ހއ. ފިއްލަދޫގެ ގެއެއްގައި އަލިފާން ރޯވެ އެ ގެ އެއްކޮށް އަނދާ ހުލިވެއްޖެއެވެ.
މި ހާދިސާ ހިނގާފައި ވަނީ ރޭ މެންދަމު 1:15 ހާއިރުއެވެ.
ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ހަސަން ‘’ތިލަދުން’’ އަށް ވިދާޅުވީ، އަލިފާން ރޯވެ އަނދާ ހުލިވީ އެރަށު ހިތައްފިނިވާގޭ ކަމަށެވެ.
އަލިފާން ރޯވިއިރު އެ ގޭގައި ޖުމްލަ 7 މީހުން ތިބި ކަމަށާއި، އެއީ ކުޑަ ތިން ކުދިންނާއި އުމުރުން 65 އަހަރުން މަތީގެ ދެމީހަކާއި އަދި އިތުރު ދެ އަންހެނުންކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި އެރަށު މީހަކާ އިނދެގެންއުޅޭ ޖަޕާނު އަންހެނަކު ވެސް ހިމެނެއެވެ.
އެ އެންމެން ވެސް ވަނީ ސަލާމަތްތެރިކަމާއެކު އެ ގެއިން ނުކުމެފައެވެ. މިހާރު އެމީހުން ތިބީ ފިއްލަދޫ ކައުންސިލުން ހަމަޖެއްސި ގެއެއްގައެވެ. އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ފަތުހުﷲ މައުލޫމާތު ދެއްވައެވެ.
’’އެމީހުންނަށް ބޭނުންވާ ޒަރޫރީ ކަންކަން ވަނީ ހަމަޖައްސައިދެވިފައި، މީގެ އިތުރުން އެމީހުންނަށް އެހީތެރިވާން ފަންޑެއް ހުޅުވުމުގެ ކަންކަން ވެސް އެބަ ކުރިއަށްދޭ،’’ ފަތުހުﷲ ވިދާޅުވިއެވެ.
ފަތުހުﷲ ވިދާޅުވިގޮތުގައި އެ މީހުންނަށް ބޭނުންވާ ނަފްސާނީ، އިޖުތިމާއީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ވެސް ކައުންސިލުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.
‘’މިހާތަނަށް އެގޭގައި ތިބި މީހުން ދިން މައުލޫމާތަށް ބަލާއިރު އަލިފާން ރޯވީ ކަރަންޓް ޝޯޓެއް ވެގެން ކަމަށް ބެލެވޭ’’ ފަތުހުﷲ ވިދާޅުވިއެވެ.
ފިއްލަދޫ ރައްޔިތުން ނުކުމެ ފެން ޕަމްޕް ބޭނުންކޮށްގެން އެ ގޭގައި ރޯވި އަލިފާން ނިއްވާލާފައިވާއިރު، އަލިފާން ނިއްވާލެވުނީ ރޭ 2:45 ހާއިރުއެވެ.
މި އަލިފާނުގެ ހާދިސާގައި ފަސް ކޮޓަރީގެ މި ގެ ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!