" ބައްޕައަށް އެނގެޔޭ ހުރިހާ އެއްޗެއްވެސް.. ހުއްޓާލައިގެން ތައްޔާރުވޭ އަވަހަށް.. ޖާބިރަށް މިގުޅަނީ.." ފަހުމީގެ އޯގާތެރި ބަސްތަކުން އުޝާގެ ހިތަށް ކުޑަނަމަވެސް ފިނިކަމެއް ލިބުނު ކަހަލައެވެ.
***
އުޝާއާ ނޫޙުގެ ސާމާނުތައް ކާރަށް އެރުވުމަށްފަހު ޖާބިރު އެތެރެއަށްވަނީ ނޫޙު ބަލައެވެ. އޭރު ނޫޙު ކޮނޑުމަތީގައި ބާއްވައިގެން އުޝާ ހުރީ ސިޓިންރޫމްގައެވެ.
" އަހަރެން މިދަނީ މަންމައަށް ގޮވާލާފަ.." ޖާބިރު ފެނުމާއެކު އުޝާ ބުނެލިއެވެ. އުޝާ އިތުރަށް ވަގުތު ބޭނުންވާކަން އެނގުމުން، ޖާބިރު އަވަސް އަވަހަށް އުޝާގެ އަތުން ނޫޙު ނެގުމަށްފަހު ނިކުތެވެ. ޖާބިރު ދިޔުމުން އުޝާ މިސްރާބުޖެހީ އަމީރާގެ ކޮޓަރިއަށެވެ. ޓަކި ޖަހާލުމަށްފަހު އޭނާ ދޮރު ހުޅުވާލި އިރު އަމީރާއާ ފަހުމީ އެނދުމަތީގައި އިށީނދެލައިގެން ތިއްބެވެ. އުޝާ ފެނުމާއެކު ދައްކަމުން ދިޔަ ވާހަކަ ހުއްޓާލުމަށްފަހު އެމީހުންނަށް ތިބެވުނީ އުޝާއަށް ބަލާށެވެ.
" މަންމާ.. އަހަރެން ދަނީ.." އަމީރާގެ ޖަވާބަކަށް އެދި އުޝާއަށް ބުނެލެވުނެވެ. އަމީރާއަށް ބަލާލެވުނީ ފަހުމީގެ މޫނަށެވެ.
" މަންމަމެން އަހަރެންދެކެ ރުޅި އައިސްފަތަ؟" ދިޔުމުގެ ކުރިން އެސުވާލު ކުރަން އޭނާގެ ހިތް އޭރުވެސް ދިޔައީ އެދެމުންނެވެ.
" އަހަރެމެން އުޝާ ގެނައީ އަމިއްލަ ދަރިޔަކު ފަދައިން މިގޭގަ ގެންގުޅެން ވެގެން.. އެ ދަރަޖަ އުޝާއަށް އަހަރެމެން ދިނިން.. އެކަމަކު.. އެކަމަކު މިއަދު އަހަންނަށް މުޙިއްމުވަނީވެސް އަދި އިސްކަންދެވޭނީވެސް އަހަރެންގެ ބަނޑުއަޅާވިހޭ ދަރިފުޅަށް. އެދަރިފުޅުގެ ޙާލަތު މިހާރު އުޝާއަށްވެސް އެނގޭނެ! އަހަރެން ޤަބޫލުކުރަން އަހަރެންގެ އެދުމަށް އުޝާގެ ޙަޔާތުން އެތައް ދުވަސްތަކެއް އެކަނިވެރިކަމުގައި ވޭތުކުރިކަން. އަދި އަހަރެންގެ ދަރިފުޅު ދުނިޔެއަށް ގިނަކޮށްނުލާ އޭނާ ފަޟީޙަތްކޮށްނުލީތީ އުޝާއަށް ޝުކުރުއަދާކުރަން.. މިއަދު އަހަރެން އުޝާ ހުއްޓުވާކަށް ނެތިން.. އަދި އަހަރެންގެ ހިތުގައި އުޝާއާމެދު އެއްވެސް ހިތްބަރުކަމެއްވެސް ނެތް.. "
އަމީރާގެ ވާހަކަތައް އަޑުއަހަން އުޝާ ހުރީ ފާރުގައި ލެނގިލައިގެން އިސްޖަހާލައިގެންނެވެ. އޭނާ ހުރީ އިންތިހާއަށް ލަދުވެސް ގަނެފައެވެ.
" އަހަރެންގެ އެދުމަކީ އަހަރެންގެ މާމަ ދަރިފުޅު އަހަރެމެންނާ ދުރުނުކުރުން..." އަނެއްކާވެސް ވާހަކަ ދެއްކީ އަމީރާއެވެ.
" މަންމާ! ހަމައެކަނި ނޫޙުއެއްނޫން.. އަހަރެންވެސް މަންމަމެންނާ ދުރެއް ނުވާނަމޭ! އަހަރެން މިދަނީ މަންމަމެން ދޫކޮށްލާފައެއް ނޫނޭ! އަހަންނަކީ މަންމަގެ އަންހެންދަރިފުޅެއްނު..."
ދުރުގައި ނުހުރެވިގެން އުޝާ އައިސް އެނދުގައި އިން އަމީރާގެ ދެކަކުލުގައި އަތްޖައްސާލަމުން މުށިތައްމަތީގައި ކުޑަކަކޫޖަހާ އިށީނެވެ. އަދި އިސް އުފުލައިގެން އިނދެ އަމީރާއަށް ބަލަމުން ވާހަކަ ދައްކަން ފެށިއެވެ.
" އަހަރެން މިދަނީ މަންމަމެންނާ ވަކިވެގެންނެއް ނޫނޭ މަންމާ! ހުރިހާ ކަމެއް ވެގެން ދިޔައީ ހަމަ ހިނދުކޮޅެއްގެ ތެރޭގައި! މަންމާ! އަހަންނަށް މަޢާފްކުރޭ..." ލޯތްބާއިއެކު އުޝާ އެހެން ބުނުމުން އަމީރާ އުޝާގެ ބޮލުގައި ފިރުމާލިއެވެ. އަދި ގަދަކަމުން ހިނިތުންވެލަމުން ބުނެލިއެވެ.
" އަބަދުވެސް ހެޔޮ ދުޢާ!" އިތުރަށް އެއްވެސް އެއްޗެއް ބުނާނެ ހިތްވަރެއް އަމީރާއަކަށް ނުލިބުނެވެ. އުޝާގެ ހިތަށް ހަމަޖެހުން ލިބުނީ އެހިސާބުންނެވެ. އޭނާ އަމީރާގެ ގައިގައި ބައްދާލުމަށްފަހު ފަހުމީއަށް ބަލާލިއެވެ. އަދި ހިނިތުންވެލުމަށްފަހު ދަނީއޭ ބުނެ ނިކުމެގެން ދިޔައެވެ.
" އަހަރެންގެ ވާހަކަތައް އަޑުއަހާ، އަހަރެންގެ ބަސް، އެހީތީ ވަރަށް އުފާވެއްޖެ! އުޝާ މިގެއިން ދާއިރު ރޮމުން ދާކަށް އަހަރެން ބޭނުމެއްނޫން. އެއީ ވަރަށް މާތް އަޙްލާޤެއްގެ ވެރިއެއް... އެހެންވެ އަހަރެން މި ވިސްނައިދިނީ އޭނަދެކެ ރުޅި އައިސްގެން ވާހަކަ ދައްކައިގެން ނުވާނެކަން.. އެހެން ނޫނަސް އޭނާގެ މިނިވަންކަމަށް ހުރަސް އަޅާކަށްވެސް ބޭނުމެއްނޫން.. އަހަރެމެންނަށް އޮތީ އަހަރެމެންގެ ދަރިފުޅަށް އުފާވެރިކަން ހޯދައިދިނުން.."
ފަހުމީ އަމީރާގެ އަތުގައި ހިފާލުމާއެކު ދެރަވެލާފައި އަމީރާ ފަހުމީގެ ކޮނޑުގައި ބޯ އަޅާލިއެވެ.
***
ގަޑިން ބާރަ ޖަހާ ބޮޑުވެއްޖެއެވެ. ނޫޙު ނިންދަވާލުމަށްފަހު އުޝާ ސިޓިންގރޫމަށް ނިކުތީ ނަވީން އޭނާގެ އިންތިޒާރުގައި އިނުމުންނެވެ.
" ގޭ މީހުން އޯކޭތަ؟ " ނަވީން އަހާލިއެވެ. އުޝާ ބޯޖަހާލަމުން ނަވީންގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެލިއެވެ. ފަރުވާތެރިކަމާއެކު ނަވީން އުޝާއަށް ބަލާލިއެވެ.
" ދެން އެކަންކަމާމެދު ނުވިސްނާ! އަހަރެން ބޭނުމެއްނޫން އަހަންނާއެކު އުޅޭއިރު އުޝާ އެއްވެސް ވަރަކަށް މާޔޫސްވެފައި ހުންނާކަށް! އުޝާ ޖެހޭނީ އަބަދުވެސް އުފަލުގައި ހުންނަން.. ވެދިޔަކަންތައްތައް ވެދިޔައީ! އެދުވަސްތައްވެސް މާޒީވެ ދިޔައީ! ދެން އަހަރެން ބޭނުންވަނީ އެހުރިހާ ކަމެއް އުޝާގެ ހަނދާނުން ފުހެލަން! މިހާރު މިއީ އެހެން ދިރިއުޅުމެއް.. އެހެން ބައިވެރިއެއް. އާ ލޯތްބެއް.."
އެންމެ ފަހު ފަސް ނަވީން ބޭރުކޮށްލީ ވައިއަޑުންނެވެ. އެހެންކަމުން ލަދުވެތިގޮތަކަށް އުޝާއަށް ނަވީންގެ މޫނަށް ބަލާލެވުނެވެ.
" ކިހިނެއްވީ؟ ލަދުގަތީތަ؟ "
ނަވީން އެހެން އަހާލުމުން އިތުރަށް އުޝާ ލަދުގަތެވެ. އެހެންކަމުން އޭނާއަށް އެކި ދިމަދިމާލަށް ނަޒަރު ހިންގެން ފެށުނެވެ.
" އުޝާ ލަދުގަތީމަ ހާދަ ލޯތްބޭ! " ސޯފާގައި ލެނގިލަމުން ނަވީން ބުނެލިއެވެ.
" އަހަރެން ވަރަށް ފޫހިވޭ ތިގޮތަށް ލަދުގަންނަވަންޏާ.." ނަވީންއަށް ބަލާލަމުން އުޝާ ބުންޏެވެ. އެއާއެކު ބާރުބާރަށް ނަވީން ހީގަތެވެ.
" އޫފް.... އޯކޭ! ދެން ދުވަހަކުވެސް އެގޮތަކަށް ލަދެއް ނުގަންނަވާނަން.. އެކަމަކު އުޝާއަށް ތަޢުރީފްކުރުމުގެ ހުއްދަ އެބައޮތްތަ އަހަންނަށް؟ "
އެއާއެކު އުޝާއަށްވެސް ހެވުނެވެ.
" ނިކުމެބަލާށޭ ބުނީ އަސްލު މާދަމާގެ ޝެޑިއުލް ކިޔައިދޭންވެގެން.. " އަނެއްކާވެސް ނަވީން ބުނެލީ ހެމުންނެވެ.
" މީ އަހަރެމެން ދެމީހުންގެވެސް އަލަތު ކައިވެނި! އަސްލު ބައްޕަވެސް ބޭނުންވޭ ބޮޑުކޮށް ޕާޓީ ބާއްވަން. އެކަމަކު އުޝާގެ އެދުމަށް އިޙްތިރާމް ކުރުމުގެ ގޮތުން އަހަރެމެން މިގޮތަށް ނިންމީ! އެކަމަކު އަހަރެންގެވެސް އެއް ޝަރުޠު އެބައޮތް. އެއްބަސް ނުވިޔަސް......"
ކަތިނަޒަރަކުން ބަލާލަމުން ނަވީން ބުނެލިއެވެ. އެއާއެކު އުޝާގެ ހިތް ތެޅިގަތެވެ. ނަވީން ބުނަން އުޅޭ އެއްޗެއް އަޑުއަހާހިތުން ހުރެވުނު ފުރަތަމަ ފަހަރުކަން އުޝާއަށްވެސް ފާހަގަކުރެވުނެވެ.
" އަހަރެމެން ދެމީހުން މާލެކައިރި ރިސޯޓަކަށް ދާން ރިޒަވޭޝަން ހައްދާފަވީ! ނޯ ނުބުނައްޗޭ! "
ނަވީން އެހެން ބުނުމާއެކު އުޝާއަށް ތެޅިގަނެވުނެވެ. ނަވީން ހީކުރި ގޮތާ ޚިލާފަށް އުޝާގެ މޫނުމަތިން ފެނުނީ ނުތަނަވަސްކަމެވެ.
" ދެމީ....ދެމީހުން؟ ދެން ނޫޙު؟ " އުޝާއަށް ވާހަކަ ދެއްކުނީ ތަންކޮޅެއް ބާރަށެވެ.
" ހަމަޖެހޭ! ހާދަ އަވަހަކަށް ތި ކަންބޮޑުވީ؟ އުޝާއަށް ހީވަނީތަ އަހަރެން މި ޙަވާލްވީ ހަމައެކަނި އުޝާއާއޭ؟ އުޝާއާ އުޝާގެ ދަރިފުޅަކީވެސް މިހާރު މަގޭ ޒިންމާއެއްކަން އަހަރެން އެހާ އަވަހަށް ހަނދާންނައްތާލާނޭ ހީވީތަ؟ "
އޯގާތެރިކަމާއެކު ނަވީން އެހެން ބުނުމުން އުޝާގެ ހިތަށް ހަމަޖެހުމެއް ލިބުނު ކަހަލައެވެ. ފުންނޭވާއެއް ދޫކޮށްލަމުން އޭނާއަށް ހިނިތުންވެލެވުނީ ބޭއިޙްތިޔާރުގައެވެ.
" އަހަރެެންމީ ތި ހީކުރާހާ ގޯސްމީހެއް ނޫނޭ.! އަހަންނަށް އެނގޭ އެންމެ ދެތިން ދުވަހުން އިތުބާރެއް ނުހޯދޭނެކަން.." ނަވީން ބުންޏެވެ. ކޮންމެ ޖުމްލައެއް ބުނުމަށްފަހު އުޝާއަށް ވަގުތުކޮޅެއް ދެނީ އޭނާ ވާހަކަ ދައްކާތޯއެވެ. ނަމަވެސް ނަވީންގެ ކޮންމެ ޖުމްލައެއްގެ ރައްދަކަށް، ހިނިތުންވެލުމަކުން އުޝާ ފުއްދާލަނީއެވެ.
" ނޫޙުއާ ބައްޕަވެސް ދާނޭ! ބައްޕަ ވަރަށް ލޯބިވާނެ ކުޑަކުދިންދެކެ.. ނޫޙު މިހާރު ބައްޕަޔާ ވަރަށް ރައްޓެހިވެއްޖެދޯ! " ހީލަމުން ނަވީން ބުނެލިއެވެ. " އެހެންވެ ވަރަށް އުފާވޭ! " އުޝާ ވާހަކަ ދެއްކީ ނުހަނު މަޑުންނެވެ.
" އުޝާގެ ކޮންމެ އުފަލަކީ އަހަރެންގެވެސް އުފާ! " ފުންނޭވާއެއް ދޫކޮށްލަމުން ނަވީން ބުންޏެވެ. އެފަދަ ކޮންމެ ޖުމްލައަކުން އުޝާގެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ ތަދެއް އޭނާއަށް އިޙްސާސް ކުރެވެއެވެ.
" ދެން އަވަހަށް ދޭ! މިހާރުވެސް މާ ލަސްވެއްޖެ! " ނަވީންއަށް ރަނގަޅަށް އެހެން ނުބުނެވެނީސް އުޝާ ތެދުވެއްޖެއެވެ. އަދި އިސްޖަހާލައިގެން ހުރެ އޭނާ ކޮޓަރިއާދިމާލަށް ދިޔައެވެ. އުޝާ ކޮޓަރިއަށް ވަންނަންދެން ނަވީންއަށް އިނދެވުނީ އެދިމާލަށް ބަލާށެވެ.
****
ހޫނު ކޮފީތަށިން އަރަމުންދާ ދުންތަކަށް ބަލަން ނަދާ އިނީ ހުއްޓުންއަރާފައެވެ. އެއް އަތުން މޫނުގައި ހިފަހައްޓާލައިގެން އޭނާ އިނީ ފުންވިސްނުމެއްގައިކަން ދުރުގައި ހުރި ސާމިޔާއަށް ފާހަގަކުރެވުނެވެ. އެހެންކަމުން ސާމިޔާ އައިސް ނަދާގެ ކުރިމަތީގައި އިށީނުމަށްފަހު ވާހަކަ ދައްކަންފެށިއެވެ.
" މިހާރަކަށް އައިސް މާބޮޑަށް ފިކުރު ތިކުރަނީ! ވަރިކުރި ދުވަސްކޮޅު ހީވޭ ވަރަށް ހަމަޖެހިގެން އުޅުނުހެން.. ދެން މިހާރު ކޮންކަމަކާ ތި ވިސްނަނީ؟ "
މަންމަގެ ވާހަކަތައް އަޑުއަހަން އިނދެ ނަދާ ބަލާލީ ދުރަށެވެ. އޭނާގެ މޫނުމަތިންވެސް ފެންނަމުންދަނީ ފޫހިކަމެވެ. ހިކިފައިވާ ދެތުންފަތް ދުލުން ތެންމާލަމުން ނަދާ ވާހަކަ ދައްކަން ފެށިއެވެ.
" އާނ! އޭރު އަހަރެންވެސް ހުރީ ވަރަށް ރުޅިއައިސް.. އެހެންވެ ވަރިކުރީމަވެސް ފަހުން އެހާ އަވަހަށް ހަމަޖެހުނީ..! އެކަމަކު މަންމާ! ޒައިން ކީއްވެތަ އަހަރެން ކިހިނެއްތޯ ބަލާލަންވެސް ނުގުޅަނީ؟ އަހަރެންގެ ޙާލު ބަލާނުލިޔަސް ޒަޔާކޮބައިތޯ ބަލާލަންވާނެއެއްނު! ޒަޔާދެކެ ޒައިން ވަރަށް ބޮޑަށް ލޯބިވާނެ! އެކަމަކު އޭނަ ޒަޔާގެ ހާލުވެސް ބަލާނުލާ! އެހެންވެ.... ހިތަށް އަހަރަނީ ޒައިން ކޮބައިބާއޭ.. އޭނަ ކިހިނެއްބާއޭ.. މަންމަ! އަހަރެން ބޭނުން އެންމެ ފަހަރަކުވިޔަސް ޒައިންއަށް ގުޅާލަން..."
ދަރިފުޅު އެހާ ހިތުގައި ޖެހިގެން ވާހަކަ ދެއްކުމުން އެކަމާ އިންކާރު ކުރާކަށް ސާމިޔާއަކަށް ނުކެރުނެވެ.
" ކޮންމެ ގޮތެއް ވިޔަސް ޒައިންއަކީ ޒަޔާގެ ބައްޕަ! ދަރިފުޅުގެ ކަންތައްތަކުގައި ވާހަކަވެސް ދެކެވެންޖެހޭނެ! " އެހެން ބުނުމަށްފަހު ސާމިޔާއަށް ބަލާލެވުނީ ދުރުގައި ގޭމް ކުޅެން އިން ޒަޔާއަށެވެ. އެއާއެކު ނަދާ ތެދުވެގެން ދިޔައީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ.
***
" ޒައިންއަކަށް ދެން ތިކަހަލަ މަސައްކަތްތަކެއް ނުކުރެވޭނެ! އެހެން މީހަކު ހޯދަންވީއެއްނު.."
މާނިޙްއާއެކު ފަހުމީ އިނީ ކެފޭއެއްގައެވެ.
" އާނ އަހަރެން ގުޅާގުޅާވެސް ފޯނެއް ނުނަގާ! އެހެންވެ އަހަރެން ތިގެއަށް ދިޔައީވެސް.."
މާނިޙް ފެނުމާއެކު ފަހުމީ އޭނާ ގޮވައިގެން ބޭރަށް ދިޔައީ، މާނިޙް ޒައިންއާ ބައްދަލްވިޔަ ނުދޭށެވެ.
" ޒަޔާ ގޮވައިގެން ނަދާ ފުރައިގެން ގޮސްވެސް އޭނަ ޒައިން ވަރަށް ރުޅިއެރުވި. އެހެންވެ ވަރިކުރެވުނީވެސް. ދެން އެކަންކަމާ ވިސްނަން ހަދައިގެން ވަރަށް ބޮޑަށް ބަލިވެފަ ހުރީ.. " ފަހުމީ އެހެން ބުނުމުން މާނިޙްގެ މޫނުމަތިންވެސް ފެނުނީ ހިތާމައިގެ އަސަރުތަކެވެ.
" ދިރިއުޅުމުގެ ކަންތައްތަކާ އެވަރަށް ވިސްނާކަށްނުވާނެ! މާބޮޑަށް ވިސްނަން ވެއްޖެނަަމަ މީހާ ނަފްސާނީބަލީގެ ޝިކާރައަކަށްވެދާނެ! ބޭބެ އަޑުއަހަންތަ ޑިޕްރެޝަން.؟ އެއީ އެގޮތަށް ކަންތައްތަކާ މާބޮޑަށް ހާސްވެ، ފިކުރު ބޮޑުވެ، ވިސްނާމީހުންގެ ހުންނަ ނަފްސާނީބައްޔަކަށް އިނގިރޭސިން ކިޔާއުޅޭ ނަމެއް! ހިތާމަކޮށްކޮށް މީހާގެ ސިކުނޑިއަށް މާ ބޮޑަށް ޕްރެޝަރވަނީ އަސްލު.. މާބޮޑަށް އެކަމުގެ އަސަރުކޮށްފައިވާ މީހުން އަމިއްލައަށް މަރުވާންވެސް އުޅޭނެ. އެމީހުންނަށް ހީވާނެ އެއީއޭ ހުރިހާކަމެއްގެވެސް ޙައްލު. އެއީ އެންމެ ނުރައްކާ ހިސާބަށް ދިޔައީމަ ވާ ގޮތެއް! ޒައިން ވިސްނަން ދޫކޮށްނުލާ! ބޭރަށްވެސް ނެރެންވާނެ!" މާނިޙްގެ ވާހަކަތަކުން ފަހުމީ ބިރުގަންނަން ފެށިއެވެ. ޒައިންއަށް އެއްވެސް ގެއްލުމެއްވާކަށް ބޭނުމެއްނޫނޭވެސް ހިތަށް އެރިއެވެ. ފަހުމީގެ ކަންބޮޑުވެފައިވާ މޫނު ފެނި، މާނިޙް ބޭނުންވީ އަދިވެސް ވާހަކަ ދައްކާށެވެ.
" ޑޮކްޓަރަށް ދައްކައިގެން އެބަލި ދެނެގަނުވަސް ބައެއް ފަހަރު ނޭނގިދާނެ! ކައުންސެލިން ދީގެންވެސް ރަނގަޅު ކުރެވޭނެ! އެކަަމަކު މާ ބޮޑުވަރުވިއްޔާ ޖެހޭނީ ބޭސްކާން. ބައެއްފަހަރު އެއީ ދާއިމީ ބައްޔަކަށްވެސް ވެގެންދޭ! އެމީހުން ބޭނުންވާނީ އެކަނިވާން އަބަދުވެސް. އޭރުންތާ ހިތާމަކޮށް ފިކުރު ކުރަން ޗާންސް ލިބޭނީ.. އެއްގޮތަކަށްވެސް ޒައިން އެކަނި ކޮޓަރީގައި ނުބާއްވާތި! އާއްމުކޮށް ހަމަ ދިރިއުޅުމުގައި ތިކަހަލަ ކަންތައްތައް ދިމާވާ މީހުން އެބަލި ތަޙައްމަލްކުރަމުންދަނީވެސް.."
ޑޮކްޓަރެއް ފަދައިން މާނިޙް ކިޔައިދެމުންދިޔައެވެ. އިރުއިރުކޮޅުން ފަހުމީ ބޯޖަހާލި ނަމަވެސް އޭރު އޭނާ ހުރީ ގެއަށްދާން ބޭނުންވެފައެވެ.
" އަހަރެން ވިސްނާނަން ތިކަންކަމާމެދު.. " އަވަސް އަވަހަށް ފަހުމީ ބުނެލިއެވެ.
" އައްޑޫގައި ކުރެވުނު މަސައްކަތަށް ފައިސާ ޖަމާކުރި ވާހަކަ ޒައިންގާތު ބުނާތި! ބުނޭ އަހަންނަށް ގުޅާލައްޗޭ! "
ފަހުމީ ތެދުވުމާއެކު މާނިޙް ބުންޏެވެ.
ގެއަށް ގޮސް ދިޔަ ބާރުމިނުގައި ފަހުމީ ހުއްޓުނީ ފުނާއަޅަން ހުރި އަމީރާގެ ކުރިމަތީގައެވެ.
" އަހަންނަކަށް ހިއެއްނުވޭ ނޫޙަކީ ޒައިންގެ ދަރިއެއްކަން އެހެން މީހުންނަށް އަބަދު ސިއްރު ކުރެވިދާނެހެންނެއް.."
އައިގޮތަށް އައިސް ފަހުމީ އެހެން ބުނުމުން އަމީރާ ނުހަނު ކަންބޮޑުވެއްޖެއެވެ. ސުވާލުގެ ނަޒަރަކުން އަމީރާ ފަހުމީއަށް ބަލާލުމާއެކު ފަހުމީ ބުނެލިއެވެ.
" މިހާރުވެސް އަހަރެމެން ފެންނައިރަށް އެދައްކަނީ ތިމަންނަ ދެދަރިން ގެއްލިއްޖޭ! ކޮންމެ މީހަކު ފެނުނަސް އޭނަ އެވާހަކަ ދައްކާނެ! އެހެންވެ އަހަރެން މާނިޙް ގޮވައިގެން ބޭރަށް ނިކުތީވެސް. މާނިޙްއަށް އެކަން އެނގޭކަށް ބޭނުމެއްނޫން. އޭރުން ބުނާނެ އުޝާއާ އިންނަން އެހި އިރުގައިވެސް އަހަރެމެން އެކަންތައް ސިއްރުކުރިއްޔޭ! އަހަރެން ވަރަށް ކަންބޮޑުވޭއެބަ!"
ފަހުމީގެ ވާހަކަތައް އަޑުއަހަން ހުރި އަމީރާ ދެފަރާތަށް ބޯހޫރާލީ ބޭކާރުކަމެއްގައި ފަހުމީ އެހާވަރަށް ކަންބޮޑުވުމުންނެވެ.
" ޒައިން ބޭނުމެއްނުވޭ އެއްވެސް މީހަކާ ބައްދަލްވާކަށް. ޒައިން އަބަދު އެ އޮންނަނީ ކޮޓަރީގަ! ދެން މީހަކާ ދިމާވާނެތަ؟ ޒައިން ކޮޓަރީގަ އޮތީމަ ރަނގަޅެއްނޫންތަ؟ ބޭރަށް ދާނަަމަތާ ހާސްވެގެން ގޮސް ގޭންގްތަކާ ގުޅިގެން އުޅެދާނެތީ ބިރުގަންނާނީ.."
" ތިއަށްވުރެ މާ ނުރައްކާކަމެއް ކޮޓަރީގަ އޮވެގެން ހިތާމަކުރުމަކީ.." މާނިޙް ދެއްކި ހުރިހާ ވާހަކަތަކެއް އަމީރާއަށް ފަހުމީ ކިޔައިދިނެވެ. އެއާއެކު ފަހުމީ ފަދައިން އަމީރާވެސް އެކަމާ ނުހަނު ކަންބޮޑުވެއްޖެއެވެ.
***
ކައިވެނީގެ ފުރަތަމަ ދުވަހެވެ. އުޝާއާއެކު ނަވީންއަށް އެކަނިވެލަން ފުރުޞަތު ލިބުނީ ތާޖް އެގްޒޯޓިކާ ރިސޯޓްގެ ރީތި ކޮޓަރިއަކުންނެވެ.
" ބައްޕައާއެކު ނޫޙު ޕޫލްގައި އެބައުޅޭ! ވަރަށް މަޖާވެގެން އުޅެނީ"
އުޝާ އުފާކޮށްލަން ބޭނުންވާތީ ނަވީން ބުނެލިއެވެ. އެއާއެކު ރީތި ހިނިތުންވެލުމަކުން އުޝާ ހީލިއެވެ. ކޮޓަރީގެ ބިއްލޫރި ބިތަކުން ބޭރަށް ބަލަހައްޓައިގެން ހުރި އުޝާއަށް ދެލޯމަރާލެވުނީ ފަހަތުން އައިސް ނަވީން އޭނާގެ ގައިގައި ބައްދާލުމުންނެވެ.
" ހޫމް.. ހާދަ މީރުވަސް ދުވައޭ.."
ފަހަތަށް ދޫކޮށްލާފައިވާ އުޝާގެ ފަންފަން އިސްތަށިގަނޑުން ވަސްބަލާލަމުން ނަވީން ބުނެލިއެވެ. އެއާއެކު އުޝާ ދުރަށް ޖެހިލިއެވެ. އުޝާގެ އެ ޢަމަލުން ނަވީންއަށް ލިބުނީ ހައިރާންކަމެވެ. އެހެންކަމުން އޭނާ މަޑުމަޑުން ގޮސް އުޝާގެ ކުރިމަތީގައި ހުއްޓިލިއެވެ. އަދި މަޑުމަޑުން އުޝާގެ އަތުގައި ހިފާލިއެވެ. ނަމަވެސް މިފަހަރުވެސް އުޝާ ނަވީންގެ އަތުގެ ތެރެއިން އަތް ދަމައިގަތެވެ.
" ކިހިނެއްވީ؟ އަހަންނަށް އިތުބާރު ނުކުރަނީތަ؟ " އަސަރާއެކު ނަވީން އަހާލިއެވެ. އެއާއެކު އުޝާއަށް ފުރަގަސްދެވުނެވެ.
" އަހަންނަށް އެނގެޔޭ އުޝާއަށް އަދި އަހަރެންދެކެ ލޯބި ނުވެވޭނެކަން.. ބުނެބަލަ! އުޝާގެ ލޯބި ޙާޞިލްކުރަން އަހަރެން ކީއްކުރަންވީ؟ "
ނަވީން އެހެން އަހާލުމާއެކު އުޝާގެ ދެލޯ ތެމެން ފަށައިފިއެވެ. ނަމަވެސް އޭނާ މަސައްކަތްކުރީ ނުރޮއިވޭތޯއެވެ.
" އަހަންނާ ދުރުގަ ހުންނަންވީ! "
ފަސްއެނބުރި ބަލާލަމުން އުޝާ ބުނެލިއެވެ. އުޝާގެ އެ ޖުމްލައިން ނަވީންގެ ހިތަށް ނުހަނު އަސަރުކުރިއެވެ. އޭނާގެ މޫނުމަތިންވެސް އެކަން ހާމަވެގެންދިޔައެވެ.
" ތިބުނީ؟ " ބޭއިޙްތިޔާރުގައި ނަވީންއަށް އަހާލެވުނީ ކުރަކިވެފައިވާ އަޑަކުންނެވެ.
" މިބުނީ އަހަންނާ ގާތްވާން މަސައްކަތް ނުކުރާށޭ! އަހަންނަށް އެހާ ފަސޭހައެއް ނޫނޭ ނަވީން.. ކައިވެނީގެ މާކުރިން އަހަރެން ހުރިހާ އެއްޗެއް ނަވީންއަށް ކިޔައިދިނިން. ހުރިހާ ކަަމަކަށްވެސް ނަވީން ރުހިގެން ކުރެވުނު ކައިވެންޏެއްމީ! އަހަރެންގެ މުޅި ދިރިއުޅުން ނަވީންއާ މި ޙަވާލްކުރީ އަހަރެން އެދިގެންނެއްނޫނެއްނު! މިކަން މިކުރީ ނަވީންގެ އެދުމުގެމަތިން.. އެހެންވީމަ.. އަހަރެންދެކެ އެހާ ލޯބިވަންޏާ އަހަންނަށް ވަގުތުދީ! އަހަރެން ވަގުތު ބޭނުން.. އަހަރެންގެ ލޯބި ޙާޞިލްކުރަން ބޭނުންވަންޏާ އަހަރެން ބޭނުންވާ ގޮތަކަށް ކަންތައްކޮށްދީ! މި ލޯބި ޙާޞިލްކުރެވުނީމަ ނަވީންއަށްވެސް އެނގޭނެ... އެދުވަހަކުން އަހަރެން ހުންނާނެ އަބަދުވެސް ނަވީންގާތު.. އެކަމަކު ކަންތައްވާނެގޮތެއް ނޭނގެ! އެދުވަސް ނުފެނި، ދެމީހުން ހަމަ ވަކިވާންވެސް ޖެހިދާނެ! "
އުއްމީދެއްނެތް ވާހަކަ ތަކަކުން ނަވީންގެ ހިތް ޒަޚަމްވެއްޖެއެވެ. އުޝާ އެފަދައިން ވާހަކަ ދައްކާނެ ކަމަށް ފަހަރެއްގައިވެސް އޭނާ ހިއެއް ނުކުރެއެވެ. ޝަކުވާތައް ހިތުގައި ފުނިޖެހުނު ނަމަވެސް އެއްވެސް އެއްޗެއް ބުނާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ބިއްލޫރި ދޮރު ކަހާލުމަށްފަހު ކުރިމަތިން ފެންނަން އޮތް ރީތި ގޮނޑުދޮށާއިދިމާލަށް ދިޔަ އުޝާއަށް ބަލަން ނަވީންއަށް ހުރެވުނީއެވެ.
***
" އުޝާ ތިހެން ބުނިކަމުގައި ވިޔަސް ހިތްވަރު އެލުވާނުލާ! ފަސޭހައިން ހޯދޭ ލޯބި އެހާ ފަސޭހައިން ގެއްލިދާ ފަހަރުވެސް އަންނާނެ! އުނދަގުލުން ޙާޞިލްކުރާ އެއްޗެހި އެހާ ފަސޭހައިން ބީވެގެންނެއް ނުދާނެ! އެހެންވީމަ ދަރިފުޅުގެ އިމްތިޙާނު ތިފެށުނީ އަދި ކިރިޔާ! ބައްޕަ ދޭނެ ނަޞޭޙަތަކީ އުޝާގެ ނުރުހުމުގަ އެއްވެސް ކަމެއް ކުރަން ނޫޅޭށޭ!"
ޖާބިރުއާއެކު ނަވީންއިނީ ބީޗް ރެސްޓޯރެންޓެއްގައެވެ. އުޝާގެ ވާހަކަތަކުން ހިތަށް އުނދަގޫ ވެގެން ނަވީން އެހުރިހާ ވާހަކައެއް އޭނާގެ ބައްޕައާ ހިއްސާކުރިއެވެ.
" އުޝާ ނުރުހުންވެ ދެރަވާފަދަ އެއްވެސް ކަމެއް އަހަރެން ނުކުރާނަން.. އޭނާގެ ޙާލަތު އެންމެ ރަނގަޅަށް އަހަންނަށް އެނގޭ! އަހަރެން އޭނައަށް އިންތިޒާރުކުރާނަން. "
ނަވީން ބުނެލިއެވެ.
" ތިބުނާހާ ހިތްވަރެއް ދަރިފުޅުގެ މޫނުމަތިންނެއް ނުފެނޭ.. " ޖާބިރު އެހެން ބުނުމުން ނަވީން އިސްޖަހާލިއެވެ. ދެރަވިކަން ބައްޕައަށް ދައްކާކަށް އޭނާ ބޭނުމެއްނޫނެވެ. އެހެންކަމުން ގަދަކަމުން އެއްމިޔަކަނުން އޭނާ ހީލީ ހަމަޖައްސާލުމަށެވެ.
" ނޫނޭ! ހިތްވަރު އެބަހުރި! މީ ބައްޕަގެ ދަރިއެއްނު.." ތެދުވަމުން ނަވީން ބުންޏެވެ. އެއާއެކު ޖާބިރު ނަވީންގެ ބުރަކަށީގައި ބާރުބާރަށް ޖަހާލިއެވެ.
" މަންމަގެ އެންމެ ފަހު ވަގުތާ ޖެހެންދެންވެސް މަންމަގެ ކުރިމަތީގައި ބައްޕަ ކަރުނަ ތިއްކެއްވެސް ވައްޓާލިތަން ދުށިންތަ؟ ނުދެކެމެއްނު! އެކަމަކު ބައްޕަ ރޯވަރު ދެކެވޮޑިގެންވާނީ ހަމަ މާތްﷲ! އެހިތްވަރު ދަރިފުޅުވެސް ޖެހޭނެ ދައްކަން! ކެތްތެރިކަމަށްއެދި ﷲއަށް ދަންނަވާނީ.. "
އެފަދައިން ބައްޕަ ވާހަކަ ދައްކަން ފެށުމުން ނަވީންއަކަށް ކެތެއް ނުކުރެވުނެވެ. ފަނޑުއަނދިރީގެ ތެރެއިން ބައްޕައާ ހަތަރުކަޅި ހަމަކުރަން ބޭނުން ނުވީވެސް އޭނާގެ ދެލޮލުން ވިދަމުންދާ ކަރުނައިގެ އަސަރު ބައްޕައަށް ފެނިދާނެތީއެވެ.
" ދެން ހިނގާދަމާދޯ! މިހާރު އެސޮރަށް ނިދިދާނެ! " ޖާބިރު ބުނެލިއެވެ. ޖާބިރާއި ނަވީން ބޭރަށް ނިކުތީ އުޝާ، ނޫޙު ނިންދަވަން ވަނުމުންނެވެ.
" މާދަމާ ބްރެކްފާސްޓް ނަގައިގެން ފުރަން ދާގޮތަށް އޮތީ! " އަނެއްކާވެސް ވާހަކަ ދެއްކީ ޖާބިރެވެ.
" އާނ! ރަނގަޅުވާނެ.." ކުރު ޖުމްލައަކުން ނަވީން ފުއްދާލިއެވެ. ދެބަފައިންނަށް ކޮޓަރިއާ ހަމައަށް ދެވުނުއިރު އުޝާ ނިކުންނަނީއެވެ.
" އަނހަ! ނޫޙު ނިދީދޯ! މަޖާ ކުއްޖެއް! ބައްޕަ ހަމަ ހަނދާނަށް އަންނަނީ ނަވީން ކުޑައިރު އުޅުނުގޮތް.." އެތެރެއަށް ވަންނަމުން ޖާބިރު ހެމުން ބުނެލިއެވެ. އެއާއެކު އުޝާވެސް ހީލިއެވެ. ޖާބިރު ވަނުމާއެކު އުޝާއަށް ބަލާލެވުނީ ނަވީންގެ މޫނަށެވެ. ނަވީންގެ މޫނުމަތިން ފެންނަމުންދާ މާޔޫސްކަމުގެ އަސްލަކީ އުޝާކަން އޭނާއަށް އެނގެއެވެ. ނަމަވެސް އިތުރަށް އެވާހަކަތައް އާކުރާކަށް އުޝާ ބޭނުމެއް ނުވިއެވެ.
" ރޫމަށްތަ ދާނީ؟ ބީޗްގައި ހިނގާލަންވެސް ދެވިދާނެ! "
ނަވީންގެ ފަހު ޖުމްލައިން އެއީ އޭނާ ބޭނުންވާ ގޮތްކަން އުޝާއަށް އެނގުނެވެ. އެހެންކަމުން ނަވީން ދެރަކޮށްލާކަށް އޭނާއަކަށް ނުކެރުނެވެ. އެއްޗެއް ނުބުނެ އުޝާ ކުރިއަށް ހިނގައިގަތުމުން ނަވީންވެސް އޭނާއާ އަރާ ހަމަކުރިއެވެ. ނަމަވެސް ދެމީހުންގެ ދެމެދުގައިވަނީ ހަމަހިމޭންކަމެވެ. ޖެހެމުންދާ ނަލަނަލަ ވައިރޯޅިތަކުން ދެހަށިގަނޑު ފިނިކުރަމުން ދިޔަނަމަވެސް ސިކުނޑިއަށްވަނީ ހޫނެވެ.
" ސެލްފީއެއް ނަގަން އޯކޭތަ؟ " ޖީންސްގެ ފަހަތު ޖީބުން ފޯން ނަގަމުން ނަވީން އަހާލިއެވެ. މިފަހަރުވެސް އުޝާއަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ.
" އަނދިރީގަ ކިހިނެއް ނެގޭނީ؟ " މަޑުމަޑުން އުޝާ އަހާލިއެވެ. އެއާއެކު ނަވީންގާތަށް ހިނިއައެވެ. ނަމަވެސް އޭނާ އެއްޗެއް ނުބުނެ ފޯން ސެޓްކޮށްލިއެވެ.
" ނައިޓްމޯޑުގަ ނެގީމަ ވަރަށް ރީތިވާނެ! " ނަވީން އެހެން ބުނި އިރުގައިވެސް އުޝާ ހުރީ ތައްޔާރުވެގެންނެއް ނޫނެވެ.
" ކުޑަކޮށް މިކޮޅަށް ޖެހިލަންވީނު! " ޖެހިލުންވެ ހުރެ ނަވީން ބުނެލިއެވެ. އެއާއެކު އުޝާ ބޯ އަރިކޮށްލިއެވެ. ފޮޓޯ ނެގުމަށްފަހު ނަވީން އެ ފޮޓޯ އުޝާއަށް ދައްކާލަމުން ބުންޏެވެ.
" މީ އަހަންނަށް މިދުނިޔެއިން ފެނުނު އެންމެ ރީތި އަންހެން ކުއްޖާ! " ވަގުތުން އުޝާ އިސްޖަހާލިއެވެ. އުޝާގެ އެ މަޑުމައިތިރިކަން ނަވީންގެ މުޅި ހިތް ފަތަޙަކުރިކަހަލައެވެ. އުޝާގެ އަތުގައި ހިފާލާ ހިތްވި ނަމަވެސް ކުއްލިއަކަށް ނަވީންގެ ހަނދާނަށް އައީ ބައްޕަގެ ނަޞޭޙަތެވެ. އެހެންކަމުން އޭނާ ގަދަކަމުން ކަހަލަ ގޮތަކަށް ހިތް ކިޔަމަން ކުރުވިއެވެ.
" އަހަރެންދެކެ ފޫހިވޭތަ؟ "
އުޝާއާ އަރާ ހަމަކުރުމަށްފަހު ނަވީން އަހާލިއެވެ. ލައިގެން ހުރި ދިގުދިގު ހެދުމުގެ ފަސްބައިގައި ހިފައިގެން އޭރުވެސް އުޝާ ދިޔައީ މަޑުމަޑުން ހިނގަމުންނެވެ.
" ނޫން.. ނަވީންދެކެ އަހަރެން ފޫއްސެއްނުވޭ! އެކަމަކު ލޯތްބެއްވެސް ނުވޭ! އަހަރެންދެކެނީ ތީ ވަރަށް އޯގާތެރި، ރަނގަޅު މީހެއްގެ ގޮތުގައި! "
އުޝާގެ ޖަވާބުން ދެރަވި ނަމަވެސް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ނަވީންގެ ހިތަށް ލިބުނެވެ. އޭނާގެ ރަނގަޅުކަން އުޝާއަށް ކޮންމެވެސް ސިފައެއްގައި އިޙްސާސްކުރެވުނީތީއެވެ. އެކަން ޤަބޫލުކުރީތީއެވެ.
" އަހަރެން ނާހަމެއްނު ލޯބިވޭތޯއެއް.. ލޯބި ނުވެޔޭ ބުނާއަޑުއަހަން އަހަންނަށް ވަރަށް އުނދަގޫވޭ! " އަސަރާއެކު ނަވީން ބުންޏެވެ.
" އަހަންނަށް ހީވަނީ ނަވީން އަހަރެންދެކެ ފޫހިވާކަށް މާގިނަ ދުވަހެއް ނުނަގާނެހެން. ކޮންމެ މީހަކުވެސް ކައިވެންޏެއްކުރާނީ ވަރަށް ފޮނި އުއްމީދެއްގައި! އަހަރެންގެ ފަރާތުން ނަވީންއަށް ލިބުނު އެއްވެސް އުފަލެއް ނެތެއްނު! "
ހިނގުން މަޑުކޮަށްލުމަށްފަހު އުޝާ ބުނެލިއެވެ. އުޝާ ހުއްޓުމާއެކު ނަވީންވެސް ހުރި ފިޔަވަޅުމަތީގައި ހުއްޓިއްޖެއެވެ. އަދި ލަސްލަހުން ވާހަކަ ދައްކަން ފެށިއެވެ.
" ހަމައެކަނި އަހަރެންގެ މީޙަކަށް، އަހަރެންގެ މިލްކަކަށް އަދި އަހަރެންގެ ޙައްޤަކަަށް އުޝާވުމަކީ އަހަންނަށް ލިބުނު އެންމެ ބޮޑު އުފާވެރިކަން.. އުޝާހުރީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ބަލިކަށިވެފައިކަން އަހަންނަށް އެނގުނު! އަދި އުޝާހުރީ ކޮންމެ ޙާލެއްގައިވެސް އެގެއިން ނިކުންނަން ބޭނުންވެފައިކަންވެސް އަހަންނަށް އެނގުނު! އަހަންނަށް ނޭނގުނު ކަމަކީ އަދި ހިތުގައި އުފެދޭ ސުވާލަކީ އެގޭގަ އެހާ ހިތްދަތިކަމުގައި އުޅެމުންދަނިކޮށް، ލޯތްބާ، ހިތްހަމަޖެހުމާ، އުފާވެރިކަން އުޝާއަށް އާދޭހާއެކު ގޮވަމުން ދާއިރުވެސް ފުރަގަސްދެނީ ކީއްވެގެންތޯ؟ އިންކާރު ތި ކުރަނީ ކީއްވެގެންތޯ؟ "
ކުރިމަތިވި ސުވާލާއެކު އުޝާއަށް އިސްޖަހާލެވުނެވެ.
( ނުނިމޭ)
މިވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
Vaahaka varh kuri asslu ehaa kuru koh genness dheyy thee vaahakaage reethi kann gehlifa innaany