ދަ ޑިމޮކްރެޓްސް ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ މެންބަރޝިޕް ފޯމުތައް މިއަދު އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ.
"ދަ ޑިމޮކްރެޓްސް" އަކީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސްބޭފުޅުން އިސްވެ ތިއްބަވާ އުފައްދާ ސިޔާސީ ޕާޓީއެކެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ނަމުގައި އުފެއްދުމަށް ހުށަހަޅާފައިވާ މި ޕާޓީ އުފެއްދުމަށް ބޭނުންވާ މެންބަރޝިޕް ފޯމްތައް އީސީއާއި ހަވާލުކުރީ މިއަދު ހެނދުނު 11:30 ހާއިރުއެވެ.
ދަ ޑިމޮކްރެޓްސް އުފެއްދުމަށް 3,560 މެންބަރުންގެ ފޯމު ހުށަހަޅާފަވެއެވެ.
މި ފޯމުތައް ހަވާލު ކުރަން އެ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އުޅުއްވާ ބޭފުޅުންނާއި، ސަޕޯޓަރުން ވެސް ވަނީ ބައިވެރިވެފައެވެ.
"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަން ކޮމިޝަން އިން ދިނީ މި މަހުގެ 24 ވަނަ ދުވަހުއެވެ. އެ ޕާޓީ ރަޖިސްޓްރީކުރުމުގެ ހުއްދައަށް އެދި އީސީއަށް ހުށަހެޅީ 21 މޭ 2023 ގައެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކަމަށް އެ ޕާޓީގެ އުފެއްދުމުގެ މަސައްކަތް ފެށިކަން އިއުލާންކުރި ބައްދަލުވުމުގައި، އެ ޕާޓީގެ އުފެއްދުމުގެ އިސް ސަފުގައި އުޅުއްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބުދު ﷲ ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!