އިސްލާމް ދީނުގައި ދޮގު ހެދުމަކީ ޙަރާމް ކުރައްވާފައިވާ ކަމެއް ކަމަށާއި، ސަމާސާ ކުރުމުގައި ވެސް އޮތީ ތެދުބުނުންކަމަށް މިއަދު ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.
''ތެދު ބުނުމަކީ ސުވަރުގެއަށް މަގު ފަހިވާނޭ ކަމެކެވެ.'' މި މަޢުލޫއަަށް ބިނާކޮށް ގެނެސްދީފައިވާ މިއަދު ހުތުބާގައި ވަނީ އިސްލާމް ދީން ބިނާވެގެން ވަނީ ތެދުގެ މަތީގައި ކަމަށާއި، ހައްޤު ނޫން ބަސް ބުނުމާއި ޙައްޤު ނޫން ކަންކަން ކުރުމަށް މާތްﷲ އިންސާނާ އަށް އަންގަވާފައިވާކަން ހަނދާން ކޮށްދީފައެވެ.
ދޮގު ހެދުމަކީ ދޮގު ހަދާ މީހާގެ އަޑި ނުބައިކަން ހާމަކޮށްދޭ ކަމެއް ކަމަށާއި، ނުބައިކަންތަކަށް އެފަދަ މީހާ ހުށަހެޅޭ ކަމެއް ކަމަށް ހުތުބާގައި ބުނެފަވެއެވެ. އަދި ދޮގު ހެދުމުގެ ސަބަބުން ލިބޭ ގެއްލުން ބޮޑުވިވަރަކަށް އެކަމުގެ ސަބަބުން ލިބޭ ފާފަ ބޮޑުވާނެކަން ހުތުބާގައި ހަނދާންކޮށްދީފަވެއެވެ.
''ހަދައިގެން ދޮގު ޚަބަރު ފަތުރާ ނޫސްވެރިޔާއާއި، ދޮގު ވާހަކަ ޓްވީޓް ކުރާ މީހާއާއި އަމިއްލަ އެދުމެއް ހާސިލް ކުރުމަށްޓަކައި، ވާހަކަތައް ހަދައިގެން ފަތުރާ މީހާއާއި އަމިއްލަ މަގުސަދެއް ހާސިލް ކުރުމަށްޓަކައި މީހުންގެ ވާހަކަ ވެރިންގެ ގާތު ދައްކާ މީހާއާއި، ދޭތެރެ ޖައްސާ މީހާ އެ އަރައިގަންނަނީ ވަރަށް ބޮޑު ފާފައަކަށް'' ޚުޠުބާގައި ބުނެފަވެއެވެ.
ހުތުބާގައި ބުނީ ދޮގު ހެދުމަކީ އެންމެ ބޮޑެތި މުންކަރާތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި މާތްﷲ އާއި އެކަލާނގެ ރަސޫލާ އަށް ނިސްބަތްކޮށް ހަގީގަތާއި ޚިލާފް ވާހަކަ ދެއްކުމަކީ ބިރުވެެރިކަމެއް ކަމަށް ބުނެފަވެއެވެ.
އިސްލާމް ދީނުގައި ދޮގު ހެދުމަކީ ޙަރާމް ކަމެއްކަން ހަނދާންކޮށްދެމުން ހުތުބާގައި ބުނީ ސަމާސާ ކުރުމުގައި ވެސް އޮތީ ތެދު ބުނުން ކަމަށެވެ. އަދި އިސްލާމްދީނުގައި ސަމާސާ ކުރުމާއި އުފާކުރުން ވެސް ހިމެނޭ ކަމަށާއި، ނަމަވެސް އެކަންކަން ކުރާން ވާނީ ދޮގުހެދުމުން އެއްކިބާވެ ތިބެކަން ހުތުބާގައި ވަނީ ބަޔާންކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!