ތިލައުތުރު އެވޯޑް ދިނުމުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހއ. ދިއްދޫއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.

މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ މުޙައްމަދު ޝިފާޒު (ޝިއްޕެ) ވިދާޅުވީ މިއީ އެ އަތޮޅު ކައުންސިލުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި މިއަދު މެންދުރުފަހުގެ ވަގުތެއްގައި ފުރާވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

Ad
rt

އެހެންނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ނަޝީދު މިއަދު ދިއްދޫއަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ހަވީރު 16:15 ގައެވެ.

ނަޝީދު މިއަދު ދިއްދޫއަށް ވަޑައިގަންނަވާއިރު، ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން އުފައްދާ އައު ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ވަނީ ހުށަހަޅާފައެވެ.

އަންނަ ރިޔާސީ އިންތިޚާބަށް އެޕާޓީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓެއް ނެރުމަށް ނިންމާފައިވާއިރު، އައު ޕާޓީއަށް ކިޔާނެ ނަމަކާއި ލޯގޯ އަދި ކުލަ ހުށަހެޅުމުގެ ފުރުސަތު މި މޭ މަހުގެ 26 ވާ ހުކުރު ދުވަހުގެ ހެނދުނު 6 ޖެހުމާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.