ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ)، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކޮށްފިއެވެ.

ޖޭފޯގެ އެމްޑީޕީއަށް ސޮއިކުރެއްވީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިހާރު ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދުއެވެ. ޖޭފޯ އެމްޑީޕީ އަށް ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ފ. ނިލަންދޫގައެވެ.

Ad
rt

ޖޭފޯ އަކީ މިނިވަން މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ތަމްސީލް ކުރައްވަމުން ގެންދަވާ މެންބަރެކެވެ.

ޖޭފޯ މިއަދު އެމްޑީޕީއާ ގުޅިވަޑައިގެންނެވިއިރު، މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ އަބްދުﷲ ވަކިކުރުމަށް މަޖިލީހަށް ހުށަހެޅި އިތުބާރުގެ މައްސަލައިގައި ސޮއިކުރެއްވި މެންބަރުންގެ ތެރޭގައި ވެސް އޭނާ ހިމެނިވަޑައިގަންނަވަ އެވެ.

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ އަރިސް ބޭފުޅުންތަކެއް އެ ޕާޓީ ދޫކޮށްލިއިރު އެމްޑީޕީން ވަނީ 12 މެންބަރުން ވަކިވެފައެވެ. އެެހެންކަމުން އެ ޕާޓީގެ 68 މެންބަރުންގެ ސްޕާ މެޖޯރިޓީ ވަނީ ގެއްލިފައެވެ. ޖޭފޯ އެމްޑީޕީއާ ގުޅުމުން މިހާރު އެ ޕާޓީގެ މަޖިލިސް މެންބަރުންގެ އަދަދަކީ 57 ގައެވެ.