ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ބައިބައިވެ، ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން އުފައްދާ އައު ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅާނެ ކަމަށް ފިކުރެއްގެ ދިރުމުން ބުނެފިއެވެ.

ފިކުރެއްގެ ދިރުމުން ބުނީ ޕާޓީ އުފެއްދުމުގެ ހުއްދައަށް ރަސްމީކޮށް، މިއަދު އީސީއަށް ހުށަހެޅުމަށްފަހު، ޕާޓީ އުފެއްދުމަށް ކުރަންޖެހޭ މަސައްކަތް ރަސްމީކޮށް ފަށާނެ ކަމަށެވެ. އަދި އައު ޕާޓީ ވެގެންދާނީ ރާއްޖޭގައި އުފެދޭ އެންމެބޮޑު އެއް ޕާޓީއަށް ކަމަށެވެ.

Ad
rt

އައު ޕާޓީގެ ސިޔާސީ ހަރަކާތްތައް ވަރަށްއަވަހަށް ފެށޭނެކަމަށް ފިކުރެއްގެ ދިރުން ޓީމުން ބުނެފައިވާއިރު، އަންނަ ރިޔާސީ އިންތިޚާބަށް އެޕާޓީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓެއް ނެރުމަށް ވެސް ވަނީ ނިންމާފައެވެ.

އައު ޕާޓީއަށް ކިޔާނެ ނަމަކާއި ލޯގޯ އަދި ކުލަ ހުށަހެޅުމުގެ ފުރުސަތު މި މޭ މަހުގެ 26 ވާ ހުކުރު ދުވަހުގެ ހެނދުނު 6 ޖެހުމާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

އެމްޑީޕީގެ އެތެރޭގައި ޚިޔާލުތަފާތުވުން އުފެދި، ސާލިހަށް ތާއީދުކުރައްވާ މެމްބަރުންނާއި ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކޮށްފައިވާއިރު، ނަޝީދު ހިންގަވަމުން ގެންދިޔަ ސިޔާސީ ހަރަކާތް "ފިކުރެއްގެ ދިރުން" މިހާރުވަނީ މުޅިން އެޕާޓީއާ ވަކިވެ ވަކި ހަރަކާތަކަށް ވެފައެވެ.