ކޯޗުކޮށްދިން އެތައް ކުދިންނަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ރާއްޖޭގެ ކުރީގެ ގައުމީ ކްރިކެޓް ކޯޗް މުހައްމަދު އާސިފް އަމީން ޚާނަށް 53 އަހަރަށްވުރެ ދިގު ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފި އެވެ.

ގައުމީ ފިރިހެން ކްރިކެޓް ޓީމާއި އަންހެން ކްރިކެޓް ޓީމުގެ ކޯޗަކަށް ހުރި ދެކުނު އެފްރިކާގެ މި ކޯޗު ޖިންސީ ގޯނާގެ ތުހުމަތަށް އޮކްޓޫބަރު 2019 ގައި ހައްޔަރުކޮށް ނުވަ ދައުވާއެއް އުފުލި އެވެ. އޭގެ ތެރެއިން ހަތް ދައުވާއެއް ސާބިތުވި އެވެ.

Ad
rt

މީގެ ތެރެއިން ޖިންސީ ގޯނާކުރުމުގެ ތިން ދައުވާއަށް 21 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ. އަދި އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ދެ ދައުވާގެ ތެރެއިން ފުރަތަމަ ދައުވާއަށް 15 އަދި ދެ ވަނަ ދައުވާ އަށް 17 އަހަރުގެ ހުކުމެއް އިއްވި އެވެ.

ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާ ވެސް ސާބިތުވެ 1 މަހާއި 15 ދުވަހުގެ ހުކުމެއް އިއްވި އިރު ޖާއިޒް މަގްސަދެއް ހާސިލް ނުވާނެ އަމަލަކުން މާއްދީ ގޮތުން ހުތުރު ހާލަތެއް އުފެއްދުމުގެ ދައުވާ އަށް 22 ދުވަހުގެ ހުކުމެއް އިއްވި އެވެ.

މި ހުރިހާ އަދަބެއް އެއްކޮށްލުމުން ޖުމްލަ އަކީ 53 އަހަރާއި 2 މަހާއި ހަތް ދުވަހެވެ.