" މަންމަމެންނާ ވާހަކަ ދައްކާފައި ދުވަހެއް ކަނޑައަޅަންވީދޯ! ނަދާގެ މަންމަމެންވެސް އަންނާނެއެއްނު.. އަނެއްކާވެސް ދެވަނަ ބާބެއް ފަށަންވީ.." ހެމުން ހެމުން ޒައިން އެހެން ބުނެލުމާއިއެކު މަންމާއޭ ކިޔާ ޒަޔާ ގޮވާލި އަޑަށް ސިހިފައި ދެމީހުންނަށްވެސް ބަލައިލެވުނީ އެދިމާލަށެވެ. އޭރު ކުއްލިއަކަށް ގޮނޑުދޮށަށް ބިންދާލި ރާޅަކާއިއެކު ޒަޔާ މޫދަށް ދަމައިގަންނަނީއެވެ. ފެނުނު މަންޒަރުގެ ބިރުވެރިކަމާއިއެކު ޒައިންއަށްވެސް ދުއްވައިގަނެވުނީ އެދިމާލަށެވެ. ރޮއިގަންނަމުން ނަދާވެސް ދެވުނުހާ ބާރަކަށް އެދިމާލަށް ދިޔައެވެ. ޒައިންއާއި ނަދާއަށް ތިބެވުނީ މާދުރުގައި ނޫންކަން އެއީ އެމީހުންގެ ނަސީބެވެ. ޒަޔާ ގެނބުމުގެ ކުރިން ޒައިން ގޮސް އޭނާ މޫދުން ނެގިއެވެ. އޭރު އެ ކުޑަކުޑަހިތް ނުހަނު ބާރަށް ތެޅެމުންދާކަން ޚުދު ޒައިންއަށްވެސް އިޙްސާސްކުރެވުނެވެ. ޒަޔާ އޮތީ ޒައިންގެ ކަރުގައި އޮޅުލައިގަނެގެން ގިސްލާށެވެ.
" ދަރިފުޅަށް އެނގޭތަ ތިއީ ބައްޕަގެ ފުރާނައޭ! " ތުރުތުރުއަޅާ އަޑަކުން ޒައިންއަށް ބުނެލެވުނެވެ.އޭރު ދާދި ކައިރީގައި ހުރެގެން ނަދާ، ޒަޔާގެ ބުރަކަށީގައި ފިރުމަމުންދެއެވެ.
" ދަރިފުޅު ދެން ބިރު ނުގަނެބަލަ! މަންމައާއި ބައްޕަ އަބަދުވެސް މިތިބީ ދަރިފުޅާއިއެކުގައެއްނު! " ނަދާވެސް ޒަޔާ އުފާކޮށްލުމުގެ ގޮތުން ބުންޏެވެ. ނަމަވެސް އޭރުވެސް ޒަޔާ ލޮލެއް ނުހުޅުވައެވެ. އެހެންކަމުން ޒައިންވެސް ބޭނުންވީ ޒަޔާއަށް ހަމަޖެހިލަން ވަގުތު ދޭށެވެ.
****
ގޭސް އުނދުން ނިއްވާލުމަށްފަހު އުޝާ ބަދިގެ ތެރޭގައި މަޑުކޮށްލީ ފިނި ފެންތައްޓެއް ބޯލާށެވެ. މެންދުރުގެ ކެއުން ތައްޔާރު ކުރުމަށްފަހު އޭނާ ހަމަޖެހިލިއެވެ.
" ހާދަ ފުން ޚިޔާލެއްގައި؟" ފަހަތުން އިވުނު ނަވީންގެ އަޑުން އުޝާ ސިހުނެވެ. ތަށީ ފުލުގައި ހުރި ފެންފޮދު އަވަސް އަވަހަށް ބޯލުމަށްފަހު އޭނާ ނަވީންއަށް ބަލައިލީ ހިނިތުންވެލަމުންނެވެ.
" ކިހިނެއް އިނގުނީ އަހަރެން ފިކުރެއްގައި ހުރިކަމެއް؟ " ކަބަޑުގައި ލެނގިލަމުން އުޝާ އަހާލިއެވެ. އެވަގުތު ލަސް ފިޔަވަޅުތަކެއްގައި ބަދިގެތެރެއަށްވަތް ނަވީން މަޑުކޮށްލީ އުޝާއާއި ދާދި ގާތުގައެވެ.
" ބިއްލޫރި ތަށީގައި ހުރި ސާފު ބޯފެންފޮދަށް ބަލަމުން ބަލަމުން، އެހާ ލަސްލަހުން ބުއިމުގެ ބޭނުމަކީ ކޮބާ؟" އުޝާ ފެން ބުއިގޮތް، ނަވީން ތަފްޞީލްކޮށްދިނުމުން އޭނާ ނުހަނު ލަދުގަތެވެ. އަދި އެހާމެ އަވަހަށް އުޝާއަށް ހޭންވެސް ފެށުނެވެ.
" އަހަރެންގެ ހުރިހާ ހަރަކާތަކަށް ތިހާވަރަށް ފާރަލުމުގެ ބޭނުމަކީ ކޮބާ؟" ޖަވާބު ދިނުމުގެ ބަދަލުގައި އުޝާވެސް ކޮށްލީ ސުވާލެކެވެ.
" ވެގެން ވަންޏާ، އަހަންނަށް ކުޑަނަމަވެސް ބާރެއް ލިބިފައިވާނަމަ ތި ދެލޮލުގެ ކަޅިވެސް ހިންގާލަންޖެހޭނީ އަހަރެންގެ ބެލުމުގެ ދަށުން..." ބާރު ހިނިގަނޑެއް ޖަހާލަމުން ނަވީން ބުންޏެވެ.
" އޯހް އޯހް! " އެކުގައި އުޝާއަށްވެސް ހޭންފެށުނެވެ.
" ދެން ބުނެބަލަ! ކޮންކަމަކާތަ ތި ވިސްނަނީ؟ އަހަންނަށް ހަމަ ޔަޤީން އުޝާއަށް ކޮންމެވެސް ކަމަކާ އުނދަގޫވާހެން.." ހިނިގަނޑު މައިތިރިކޮށްލުމަށްފަހު ނަވީން އަނެއްކާވެސް އޭނާގެ އަސްލު މައުޟޫއަށް ދިޔައެވެ. ނަވީންގެ އެ ސުވާލުން އުޝާއަށްވެސް ހިމޭންވެވުނެވެ.
" ހިތަށް އަރަނީ ނޫރާ މަތިން.. އަނެއްކާ އަހަންނަށް ކުރިމަތި ކުރުވި ކަހަލަ މަޖުބޫރީއެއްގައި ނަވީން ނުޖެހޭނެބާވައޭ! " އުޝާގެ ޖުމްލައާއިއެކު ނަވީން ހީލީ އެއްމިޔަކަނުންނެވެ.
" އެހެންވީމަ އަހަރެން ގެއްލިދާނެތީވެސް ވަރަށް ބިރުގަނޭތާދޯ! "
" އާނ! ވަރަށް ބިރުގަނޭ.. ބޭނުމެއް ނޫން އަހަންނަށް ނަވީން ގެއްލޭކަށް!" ނުހަނު އަވަހަށް އުޝާ އެއްބަސްވިއެވެ.
" އެހެންވިއްޔާ އަހަރެން ނުގެއްލޭނެ! އެކަމާ ފިކުރު ނުކުރޭ! އެކަހަލަ މަޖުބޫރީއެއް އިރާދަކުރެއްވިއްޔާ އަހަރެމެންނަކަށް ނުވެސް އަންނާނެ! އެ ނޫރާގެ ބައްޕައަށް ޑޭޑް ގުޅީމޭ ބުނި ފަހުންވެސް.. އެބޭބެ ބުންޏޯ މިހާރު ރަނގަޅޭ! އެއީ އުފެދުމުގައިވެސް އުނިކަން ހުންނަ ކުދިން.. އެކުދިން ބަލަހައްޓަންޖެހޭނެ ވަރަށް ރަނގަޅަށް.." ނަވީން ބުންޏެވެ.
" އަސްލު އަހަރެމެންނަށް ހުރިހާ ހިއްސެއް ފުރިހަމައަށް ލިބިފައިވާއިރުގައިވެސް އެކަމަށް ޝުކުރު ނުކުރެވޭ ގިނަ ފަހަރަށް.. އައިބުތަކެއް ހުންނަ މީހުން ފެނުނީމަ އެކަމާއިމެދު ގިނަ ފަހަރަށް ވިސްނާލެވެނީ.." އިސްޖަހާލަމުން އުޝާ ބުންޏެވެ. އެހިނދު ނަވީން މަޑުމަޑުން އުޝާގެ އަތުގައި ހިފާލިއެވެ. އެއާއިއެކު އުޝާއަށް ނަވީންގެ މޫނަށް ބަލައިލެވުނެވެ.
" އަހަންނަށް ތިޔަކަހަލަ ރަނގަޅު ކުއްޖެއް ލިބުނުކަން އެއީ އަހަރެންގެ ނަސީބު! އަހަރެން ވަރަށް އުފާވޭ އަސްލު އެކަމަށް.. އަދި އެބައޮތް ވަރަށް ބޮޑު ވާހަކައެއްވެސް ބުނަންވެފައި.." ނަވީން ހުރީ އުޝާގެ އަތްތިލައިގައި ފިރުމާލަ ފިރުމާލައެވެ.
" ދެން އަހަރެން ހައްދާނެ ކަމެއްނެތް.. ބުނެބަލަ ބުނަން ތިއުޅޭ އެއްޗެއް!" އުޝާ މަޖާ ރާގަކަށް ބުންޏެވެ.
" ފިހާރައަށް މުދާ ބަލައިދާންވެގެން މިއުޅެނީ.. ހިނގާ އަހަންނާއެކު ތައިލެންޑަށްދާން... " އުފަލުން ހުރެ ނަވީން އެހެން ބުނެލުމާއިއެކު އުޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
" އަހަރެން އަދި ދުވަހަކުވެސް ރާއްޖެއިން ބޭރަކަށް ނުދަން.. އަހަންނަކަށް ނުކެރޭނެ ދާކަށް.." ކުޑަކުއްޖަކު ފަދައިން އުޝާ އެހެން ބުނުމުން ނަވީންއަށް ބާރުބާރަށް ހެވުނެވެ. ނަވީން އެފަދަ ގޮތަކަށް ހެމުންދާތީ އުޝާ އިތުރަށް ލަދުގަތެވެ.
" ދެން ނުހީބަލަ ނަވީން... ނަވީންއަށް އަބަދު ބޭރު ޤައުމުތަކަށްދާން ފުރުޞަތު ލިބުނަސް އަހަންނަކީ ނިކަމެއްޗެއްކަން އަހަރެން ހަނދާނެއް ނުނެތެޔޭ! " އިސްޖަހާލަމުން އުޝާ އެހެން ބުނުމާއެކު ނަވީން މައިތިރިވިއެވެ. އަދި އުޝާގެ ދެކޮނޑުގައި ހިފުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.
" އޭ އޭ! ހާދަ ސީރިއަސްވީ! އަހަރެން މިހެނީ އުޝާ ބޭރަށް ނުދާތީއެއް ނޫނޭ! ވަރަށް ކިޑީ ގޮތަކަށް އެހެން ބުނީމަ ހެވުނީ.. އެއްވެސް ޙާލެއްގައި މަގޭ އަންހެނުން ނިކަމެތިކޮށްލާކަށް ނޫން... އަހަންނާމެދު ތިހާ ދަށްކޮށް ދެންވެސް ނުވިސްނައްޗޭ! " ނަވީން އުޝާގެ ކޮލުގައި ހިފާލުމުން އުޝާ ލުއިގޮތަކަށް ހީލިއެވެ.
" މީގެ ކުރިން މުޅިންވެސް ދާނީ ބައްޕަ! އެކަމަކު މިފަހަރު އަހަރެން ދާންވެގެން މިއުޅެނީ އުޝާ ގޮވައިގެން ދާންކަމަށް.."
" ދެން ނޫޙު އޯ؟ " ކަންބޮޑުވެފައި އުޝާ އަހާލިއެވެ. އެސުވާލަށް ދޭނެ ޖަވާބެއް ނަވީންއަކަށްވެސް ނޭނގުނެވެ. އެހެންކަމުން އޭނާ ވަރަށް ކަންބޮޑުވެސް ވެއްޖެއެވެ.
" ނޫޙުވެސް ގޮވައިގެން ދާން ހިނގާ! " ކުއްލިއަކަށް އުޝާ އެހެން ބުނުމުން ނަވީންއަށް ލިބުނީ ހައިރާންކަމެވެ. ނަވީންގެ މޫނުމަތީގައި އެނބުރެމުންދާ ސުވާލުމާކުތައް ފެނި، އުޝާ ހައިރާންވެފައި ނަވީންއަށް ބަލަން ފެށިއެވެ.
" ނޫޙު ދޯ! އާނ.. އާނ.. ހަމަ ރަނގަޅުވާނެ.. ގޮވައިގެން ދާންވީ.." ހިތާއި ދެކޮޅަށް ނަވީން އެހެން ބުނެލީ ފުން ނޭވާއެއް ދޫކޮށްލަމުންނެވެ. އެކަން އުޝާއަށް ކިތަންމެހާވެސް ރަނގަޅަކަށް ފާހަގަ ކުރެވުނެވެ. އެހެންކަމުން އޭނާ ބޭނުންވީ އިތުރަށް އެކަން އޮޅުންފިލުވާށެވެ.
" ހިތްހަމަ ޖެހިންތަ ތިބުނީ؟"
" ކީކޭ؟ އާނ! އުޝާ އުފާވަންޏާ އަހަރެން ހަމަ ވަރަށް އުފާވާނެ..." މިފަހަރުވެސް ނަވީން ހިނިތުންވެލީ ގަދަކަމުންނެވެ. ނަވީން ހީލުމުން އުޝާ މަޑުމަޑުން ނަވީންގެ މޭމަތީގައި ބޯ ޖައްސާލަމުން ފިރުމާލިއެވެ.
" އަހަރެން އަސްލު ވަރަށް އުފާވޭ ނަވީން އަހަރެންގެ ދަރިފުޅުދެކެ ތިހާ ލޯބިވާތީ.. ތިއަށްވުރެ ވަކި ރަނގަޅު ބައްޕައެއް ނޫޙުއަކަށް ނުލިބޭނެ."
" އުޝާއަށްވެސް އެނގޭދޯ އަހަރެން ހައްދަން... އެންމެ ރަނގަޅޭދެން.. މި އަންނަނީ ފެންވަރާލައިގެން ވަރަށް އަވަހަށް! ކާން ތައްޔާރުކޮށްލައްޗޭ!"
ނަވީން ދުރަށް ޖެހިލަމުން ބުންޏެވެ. ހިނިތުންވެލަމުން އުޝާ ބޯޖަހާލުމާއިއެކު ނަވީން ދެވަނަ ފަހަރަށް އުޝާގެ ކޮލުގައި ހިފާލިއެވެ.
ބާރުބާރަށް ނިކުމެގެން ދިޔަ ނަވީންއަށް ބަލަން ހުރި އުޝާގެ ހިތް އޭރުވެސް އޮތީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ. ކޮންމެވެސް ގޯހެއް އުޅޭކަމުގެ އިޙްސާސް އޭނާއަށް ކުރެވެމުންދިޔައެވެ. ހިތަށް ހަމަޖެހުމެއް ނުލިބޭހިނދު މޫނުމަތީގެ އުޖާލާކަންވެސް މުޅިންހެން ގެއްލިއްޖެއެވެ. އޭނާގެ ހިތް ބުނަމުން ދިޔައެވެ. ނޫޙުގެ ވާހަކަ ބުނުމުން ނަވީންގެ މޫނުމަތީގެ ޝުޢޫރުތައް ބަދަލުވާންވީ ކީއްވެ ހެއްޔެވެ؟ ނޫޙު ގޮވައިގެންދާން ނަވީން ބޭނުން ނުވަނީބާވައެވެ؟ ނޫނީ ނަވީން ލޯބިވަނީ ހަމައެކަނި އަހަރެންދެކެ ހެއްޔެވެ؟ ހިތަށް އަރާ ފައިބަމުންދާ ސުވާލުތަކުން އުޝާ ކޮންމެވެސް ވަރަކަށް ބިރުގަންނަން ފެށިއެވެ. ނަމަވެސް އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން އޭނާ ނުހަނު މަސައްކަތް ކުރިއެވެ.
****
ނަޒީރަކީ އަބަދުވެސް ގޮތުގައި ހިފަހައްޓާ މީހެއްކަމުން އޭނާ މާލެއަންނާކަށް ބޭނުމެއް ނުވިއެވެ. އެކަމާ ސާމިޔާ ހުރީ ނުހަނު ރުޅި އައިސްފައެވެ.
" އަލަށް ކައިވެންޏެއް ކުރާނަމަ ބޮޑު ޓިކެޓް ގަނެގެންވެސް ދާންވީ! އަހަރެން ހުއްދަ ދީގެން އެމަންޖެ އެ ދިޔައީ! ދެން އަނެއްކާ ކައިވެންޏަށޭ ކިޔާފައި އަހަރެންވެސް ދާންވީތަ؟ ހިތާއި ދެކޮޅަށްވެސް އެކައިވެންޏަށް މި ރުހުނީ ޒަޔާއަށްޓަކައި. އެހެން ނޫން ނަަމަ އެއާއިލާއަށްވެސް އަހަރެން ބަލައިނުލީމުސް. އެމީހުން މަގޭ ދަރިޔަށް ހެދި ގޮތް އަދިވެސް މަގޭ ހިތުން ފިލައިގެން ނުދެޔޭ! "
ދެއަތް ފުރަގަހަށް ލައިގެން ހުރެ ނަޒީރު ދެކޮޅަށް ހިނގަމުން ދިޔައެވެ. އެނދުގައި އޮށޯވެގެން އޮތް ސާމިޔާވެސް ނަޒީރު ހިތްހަމަ ނުޖެހިފައި ހުރުމުން، ތެދުވެ އިށީނެވެ.
" ވަކި އެއާއިލާ އެކަންޏެއް ނޫން. ނަދާއަށްވެސް އޭރު އުޅެވުނީ ރަނގަޅަކަށްނޫނޭ! އިނދެގެން ނަދާވެސް ރީއްޗަށް އުޅުނުނަމަ.. ދެން ވެނިމިފައި ހުރި ކަންތައްތަކުގެ ވާހަކަ ދައްކައިގެން މިހާރު ރުޅި އަންނާނެކަމެއް ނެތެއްނު.. އަހަންނަށް އެނގޭ ނަޒީރު މާލެ ނުދާން ތިއުޅެނީ ފަހުމީއާއި އަމީރާއަށް ކިއިފައި ހުރި އެއްޗެހިން ލަދުންކަން.."
ހިތުގައި އޮތް ގޮތަށް ސާމިޔާއަށް ބުނެލެވުނެވެ.
" ލަދުންނެއް ނޫން.. އެމީހުންދެކެ ރުޅި އަންނާތީވެ އެނގިއްޖެތަ؟ ދެން އެންމެ ރަނގަޅޭ! މަ ވަލީ ދީފީމެއްނު.. ދެން އަހަރެމެންގެ މާބޮޑު ބޭނުމެއް ނޯންނާނެ.." އެހެން ބުނުމަށްފަހު ނަޒީރު ނިކުމެގެން ދިޔައެވެ. ނަޒީރު ދިޔުމުން ބާލީސް މަތީގައި އޮތް ފޯނު ނަގައި ސާމިޔާ ގުޅީ ނަދާއަށެވެ.
" ދެން ދަރިފުޅު ޗުއްޓީތަކުގައި މިކޮޅަށް އަންނާނިއްޔޭ! ކަމަކަށް ނަހަދާދެން.. ތިގޭ މީހުން ގާތު ބުނޭ ބައްޕަ ބިޒީ ވެގެން ނުދެވުނިއްޔޭ! " ހުރިހާ ވާހަކަތަކެއް ދެއްކުމަށްފަހު ސާމިޔާ ބޭނުންވީ ނަދާއަށް ވިސްނައިދޭށެވެ.
" އަހަންނަށް މާ ކުރިންވެސް އެނގޭ ތިހެން ވާނެކަން.. އަހަންނަށް އެނގޭ ބައްޕައަކީ އަބަދުވެސް ގޮތުގައި ހުންނަ މީހެއްކަން. ދެން ކީއްކުރާނީ؟ " ސާމިޔާގެ ވާހަކަ ނަދާ ނުހަނު އަވަހަށް ޤަބޫލު ކުރީތީ އޭނާ ހިތްހަމަޖެހުނެވެ. އެހެންކަމުން އިތުރަށް ނަދާއަށް ހިތްވަރުވެސް ދޭން ފެށިއެވެ.
****
ކުއްލިއަކަށް އުޝާއަށް ލޯހުޅުވާލެވުނެވެ. އެއާއިއެކު ކުރިމަތީގައި ހުރި ގަޑިން މެންދަމު އެކެއް ޖަހާ ބޮޑުވެއްޖެކަން އޭނާއަށް އެނގުނެވެ. ހަމައެހިނދު ނަވީން ނެތުމުން އޭނާއަށް ބަލައިލެވުނީ ފާޚާނާއަށެވެ. ފާޚާނާގެ ބޮކި ދިއްލާފައި ނެތުމުން ނަވީން ކޮޓަރީގައި ނެތްކަން އޭނާއަށް ޔަޤީންވިއެވެ. މަޑުމަޑުން އުޝާ ތެދުވީ އާފުރެމުންނެވެ. އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލުމަށްފަހު ދޫނިފަތުގެ ފައިވާނަށް އަރައިގެން ހިނގައިގަތީ ބޭރަށް ނިކުންނާށެވެ. ކޮޓަރީގެ ދޮރު ތަންކޮޅަކަށް ހުޅުވާލުމާއިއެކު ސިޓިންގރޫމްގައި ތިބި ނަވީންއާއި ޖާބިރު އޭނާއަށް ފެނުނެވެ.
" އެކަމަކު ބައްޕާ! ނޫޙު ގޮވައިގެން ގޮސް އަހަރެމެންނަށް އެއްވެސް ޕްރައިވަސީއެއް ނުލިބޭނެއެއްނު! އަހަރެން ބޭނުން އުޝާއަށް މުޅި ދުނިޔެ ދައްކާލަން.. އޭނާއަށް ހުރިހާ އުފަލެއް ހޯދައިދޭން ބޭނުން."
ނަވީން ދައްކަމުންދިޔަ ވާހަކަތައް އުޝާއަށް ރީތިކޮށް އަޑު އިވެމުންދިޔައެވެ. އެއާއިއެކު އޭނާގެ ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ.
" ނޫޙަކީ އުޝާގެ ދަރިއެއް. ނޫޙު ބަހައްޓާފައި އުޝާއެއް ނުދާނެ! އެހެން ނޫނަސް ބައްޕަ އަބަދު ފިހާރައިގައި އުޅޭއިރު ކާކު ނޫޙު ބަލަނީ؟" ޖާބިރު މަސައްކަތް ކުރަމުންދިޔައީ ނަވީންއަށް ވިސްނައިދިނުމަށެވެ.
" އެހެންވިއްޔާ މެއިޑެއް ހޯދަންތަ އެކޮޅަށް ގެންދަން.. އޭރުން ނޫޙު ބަލާނެއެއްނު.." ނަވީން އެހިއެވެ.
" އުޝާ ތިގޮތަކަށް އެއްބަހެއް ނުވާނެ! ނޫޙުގެ ހުރިހާ ކަމެއްވެސް ކުރަން ބޭނުންވާނީ އުޝާ!" ނަވީންދިން ޚިޔާލު ޖާބިރަކަށް ކަމަކު ނުދިޔައެވެ.
" ދެން ބައްޕާ! އަހަރެން ބޭނުންވެޔޭ އުޝާ އެތަނަށް ގެންދަން..." ކުޑަކުއްޖަކު ފަދައިން ނަވީން ބުނެލިއެވެ. އެމަންޒަރު ބަލަން އެތެރޭގައި ހުރި އުޝާގެ ދެލޯ އޭރު ކަރުނައިން ފުރިއްޖެއެވެ.
" އުޝާއާއި ކައިވެނި ކުރަން ދަރިފުޅު ބޭނުންވެގެން ބައްޕަގާތު އެހި ދަުވަހުވެސް ބައްޕަ ބުނީމެއްނު ދޮންދަރިޔަކު ހުރި މީހަކާ އިންނަންވާނީ ހުރިހާ ގޮތަކަށްވެސް ވިސްނާފައޭ! އެއްވެސް މަޔަކަށް ދަރިޔަކު ގިނައެއް ނުވާނެ! ދިރިއުޅުމަށް އަސަރު ކުރިޔަސް، ކޮންމެ މަޔަކީވެސް ދަރިންނަށްޓަކައި ޤުރުބާނީތަކެއް ވަމުންދާ ބައެއް.. ދަރިފުޅަށް އެކަން ނުވިސްނުނީތީ ބައްޕަ ވަރަށް މާޔޫސްވެއްޖެ!" ޖާބިރު ބުންޏެވެ. އޭރު ނަވީން އިނީ އިސްޖަހާލައިގެންނެވެ.
" ދަރިޔަކު ނެތް މީހަކާ ދަރިފުޅު އިންނަމަ މިކަންތައްގަނޑާއި ކުރިމަތިލާކަށް ނުޖެހުނީސް..." ޖާބިރުގެ އެ ޖުމްލައިން އުޝާގެ ހިތް ވިރިގެން ދިޔައެވެ. އިތުރަށް އަޑުއަހަން ބޭނުން ނުވެގެން އޭނާ މަޑުމަޑުން ދޮރު ލެއްޕުމަށްފަހު އައިސް އޮށޯތެވެ. އޭރު ހަމަ ރަނގަޅަށްވެސް އޭނާއަށް ރޮވިއްޖެއެވެ.
" ނޫން ބައްޕާ! އުޝާއަށްވުރެ ރަނގަޅު މީހަކު އަހަންނަކަށް ދެން ނުލިބޭނެ! ނޫޙު ބަހައްޓާފައިދާން އުޝާ ދެރަވާނެކަން އަހަންނަށްވެސް އެނގޭ! އެހެންވީމަ ނޫޙުއަށް އަމިއްލައަށް އުޅެވޭވަރު ވީމަ އަހަރެން އުޝާ ގޮވައިގެން އެކަހަލަ ދަތުރެއް ދާނަނަން..މިފަހަރު ދެން ބައްޕަ ގޮސްލާ! " ހަމަޖެހިލާފައި ނަވީން ބުންޏެވެ. އެއާއިއެކު ނަވީންގެ ބޮލުގައި ފިރުމާލަމުން ޖާބިރު ހީލިއެވެ.
ކުޑައިރުކޮޅެއް ފަހެވެ. ނަވީން ކޮޓަރިއަށް ވަތް އަޑަށް އުޝާ އިތުރަށް ކެތްތެރިވެލިއެވެ. ނަވީން އައިސް ފުރަގަސްދީގެން އޮތް އުޝާގެ ގައިގައި އަތް ޖައްސާލުމަށްފަހު ބޮލުގައި ފިރުމާލިއެވެ. އެއާއިއެކު އުޝާ ގިސްލާކަން ނަވީންއަށް އިޙްސާސްކުރެވުނެވެ.
" އުޝާ؟ ލޯބި! ބަލީތަ؟ ކިހިނެއްވީ؟" ނަވީން އުޝާގެ ގައިގައި އަތް ޖައްސާލައިގެން އިނދެ ގޮވަމުންދިޔައެވެ. އެއާއިއެކު އުޝާއަށް ތަންކޮޅެއް ބާރަށް ރޮވުނެވެ.
" ރޮނީތަ؟ ތަނަކަށް ތަދުވަނީތަ ލޯބި؟ ބުނެބަލަ" އޯގާތެރިކަމާއިއެކު ނަވީން އުޝާގެ ބޮލުގައި ފިރުމާލުމުން އުޝާ ނަވީންއާއި ދުރަށް ޖެހުނެވެ. އުޝާގެ އެ ޢަމަލުން ނަވީންއަށް ލިބުނީ ހައިރާންކަމެވެ.
" ކިހިނެއްވީ؟ އަހަރެން އަތްލީމަ ރުޅި އައީތަ؟"
" ތިއީ އަހަރެންދެކެ ލޯބިވާ މީހެއްނޫން! އަހަރެންދެކެ ލޯބިވާ ކަަމަށް ހެދެނީ!" ބާރުބާރަށް އުޝާ ބުނެލި ޖުމްލައިން ނަވީން ދިޔައީ ސިހިގެންނެވެ. އެފަދަ މޭރުމަކުން އުޝާ ވާހަކަ ދައްކަން ޖެހުނު ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ.
" ނޭނގޭ ކަމަށް ހަދާނެ ކަމެއްނެތް! ބައްޕައާއި ދެންމެ ތި ދެއްކި ހުރިހާ ވާހަކަތަކެއްވެސް އަހަރެން އަޑު އަހައިފިން.. މީގެ ކުރިން އަހަރެން ހީކުރި ތިއީ މަގޭ ދަރިފުޅަށް ލިބުނު އެންމެ ރަނގަޅު ބައްޕައޭ! އެކަމަކު އެއީ ކުށްހީއެއްކަންވެސް އެނގުނީ މިރޭ! ތި އޯގާތެރިކަމުގެ ފަހަތުގައިވަނީ އަމިއްލަ އެދުންކަންވެސް އެނގުނީ ހަމަ ދެންމެ! މިކައިވެނި ކުރެވުނީތީ އަހަރެން މިހާރު ދެރަވަން..."
އުޝާ އެއްފައްޗަކަށް ޖުމްލަތައް އަމުނާލީ ރޮމުންނެވެ. އުޝާގެ ކޮންމެ ޖުމްލައަކުން ނަވީންގެ ހިތަށް ބަޔާންކުރަންވެސް ނޭނގޭ އަސަރުތަކެއް ކުރަމުންދިޔައެވެ.
" ހެޔޮނުވާނެ ހުއްޓާލާ! ތިހާވަރު ވާކަށް އަދި ނުވެޔޭ އުޝާ! އަހަރެން ދެއްކީ ދޮގު ވާހަކަ ތަކެއްތަ؟ އަހަރެން މިރޭ ވިސްނީ އަހަންނަކީ އުޝާގެ ފިރިމީހާގެ ގޮތުގައި... އަހަރެން މިރޭ މިދެއްކި ވާހަކަ ތަކަކީ އެ ހައިޞިއްޔަތުން ދެއްކި ވާހަކަތަކެއް.. އަހަރެން މިރޭ މުޅިންވެސް ވިސްނީ އުޝާއަށް އުފާ ހޯދައިދޭނެ ގޮތްގޮތް. އެއްވެސް ޙާލެއްގައި ނޫޙު ބާކީ ކުރުމެއްނޫން އަހަރެންގެ މަޤްޞަދަކީ.. އުޝާ ހިތްދަތިވާ އެއްވެސް ކަމެއް އަހަރެން ނުކުރާނެކަން އުޝާއަށް އޮޅުނީތީ އަހަރެން ހިތާމަ ކުރަން.."
އެެހެން ބުނުމަށްފަހު ނަވީން ތެދުވެގެން ގޮސް ދުރުގައި ހުރި ސޯފާއަށް ވެއްޓިގަތެވެ. އުޝާ މައިތިރިވީދެނެވެ. ބަންޑުން އޮތް ނަވީންއަށް ބަލަހައްޓައިގެން އުޝާއަށް އެތައް އިރަކު އިނދެވުނެވެ.
( ނުނިމޭ )
މިވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތިދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!