" ހަމައެކަނި އަހަރެންގެ މީހަކަށް، އަހަރެންގެ މިލްކަކަށް އަދި އަހަރެންގެ ޙައްޤަކަަށް އުޝާވުމީ އަހަންނަށް ލިބުނު އެންމެ ބޮޑު އުފާވެރިކަން.. އުޝާހުރީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ބަލިކަށިވެފައިކަން އަހަންނަށް އެނގުނު! އަދި އުޝާހުރީ ކޮންމެ ޙާލެއްގައިވެސް އެގެއިން ނިކުންނަން ބޭނުންވެފައިކަންވެސް އަހަންނަށް އެނގުނު! އަހަންނަށް ނޭނގުނު ކަމަކީ އަދި ހިތުގައި އުފެދޭ ސުވާލަކީ އެގޭގަ އެހާ ހިތްދަތިކަމުގައި އުޅެމުންދަނިކޮށް، ލޯތްބާ، ހިތްހަމަޖެހުމާ، އުފާވެރިކަން އުޝާއަށް އާދޭހާއެކު ގޮވަމުން ދާއިރުވެސް ފުރަގަސްދެނީ ކީއްވެގެންތޯ؟ އިންކާރު ތި ކުރަނީ ކީއްވެގެންތޯ؟ "
ކުރިމަތިވި ސުވާލާއެކު އުޝާއަށް އިސްޖަހާލެވުނެވެ. ޙަޤީޤަތުގައި އެސުވާލުތަކަށް ދޭނެ ޖަވާބެއް އޭނާއަކަށްވެސް ނޭނގެއެވެ. ނަވީން ބުނި ފަދައިން ލޯތްބާ، ހިތްހަމަޖެހުމާ، އުފާވެރިކަން އޭނާގެ ވަށައިގެން އެނބުރޭއިރުގައިވެސް އެއިން އެއްވެސް ކަމަކަށް ހިތްނޭދެނީ ކީއްވެކަމެއް އޭނާއަކަށް ނޭނގެއެވެ. އުދާސްތަކުން ހިތް ފުރާލައިގެން މާޔޫސްކަމުގައި ހުރެވެނީ ކީއްވެކަމެއް އޭނާއަކަށް ނޭނގެއެވެ. އަދި ނަވީންފަދަ ރަނގަޅު، އޯގާތެރި ފިރިޔަކު ލިބުމުންވެސް، އެއުފާތަކަށް ފުރަގަސްދެވެނީ ކީއްވެކަމެއް އޭނާއަކަށް ނޭނގެއެވެ. އުޝާގެ ހަމަހިމޭންކަން ފޫއަޅުވާލީ މިފަހަރުވެސް ނަވީނެވެ.
" އަހަންނަށް އެނގޭ އުޝާ ޒައިންދެކެ އަދިވެސް ލޯބިވާކަން.. ވެދާނެ ތި ހަމަހިމޭންކަމުގެ ފަހަތުގައިވަނީ އެކަން ކަމަށްވެސް... އަހަރެން އުޝާއަށް ވަގުތުދޭނަން.. " ކުރިއަށް ހިނގައިގަންނަމުން ނަވީން ބުނެލިއެވެ. އޭރުވެސް އުޝާއަށް ހުރެވުނީ ހުރި ފިޔަވަޅު މަތީގައެވެ. ދުރަށް ބަލަމުން ލަސް ހިނގުމެއްގައި ނަވީން ދާމަންޒަރުބަލަން އޭނާ ޝައުޤުވެރިވިއެވެ.
***
" އަހަރެން ބޭނުމީ އެކަނި ހުރެ ވާހަކަ ދައްކަން..." ދާދި ގާތުގައި އިން ސާމިޔާއަށް ބަލާލަމުން ނަދާ ބުނެލިއެވެ. ނަދާ އެހެން ބުނުމުން ހިތްހަމަ ނުޖެހޭފަދަ ގޮތަކަށް ނަދާއަށް ބަލާލުމަށްފަހު ސާމިޔާ ތެދުވެގެން ދިޔައެވެ. ސާމިޔާ ލޯމަތިން ގެއްލުމާއެކު ނަދާ އަވަސްވެގަތީ ޒައިންއަށް ގުޅާށެވެ. ވައިބަރއިން އޭނާ ގުޅާލުމާއެކު ޒައިން އެހާމެ އަވަހަށް ފޯނުވެސް ނެގިއެވެ.
" ހަ ހަލޯ! ޒައިން.."
ނަދާ ޒައިންއަށް ގޮވާލީ ނުހަނު މަޑުމައިތިރިކަމާއެކުއެވެ. ނަމަވެސް އެކޮޅުން އެއްވެސް ހިލަމެއް ނުވިއެވެ.
" ޒައިން.. ކީއްވެ ޒަޔާއަށް ނުގުޅަނީ؟" މިފަހަރުވެސް ވާހަކަ ދެއްކީ ނަދާއެވެ. ނަަމަވެސް އެއްވެސް އަޑެއް ނީވުމުން ފޯނު ތިރިކޮށްލަން އުޅެނިކޮށް ނަދާގެ ކަންފަތުގައި ޖެހުނީ އަމީރާގެ އަޑެވެ. އެއަޑުއައީ ތަންކޮޅެއް ދުރުންނެވެ. އެހެންކަމުން އަމީރާގެ ވާހަކަ އަޑުއަހަން ނަދާ ޝައުޤުވެރިވިއެވެ.
" ހިނގާބަލަ މަންމަމެންނާއެކު ބޭރަށް ސައިބޯންދާން.."
" ނޫޙު އަންނަންޏާ ދާނީ! ނޫޙުއަށް ގުޅާފަ ބުނޭ ބައްޕަ ބުންޏޭ ސައިބޯންދާން އަންނާށޭ! އެހެން ނޫނީ އަހަރެން ނެތް ދާހިތެއް!"
ޒައިންގެ ޖުމްލައިން ނަދާއަށް ލިބުނީ ހައިރާންކަމެވެ. ނަމަވެސް އެއީ ޒައިންގެ އަޑުކަން ނަދާއަށް ޔަޤީނެވެ.
" ދަރިފުޅާ! މިހާރު ދަރިފުޅު ބުނެލާ އިރަށް އުޝާއަކަށް ނާދެވޭނެއެއްނު! އުޝާ ނާންނަންޏާ ނޫޙުއެއްވެސް ނުފޮނުވާނެއެއްނު! އެހެން ނޫނަސް ނޫޙުގާތު ތީ ބައްޕައޭ ކުއްލިއަކަށް ބުނީމަ ކަމަކު ނުދާނެ! " އަމީރާގެ އަޑުން ނަދާއަށް ލިބުނީ ހައިރާންކަމެވެ.
" ހެވޭ! މަގޭ ދަރި މަގޭ ކައިރިއަށް ފޮނުވަންޖެހޭނެ! އެކަކު އެދިޔައީ ދަރި ގޮވައިގެން ރާއްޖެއިން ބޭރަށް! އަނެކަކު އެ ދިޔައީ އަނެއް ދަރި ގޮވައިގެން އެހެން ގެއަކަށް! ކީއްވެތަ އެމީހުން މަގޭ ދަރިންކޮޅު މަށާ ދުރުކުރަނީ؟ "
ނަދާއަށް ފުންމައިގެން ތެދުވެވުނެވެ. ނޫޙަކީ ޒައިންގެ ދަރިއެއްކަން ނަދާއަށް އެނގުނީ އަދިކިރިޔާއެވެ. އޭރު އޭނާގެ އަތް ތުރުތުރު ލަމުން ދެއެވެ. ބާރުބާރަށް ހިތް ނެގިނެގިފައި ޖެހެމުންދެއެވެ. ނަދާއަށް ހުރެވުނީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ފޯނުން އިތުރު އަޑެއް ނީވުމުން އޭނާ ފޯނުގެ ސްކްރީން ބަލާލީ ރުޅިވެރި ނަޒަރަކުންނެވެ. ނަމަވެސް ވައިބަރ ކޯލް އޭރު އޮތީ ކެނޑިފައެވެ. އެހެންކަމުން އިތުރަށް އެންމެ ސިކުންތަކުވެސް މަޑުނުކޮށް އޭނާ ދިޔަގޮތަށް ގޮސްވަނީ މަންމަގެ ކޮޓަރިއަށެވެ. އޭރު ޒަޔާ އޮތީ ނިދާފައެވެ.
" މަންމާ! ޒައިންއާ އޭނާގެ މައިންބަފައިންނަކީ ހާދަހާ ނުބައި ނުލަފާ ބައެކޭ! އަހަރެން ދުވަހަކުވެސް އެމީހުންނަކަށް މަޢާފެއް ނުކުރާނަން"
ރުޅި އައިސް ހުރި ނަމަވެސް އޭރު ނަދާއަށް ހުރީ ރޮވިފައެވެ. ނަދާގެ އެ ޙާލުން ސާމިޔާއަށްވެސް ލިބުނީ ހައިރާންކަމެވެ. ސުވާލެއް ނުކޮށް އުޅެނިކޮށް އަނެއްކާވެސް ވާހަކަ ދެއްކީ ނަދާއެވެ.
" އެއީ ވަރަށް މަކަރުވެރިބައެއް! މަންމައަށް އެނގޭތަ އެ ނޫޙަކީ ޒައިންގެ ދަރިއެއް! އުޝާއާ ޒައިންގެ ދަރިއެއް! "
" ސުބްޙާނަﷲ! ނުވާނެ އެހެންނެއް!" ސާމިޔާއަށް ތުންފަތުގައި އަތްޖައްސާލެވުނެވެ. އޭރު ނަދާއިނީ އެނދުމަތީގައި އިށީނދެ އިސްތަށިގަނޑުގެ ތެރެއަށް ދެއަތްބާނައިގެން ބާރަށް ލޯމަރައިގެންނެވެ.
" މިހާރު ދެން އެކަމާ ވިސްނުމުގެ ބޭނުމެއްނެތް! ތީ މިހާރު ޒައިންއާ ގުޅުމެއް ހުރި މީހެއްނޫން! " އެތެރެއަށްވަދެގެން އައި ނަޒީރު ބުނެލިއެވެ. ބައްޕަގެ އަޑަށް ނަދާއަށް ބަލާލެވުނެވެ.
" އަސްލުވެސް އެއީ ވަރަށް ނުބައިބައެއް! ބައްޕަހިއެއް ނުކުރަން އެމީހުން އެދަރަޖައަށް ވެއްޓިދާނެކަމަކަށް! ޒައިންގެ ޙަޤީޤަތް ފޮރުވައިގެން އެއުޅުނީ.. ދެން ބައްޕަ ބޭނުމެއްނޫން ޒަޔާވެސް އެމީހުންނާ އެއްވެސް ގުޅުމެއް ބާއްވާކަށް! ހުރިހާ ނަންބަރުތަކެއް ބްލޮކްކުރޭ!"
ދެއަތް ފުރަގަހަށް ލައިގެން ހުރެ ނަޒީރު ބުނެލީ ހަރުކަށިކަމާއެކުއެވެ. އޭރު ނަދާގެ ހިތުގައިވެސް ޒައިންއަދި އެ އާއިލާއަށްޓަކައި ނަފްރަތުގެ ގިނި އަނދަމުންދެއެވެ.
" އަހަރެން ބޭނުން އަހަންނަށް އެނގުނުކަން އަންގަން! އެމީހުންނާ އެއްވެސް ގުޅުމެއް ބާއްވަން ބޭނުން ނުވާ ވާހަކަ ބުނަންވެސް ބޭނުން."
ނަދާ ވާހަކަ ދެއްކީ އޭނާގެ ބައްޕައާއެވެ.
" އެމީހުންނަށް ގުޅާނީ އަހަރެން! ނަދާއެއް ނޫން.." އެހެން ބުނެ ނަޒީރު ވަގުތުން ފަހުމީއަށް ގުޅިއެވެ. އޭރު އޭނާވެސް ހުރީ އިންތިހާއަށް ރުޅި އައިސްފައެވެ.
" ނަޒީރު އެބަ ގުޅާ! " ފޯނު ބަލާލަމުން ފަހުމީ ބުނެލިއެވެ. އެއަޑަށް އަމީރާގެ އިތުރުން ޒައިންއަށްވެސް ބަލާލެވުނެވެ.
" އަނެއްކާ އެއްޗެހި ގޮވަން އެގުޅަނީ.. އެކަމަކުވެސް ދައްކާ ވާހަކަ އަޑުއަހަން ފޯނު ނަގާބަލަ!"
އަމީރާ ބުންޏެވެ. ޒައިންވެސް އިނީ އެގޮތް ބޭނުންވެފައިކަން އޭނާގެ ބަލާލުމުން ފަހުމީއަށް އެނގުނެވެ. އެހެންކަމުން ފޯނު ނެގުމަށްފަހު އަވަސް އަވަހަށް ސްޕީކަރަށް ލިއެވެ.
" އެއްގެއެއްގެ ތެރޭގައި ތި އެންމެން އުޅުނީ އަހަރެންގެ ދަރިފުޅު އަނދިރީގެ ތެރޭގައި ބަހައްޓައިގެން.. ޒައިންްއާ އުޝާގެ ލޯބީގެ ކުޅިގަނޑު އަހަރެމެންނަށް ފަޅާއެރީ އަދިކިރިޔާ! އެމީހުންގެ ދަރިޔަކު ހުރިކަންވެސް މި އެނގުނީ މިއަދު! ހުރިހާ ކަމެއް އެނގި ހުރެ މަގޭ ދަރިޔަށް ތި ދިން އަނިޔާއަށް ކަލޭމެންނަށް ޝުކުރު އަދާކޮށްލަން މިގުޅާލީ! އިތުރަށް އެއްވެސް ވާހަކައެއް އަޑުއަހާކަށެއް ބޭނުމެއްނޫން.. އަދި ބުނެލަން! މިއަދަށްފަހު ޒަޔާއަކީވެސް ކަލޭމެންނާ ގުޅުން ހުރި ކުއްޖެއް ނޫން. ޒަޔާ ހޯދަން މަސައްކަތް ނުކުރާތި!"
ދައްކާނެ ވާހަކައެއް ދައްކާ، ނިންމުމަށްފަހު ނަޒީރު ފޯނު ބޭއްވި އިރުގައިވެސް ފަހުމީއަށް ހުރެވުނީ ޒައިންގެ މޫނަށް ބަލާށެވެ.
" ނަދާގެ ކޯލް ނޭނގި އަހަންނަށް ނެގިފައި އޮއްވާ، ނޫޙުގެ ވާހަކަ މަންމައަށް ދެއްކުނީ! އަހަރެން އަވަހަށް ކަނޑާލީ! އަޑުއިވޭނެހެން ހީވެގެން އަހަރެން ވަރަށް ބިރުން މި ހުންނަނީވެސް.."
ޒައިން އެހެން ބުނުމުން އަމީރާ އިތުރަށް ހާސްވިއެވެ.
" ދެން ކިހިނެއްތަ ހަދާނީ؟ ނަޒީރުމެން ބުނެފި ގޮތަކަށް ކަންތައްކުރާނެ! ޒަޔާއަށް ބަރާބަރަށް ޚަރަދު ކުރަންޏާ ދަރިފުޅު ދައްކަންޖެހޭނީ! "
އަމީރާ އެހެން ބުނުމުން ފަހުމީ ބޯޖަހާލިއެވެ.
" ބަރާބަރަށް ޚަރަދު ކުރާނަން! އަހަންނަށް އަހަރެންގެ ދަރިފުޅު ނުފެނުނަސް އެދަރިފުޅު ހެޔޮޙާލުގައިވާން ބޭނުންވަނީ! ތަޅާފޮޅައިގެން ދަރިފުޅު ހޯދާކަށް ނުދާނަން.."
އެހެން ބުނުމަށްފަހު ޒައިން ތެދުވެގެން ދިޔައެވެ. ޒައިން ދިޔުމުން އަމީރާ ކަންބޮޑުވެފައި އިނދެ ފަހުމީއާ ވާހަކަ ދައްކަން ފެށިއެވެ.
" އަނެއްކާ އަނެއް ކަންތައް.. އެކުއްޖާ ވިސްނާ ފިކުރު ކުރާގޮތް ހައްތަހާވެސް..."
" ދެންވެސް ޑޮކްޓަރ ދީފަ ހުރި ބޭސްތައް ރަނގަޅަށް ބޭނުން ކުރާށޭ ބުނަންވީ! އެ ކާނެ ކަމެއްވެސް ނޭނގެ! " ފަހުމީ ތަންކޮޅެއް ބާރަށް ބުންޏެވެ.
***
ކޮޓަރީގެ މެދުގައި ހުރި ބޮޑު އެނދުގައި އުޝާއޮތީ އެކަންޏެވެ. ބްލޭންކެޓްގެ ދަށަށްވަދެ އޭނާ އޮތީ ފުން ވިސްނުމެއްގައެވެ. ތަނަވަސް ދިރިއުޅުމެއް ލިބިއްޖެއެވެ. އޭނާދެކެ ލޯބިވާނެ ބައިވެރިއެއް ލިބިއްޖެއެވެ. ދަރިފުޅަށް އެހާ ރަނގަޅު ކާފައަކާއި ބައްޕައެއް ލިބިއްޖެއެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއް ފުރިހަމަވީ ނަމަވެސް އޭނާގެ ހިތެއް ނުފުރުނެވެ. ހިތްއޮތީ އެކަނިވެރިވެފައިކަން އޭނާއަށް އިޙްސާސްކުރެވެއެވެ. އެހިތަށް އަދިވެސް ދިރުން ނުލިބޭކަން އިޙްސާސްކުރެވެއެވެ. އެހިތް ލޯތްބަށް އެދޭކަން އިޙްސާސްކުރެވެއެވެ.
" ހާދަ ފުން ޚިޔާލެއްގަ؟ " ލޯމަރާލައިގެން އޮތް އުޝާ ސިހުނީ ނަވީންގެ އަޑުންނެވެ. އޭރު ނަވީން ހުރީ އޭނާގެ ކުރިމަތީގައި ހުއްޓިއެވެ. އޭނާގެ އަތުގައި އޮތް ބާލީސްފެނި، އުޝާ މަޑުމަޑުން ތެދުވިއެވެ.
" ކޮންތާކަށް...ދަނީ؟"
" ސޯފާއަށް!" ކޮޓަރީގެ ކަނެއްގައި ހުރި ބޮޑު ސޯފާ ދައްކާލަމުން ނަވީން ބުނެލީ ހިނިތުންވަމުންނެވެ. އުޝާގެ ހިތަށް ހަމަޖެހުން ލިބުނީ އެހިސާބުންނެވެ. އެކޮޓަރިން ބޭރުގައި ނަވީން ނިދައިފިނަމަ ބައްޕައަށް އެނގޭނެއެވެ. އެކަން އެހެން ވާކަށް އުޝާ ބޭނުމެއްނޫނެވެ.
" އަދިވެސް އަހަރެން ފާސްނުވާތީ ސޯފާގަތާ ނިދަން ޖެހޭނީ! ރަނގަޅަށް ފާސްވީމަ ހީވޭ މިއަށްވުރެ ރަނގަޅު ގޮތެއް ވާނެހެން..." ލާނެތް ރާގަކަށް އެހެން ބުނުމަށްފަހު ނަވީން އުޝާއަށް ފުން ނަޒަރަކުން ބަލާލިއެވެ. އެއާއެކު ލަދުރަކި ގޮތަކަށް އުޝާ ހީލަމުން އިސްޖަހާލިއެވެ. ކުޑައިރުކޮޅަކު އެހެން އިނދެލުމަށްފަހު އަނެއްކާވެސް އޭނާ ބަލާލީ ނަވީނަށެވެ. އޭރު، ނަވީން ސޯފާގައި އިނދެގެން އޭނާއަށް ބަލަމުންދެއެވެ. ހުދުކުލައިގެ ޓީޝާޓަކާއި ހުދު ޓްރެކްސޫޓެއް ލައިގެން ހުރި ނަވީން ބަލާ ގޮތުން އުޝާއަށް އުނދަގޫވާން ފެށިއެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް އޮށޯވެ މުޅި ގައިގައި ބްލޭންކެޓް އަޅާލިއެވެ. އެމަންޒަރު ފެނި ނަވީންއަށް ހެވުނެވެ. އަދި ދެފަރާތަށް ބޯ ހޫރާލަމުން ހިނިތުންވެ ހުރެ އޭނާވެސް އޮށޯވެލިއެވެ.
****
ދުވަސްތައް ފާއިތުވަމުންދެއެވެ. އަމީރާއާ ފަހުމީގެ މޫނުމަތިން ފެންނަމުންދަނީ ހިތާމައިގެ އަސަރުތަކެވެ. މުޅިގެއަށްވެސް ވެރިވެފައިވަނީ ފަޅުކަމާއި ހަމަހިމޭންކަމެވެ. ޒައިން އެއްގޮތަކަށްވެސް ކޮޓަރިން ނުނިކުމެއެވެ.
" އެއްޗެއް ކަނީއެއްނޫން! ވާހަކަ ދައްކަނީއެއްނޫން! މިހާރު ޒައިންއާމެދު ވިސްނާވިސްނާ އަހަރެން މި ހަލާކުވަނީ! " ފަހުމީގާތު އަމީރާ ބުނެލިއެވެ.
" އުޝާގާތު ބުނަންވީނު ނޫޙު ގޮވައިގެން އަންނާށޭ މިގެއަށް! ނޫޙު ފެނުނީމަވެސް ޒައިން ހަމަޖެހިދާނެ!" ފަހުމީ ދިން ޚިޔާލު އަމީރާއަކަށް ކަމަކު ނުދިޔައެވެ.
" އުޝާ ދެދުވަހެއްގަ ގުޅި މިގެއަށް އަންނަންވެގެން! އަހަރެން ބުނިން އުޝާ އައީމަ އަނެއްކާ ޒައިންގެ ޙާލަތު ގޯސްވެދާނޭ! އެހެންވެ އަދި މަޑުކުރާށޭ!" އަމީރާ އެހެން ބުނުމުންވެސް ފަހުމީއަކަށް އެބުނި އެއްޗެއް ނުވިސްނުނެވެ. އެހެންކަމުން ނުވިސްނޭފަދަ ގޮތަކަށް އޭނާ އަމީރާއަށް ބަލާލިއެވެ.
" އަހަންނަށް ޔަޤީން އުޝާ މިގެއަށް އައިއްޔާ ޒައިން އޭނަ ދިޔަކަ ނުދޭނެ! ނޫޙުވެސް ދިޔަކަ ނުދޭނެ! އެހެން ނޫނަސް ޒައިން އިތުރަށް ދެރަވާކަށް ބޭނުމެއްނޫން! ޒައިންއަށް އެނގޭ އުޝާ މީހަކާ އިންކަންވެސް.. އެކަމަކުވެސް އަހަރެމެންނަށް އޭނަ ކޮންޓްރޯލެއް ނުކުރެވޭނެ މަށަށް ޔަޤީން.. އެހެންވެ"
ފަހުމީ ހުރީ އަމީރާގެ ވާހަކަތައް ޤަބޫލުކުރާ ގޮތަކަށް ނޫނެވެ. އެހެންކަމުން އޭނާ އެކަމާ އެއްބަހެއް ނުވިއެވެ.
" އުޝާއާ ނޫޙު އައިސް މިގޭގަ ވަގުތުކޮޅެއް ހޭދަކޮށްލުން އެއީ މައްސަލައެއްތަ؟ ނޫޙު އައިސް ޒައިންގާތު އުޅެލާފަ ދާނީއޭ! އޭރުންވެސް ޒައިން ހިތްހަމަ ޖެހޭނެ! އަހަރެން ގުޅާނަން އުޝާއަށް.."
" އެންމެ ރަނގަޅު! ތިގޮތަށް ކަންތައް ކޮށްގެން ޒައިންއަށް ދެރައެއް ލިބުނިއްޔާ އަހަރެން ފަހުމީއަކަށް މަޢާފެއް ނުކުރާނަން އިނގޭ!"
އަމީރާ ގަދަބަހުން ވަރަށް ބާރަށް ބުނެލިއެވެ.
***
ނަވީން އިނީ ކޮމްޕިޔުޓަރ ކައިރީގައި މަސައްކަތެއް ނިންމާށެވެ. އޭނާ އެތަނުން ތެދުވާނެ އިރެއްގެ އިންތިޒާރުގައި އެތައް އިރެއްވަންދެން ހުރުމަށްފަހު އުޝާ މަޑުމަޑުން ގޮސް ނަވީންގެ ފަހަތުގައި ހުއްޓުނެވެ. އެއާއެކު މީހެއްގެ ހިލަމެއްވީހެން ހީވުމުން ކުއްލިއަކަށް ނަވީންއަށް ފަހަތް ބަލާލެވުނެވެ.
" އޯހް! އަހަރެން ހީކުރީ ޖިންނިއެއްކަމަށް! ބިރުން އިނދެ މި ބަލާލީވެސް! ކީއްވެ ތިހުރީ ގޮވާވެސް ނުލާ!؟"
ނަވީން ވާހަކަ ދެއްކީ އޯގާތެރިކަމާއެކުއެވެ. އޭރުވެސް އުޝާގެ މޫނުމަތިން ނުތަނަވަސްކަން އޭނާއަށް ފެންނަމުންދިޔައެވެ.
" އާދެބަލަ! މިތާ އިށީނދެބަލަ! ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިފަތަ؟ "
ކައިރީގައި ހުރި ގޮނޑި ދައްކާލަމުން ނަވީން އެހިއެވެ. އެއާއެކު އުޝާ އިސްޖަހާލިއެވެ.
" ބައްޕަ ގުޅައިފި! ބުނީ މިއަދު ނޫޙު ގޮވައިގެން އެގެއަށް އާދެވޭނެހޯ؟" އުޝާ އެހެން ބުނުމާއެކު ނަވީންއަށް ހިންދިރުވާލެވުނެވެ.
" އުޝާ ދާން ބޭނުންތަ؟" ތެދުވަމުން ނަވީން އަހާލިއެވެ. އެއާއެކު އުޝާ ބޯޖަހާލިއެވެ.
" ވަރަށް ދުވަސްވެއްޖެ މަންމައާ ބައްޕަ ނުފެންނަނީ! " އޭރުވެސް އުޝާ ހުރީ އިސްޖަހާލައިގެންނެވެ.
" އެންމެ ރަނގަޅު! ދޭ ތައްޔާރުވެލަން! އަހަރެން ދާނަން ގެންގޮސްދޭން.." ނަވީން އެހެން ބުނުމާއެކު ތެޅިގަނެފައި އުޝާ ނަވީންއަށް ބަލާލިއެވެ.
" ނޫން.. ނޫނޭ! ނަވީން ތި މަސައްކަތުގައި މަޑުކޮށްލިޔަސް އެންމެ ރަނގަޅު! އަހަރެން ދާނަން ޓެކްސީގަ! ބައްޕަވެސްވީ ފިހާރައަށް ގޮއްސައެއްނު.. "
އުޝާ އެހެން ބުނުމުން ނަވީން ބޭނުންވީ އުޝާއާ ދެކޮޅު ނުހަދާ މަޑުކުރާށެވެ. އެހެންކަމުން އޭނާ ހިނިތުންވެލަމުން އިށީނެވެ. އޭރުވެސް އޭނާގެ ހިތަށް ކޮންމެވެސް ވަރަކަށް އުނދަގޫވިއެވެ. ނަވީން އިށީނުމާއެކު އެއްޗެއް ނުބުނެ އުޝާ ހިނގައިގަތެވެ.
" އުޝާ!" އުޝާ ހިނގައިގަތުމާއެކު ނަވީންއަށް ގޮވާލެވުނެވެ. އެއަޑަށް އުޝާއަށްވެސް ހުއްޓެވުނީ ނުހަނު އަވަހަށެވެ.
" އަހަރެން ވަރަށް އިތުބާރުކުރަން! އެނގޭ ދޯ!؟"
ލޯތްބާއެކު ނަވީން އެހެން ބުނުމުން އުޝާ ހިނިތުންވެލަމުން ބޯޖަހާލިއެވެ.
****
އުޝާގެ އިންތިޒާރުގައިތިބި ފަހުމީއާ އަމީރާގެ ތުންފަތްމައްޗަށް ހިނިތުންވުން ވެރިވީ ބެލްޖަހާލި އަޑަށެވެ. އެއާއެކު އަވަސް އަވަހަށް އަމީރާ ގޮސް ދޮރު ހުޅުވާލިއެވެ.
" މާމަގެ ނޫޙޫ! " ނޫޙު ފެނުމާއެކު އަމީރާ ބުނެލިއެވެ.
" މަންމަމެން ކިހިނެއްތަ؟" އެތެރެއަށް ވަންނަމުން އުޝާ އަހާލީ އާދައިގެ ގޮތަކަށެވެ.
" ދަރިފުޅު ކާޓޫން ބަލަން އިށީނދޭ އަވަހަށް" އުޝާގެ ސުވާލަށް ޖަވާބެއް ނުދީ އަމީރާ ފުރަތަމަވެސް ނޫޙު މައިތިރިކޮށްލިއެވެ. އެއަށްފަހު އޭނާ އުޝާއާ ވާހަކަ ދައްކަން ފެށިއެވެ.
" ޒައިން ޑޮކްޓަރަށް ދަައްކައިގެން މިއުޅެނީ! ޑިޕްރެޝަންއަށް ބޭސްކާންޖެހޭ! ކައުންސެލިންވެސް ނަގަން ޖެހޭ! އެކަމަކު އަދިވެސް މިއުޅެނީ އެކަމަށް އެތަނަށްވެސް ނުގޮސްގެން.. ދެން މަންމަމެންގެ ޙާލު ކިހިނެއްވާނީ؟"
އަމީރާގެ ފަހަތުން އުޝާ ހިނގައިގަތީ ކާމޭޒާ ދިމާލަށެވެ. ނޫޙުގާތު ފަހުމީ އިނީ ޓީވީ ބަލާށެވެ. އެހެންކަމުން އަމީރާ ބޭނުންވީ ޒައިންގެ ޙާލަތު އުޝާއަށް ރަނގަޅަށް ކިޔައިދޭށެވެ. އަދި ނަދާމެންނަށް ނޫޙުއާ ބެހޭގޮތުން ހުރިހާ ކަމެއް އެނގުނު ވާހަކަވެސް އޭނާ އުޝާއަށް ކިޔައިދިނެވެ.
" އެމީހުންނާ މިހާރު މިއާއިލާ އެއްވެސް ގުޅުމެއް ނޯންނާނެ! ވަރަށް އެއްޗެހިވެސް ކީ އެމީހުން..."
އަމީރާ ބުނެލިއެވެ. ގަތްލަދުންނާ ވީ ދެރައިން އުޝާއަށް އެކަމާ ގުޅިގެން ބުނާނެ އެއްޗެއް ނޭނގުނެވެ.
" ދަރިފުޅު ދާންވީނު ޒައިން ކައިރިއަށް ވަދެލަން.. ބައެއް ފަހަރު ވަރަށް ރުޅިވެސް ގަދަވެގެން އުޅޭ! އަނެއްބައި ފަހަރު ރޯންވެސް ރޯނެ! އެހެންވެ މިބުނީ ޒައިން ހަމަޖެހިގެން އިނިއްޔާ ނޫޙު ގެންދާނީ.." އަމީރާ އެހެން ބުނުމުން އަވަސް އަވަހަށް އުޝާ ތެދުވިއެވެ. އޭނާ އޭރުވެސް ހުރީ އިންތިހާއަށް ޒައިން ދެކިލާހިތްވެފައެވެ.
( ނުނިމޭ )
މިވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތިދުވަހުއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
Kamakunudey usha a’a zain gulhuvaakan. Usha a’aNaveen a’a gulheny.
ގުޅެނީ އުސާ އާއި ޒައިން