މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން ތޮމްޕްސަންސް ހޮލިޑޭސް އާއެކު ދެކުނު އެފްރިކާގައި ޖޮއިންޓް މާކެޓިންގ ޕްރޮގްރާމެއް ފަށައިފިއެވެ.

މިއީ މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ކުރިއަށްދާ ކެމްޕޭނެކެވެ.

Ad
rt

މި ކެމްޕޭންގެ ދަށުން ޑިޖިޓަލް މީޑިއާ، ސޯޝަލް މީޑިއާ، އައުޓްޑޯ އިޝްތިހާރު އަދި ބީޓުބީ އިވެންޓްތަކުގައި ތަފާތު ގިނަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއެމްޕީއާރްސީ އިން ބުނީ މި ކެމްޕެއިންގެ މަގުސަދަކީ ރާއްޖެ އަކީ ލޯންގް-ހޯލް ދަތުރުފަތުރަށް އެންމެ އިސްކަންދޭ މަންޒިލެއްގެ ގޮތުގައި ގާއިމްކޮށް، އެކި ސެގްމަންޓްތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުން ކަމަށެވެ.

ދެކުނު އެފްރިކާގެ އެންމެ މަގުބޫލް އެއް ޓުއަރ އޮޕަރޭޓަރ ތޮމްޕްސަންސް ހޮލިޑޭސް އަކީ 40 ވުރެ ގިނަ އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވާ ބަޔެކެވެ. އަދިއެއީ ދުނިޔޭގެ އެންމެ މަޝްހޫރު މަންޒިލްތަކަށް ހޮލިޑޭ ޕެކޭޖް ވިއްކާ ކުންފުންޏެއް ވެސް މެއެވެ.

މީގެ ތެރޭގައި ރާއްޖެ ވެސް ހިމެނޭއިރު، ތޮމްޕްސަންސް ހޮލިޑޭސް ފަދަ މަގުބޫލް ބްރޭންޑަކާއެކު ކުރިއަށް ގެންދާ ކެމްޕޭނެއްގެ ސަބަބުން ދެކުނު އެފްރިކާގެ މާކެޓުގައި ރާއްޖެ ބްރޭންޑް އިތުރަށް ހަރުދަނާކުރެވޭނެއެވެ.

މި ކެމްޕެއިންގެ ދަށުން 18 ހަރަކާތެއް ކުރިއަށް ގެންދާއިރު، މީގެ ތެރޭގައި ޓްރެވަލް އޭޖެންޓް އިންސެންޓިވް ޕްރޮގްރާމެއް ވެސް ހިމެނެއެވެ.

މިއީ އެޖެންޓުން ރާއްޖެއަށް ބުކިންގ ވިއްކުމަށް ހިތްވަރު ދިނުމުގެ ގޮތުން ހިންގޭ ޕްރޮގްރާމެކެވެ. އަދި ތޮމްޕްސަންސް ހޮލިޑޭސްއިން ރާއްޖެ އިޝްތިހާރުކުރުމަށް ޚާއްސަ ސޯޝަލް މީޑިއާ ކެމްޕޭނަކާއި އައުޓްޑޯރ ކެމްޕޭނެއް ކުރިއަށް ގެންދާނެއެވެ.

2021 ވަނަ އަހަރު ދެކުނު އެފްރިކާއިން ރާއްޖެއަށް 16,347 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، 2022 ވަނަ 14,840 ފަތުރުވެރިން ދެކުނު އެފްރިކާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

2023 ވަނަ އަހަރުގެ ޖެނުއަރީ މަހު މި މާކެޓުން 643 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. އަދި 2021 ވަނަ އަހަރު މި މާކެޓުން ރާއްޖެއަށް ޒިޔާރަތްކުރި އަދަދު ޕެންޑަމިކްގެ ކުރީގެ އަދަދުތަކާ އަޅާބަލާއިރު އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.