޭނާގެ ހިތަށް ލިބިފައިވާ އުފާވެރިކަން މޫނުމަތިން ވެސް ފާޅުވަމުންދެއެވެ. ދަރިފުޅު ގޮވައިގެން އެނދުމަތީގައި އިން އިރުގައިވެސް ގޭތެރެއިން ހީސަމާސާ ކުރާ އަޑު އިވެއެވެ. އެހެން އިނދެ އުޝާއަށް ބަލައިލެވުނީ ތުއްތު ދަރިފުޅުގެ މޫނަށެވެ.
" ދަރިފުޅާ.. ގެއްލިފައިވާ ހުރިހާ އުފަލެއް މި ލިބުނީ ތިޔަ ދަރިފުޅާއިއެކު..ތޭންކިޔު މަގޭ ދަރިފުޅާ މަގޭ ނޫރީން..." ނަވީންއަށް އެންމެ ރީތިވި ނަމުން އުޝާ އެ ދަރިފުޅާ މުޚާތަބް ކުރިއެވެ. އަދި ހިނިތުންވެލަމުން އެ ތުއްތު އަތުގައި ބޮސްދިނީ ދެލޯ މަރާލުމަށްފަހު ހިނިތުންވެލަމުންނެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!