ވެރިކަމުގައި ހުންނެވުމުގެ މޯރަލް އޮތޯރިޓީ މިހާރު ރައީސް ސާލިހަށް ނެތް ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް، އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ "ކަނޑު ވިއްކުމާ ދެކޮޅު" ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވީ، ރާއްޖެ މިނިވަންވިތާ 50 އަހަރު ވެގެން ދިޔައިރު، ރާއްޖޭގެ ކަނޑުން ސަރަހައްދެއް އޭރު ވެރިކަމުގައި ތިއްބެވި އެއްވެސް ބޭފުޅަކު ދޫކޮށް ނުލައްވާ ކަމަށާއި ނަމަވެސް މިއަދުގެ ސަރުކާރުން ފޮނުވާލި ސިޓީއަކުން ބޮޑު ގެއްލުމެއް ރާއްޖޭގެ މަސްވެރިންނަށާއި ދިވެހިންނަށް ލިބިގެން ގޮސްފައިވާ ކަމަށެވެ.
މީގެ އިތުރުން މި ސަރުކާރު މިއޮތީ ބޮޑުތަނުން ފެއިލްވެފައި ކަމަށާއި މި ސަރުކާރު މިހާރު ބަދަލުކުރަން ޖެހިއްޖެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މިކަމުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހިގެން ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ނާޒިން ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ އިސްވެރީން ދެން ގެއަށް ވަންނާނީ މަސްކަނޑުތައް އަބުރާ ހޯދުމަށްފަހު ކަމަށާއި "ކަނޑު ވިއްކާލުމުގެ" ބަދަލުގައި ރައީސް ސާލިހުގެ މައްޗަށް ދައުވާވެސް ކުރާނެ ކަމަށެވެ.
މޮރިޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމަށް ރައީސް ސާލިހަށް ގޮވާލައްވައި ނާޒިމް ވިދާޅުވީ ރައީސް ސާލިހަށް މާފު ނުކުރެވޭނެ ކަމަށާއި ޗާގޮސް ހޯދުމަށް ވެސް ރާއްޖެއިން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
އިޓްލޮސްގައި ނިމިދިޔަ މައްސަލައަކީ މޮރިޝަސް އަށް ޗާގޯސް ލިބުނު ފަހުން ޗާގޯސް އިން 200 މޭލު އަދި ރާއްޖެއިން 200 މޭލު ކުރަހައިފި ނަމަ އެ ދެމެދު ފުށޫ އަރާ އީއީޒެޑް ދެބަޔަށް އެއްވަރުވާނޭ ހަމައަކުން ބެހުމުގެ މައްސަލައެވެ. އެ މައްސަލަ ނިމިގެން ދިޔަ ގޮތުން ރާއްޖެ އަށް ލިބުނީ 47،232 އަކަ ކިލޯމީޓަރެވެ. އެއީ 135 ނޯޓިކަލް މޭލެވެ. އަދި މޮރިޝަސް އަށް ލިބުނީ 45،331 އަކަ ކިލޯމީޓަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!