ހުޅުމާލޭގައި ހިނގި މާރާމާރީއެއްގައި އަނިޔާވި 18 އަހަރުން ދަށުގެ ކުއްޖެއްގެ ގަޔަށް ވަޅި ހަރައިފިއެވެ.

މި މާރާމާރީ ހިނގާފައި ވަނީ ހުޅުމާލޭ ފޭސް ދެއެއްގައެވެ.

Ad
rt

ދިވެހި ފުލުހުންގެ މީޑިއާ އޮފީޝަލް މިއަދު 18:14 ގައި މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ، ހުޅުމާލޭގައި މާރާމާރީއެއް ހިނގާފައިވާ ކަމަށް މިއަދު 17:20 ހާއިރު އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި މާރާމާރީގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

''ސީރިއަސް އަނިޔާއެއް ވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވޭ'' ފުލުހުން ވިދާޅުވެފަވެއެވެ.

ފުލުހުން މި މައްސަލައިގެ ތަހުގީގު ފައްޓަވާފައިވާއިރު، މި ހާދިސާ ހިނގާފައި ވަނީ ހިޔާގެ ޓަވަރު 10 ގަ އިކަމަށް މައުލޫމާތު ލިބެއެވެ.

މި ހަމަލާގައި ޒަޚަމްވި ކުއްޖާ ފެންނަ ވީޑިއޯ މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އެ ވީޑިއޯއިން ފުރަތަމަ ފެންނަނީ ސައިކަލެއް މަތީ އެ ކުއްޖާ ބައިންދާފައި އިންނަ މަންޒަރެވެ. އޭރު އެކުއްޖާގެ މެޔާ ދިމާލުން އަރިކަށިމަތިން ލޭ ފައިބަމުންދާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

އެ ކުއްޖާގެ ގައިގާ ފޮތިގަނޑެއް އަޅައިގެން ލޭ މަނާކުރާ މަންޒަރާއި އެމްބިއުލެންސްއަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.