އާސެނަލް ބަލިވުމުން ލީގުގެ ޗެމްޕިއަންކަން ސިޓީއަށް

IMG_6668

އިނގިރޭސި ޕްރިމިއާ ލީގުގައި ޕޮއިންޓް ތާވަލުގެ ދެވަނާގައި އޮތް އާސެނަލްއާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗުން އާސެނަލް ބަލިވުމުން ލީގު ޗެމްޕިއަންކަން މެންޗެސްޓާ ސިޓީއަށް ލިބިއްޖެއެވެ.

މިއީ ސިޓީން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ވިދިވިދިގެން ހޯދި ތިންވަނަ ފަހަރެވެ. އަދި މިއީ ފާއިތުވި ހަ ސީޒަންގެ ތެރޭ ސިޓީން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ފަސްވަނަ ފަހަރެވެ. މިއީ ސިޓީގެ ތާރީޚުގައި އެ ޓީމުން ޕްރިމިއާ ލީގު ކާމިޔާބުކުރި ނުވަވަނަ ފަހަރެވެ.

މިރޭ ފޮރެސްޓްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ވަނީ 1-0 ގެ ނަތީޖާއިން އާސެނަލް ބަލިކޮށްފައެވެ. މި ނަތީޖާއާއިއެކު އާސެނަލް ދެވަނާގައި އޮތީ ސިޓީއަށްވުރެ ދެ މެޗު އިތުރަށް ކުޅެ، ހަތަރު ޕޮއިންޓް ފަރަގަކާއި އެކުގައެވެ. އާސެނަލްއަށް 37 މެޗުން 81 ޕޮއިންޓް ލިބިފައިވާއިރު، ސިޓީއަށް 35 މެޗުން ލިބިފައި ވަނީ 85 ޕޮއިންޓެވެ. ސިޓީއަށް ބާކީ ތިންމެޗު، އަދި އާސެނަލްއަށް ބާކީ އެއް މެޗު އޮތްއިރު ސިޓީ ތިން މެޗުން ބަލިވެ އާސެނަލް ކުޅެން އޮތް މެޗުން، މޮޅުވި ނަމަވެސް އާސެނަލްއަށް ސިޓީއާއި އަރައި ހަމައެއް ނުކުރެވޭނެއެވެ.

މިރޭ ފޮރެސްޓާއި އާސެނަލް ބައްދަލުކުރި މެޗުގައި، ފޮރެސްޓުން ލަނޑުޖަހާފައި ވަނީ 19 ވަނަ މިނެޓުގައެވެ. މި ލަނޑު ގިބްސް ވައިޓް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޓައިވޯ އަވޮނީޔީއެވެ.

މިރޭ ސިޓީއަށް ލީގު ޗެމްޕިއަންކަން ލިބިގެންދިޔައިރު، އެ ޓީމަށް އަދި މި ސީޒަންގައި އިތުރު ދެ ތަށި ކާމިޔާބު ކުރުމުގެ ފުރުޞަތު އެބައޮތެވެ. އެފްއޭ ކަޕް ފައިނަލުގައި އަންނަ މަހު ތިންވަނަ ދުވަހު ސިޓީ ބައްދަލުކުރާނީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާއެވެ. މީގެއިތުރުން ޗެމްޕިއަންސް ލީގު ފައިނަލުގައި އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހުގެ ރޭ ސިޓީ ނުކުންނާނީ އިންޓަ މިލާނާއި ދެކޮޅަށެވެ.

މި ސީޒަންގެ ބޮޑުބައިގައި ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ އާސެނަލްއެވެ. މިގޮތުން އާސެނަލް ވަނީ ޖުމްލަ 248 ދުވަހު ލީގުގެ އެއްވަނަ ދަމަހައްޓާފައެވެ. މިއީ މިހާދުވަހު އެއްވަނަ ދެމެހެއްޓި ޓީމަކަށް ލީގު ކާމިޔާބު ނުކުރެވި ޕްރިމިއާ ލީގު ނިމިގެންދިޔަ ފުރަތަމަ ސީޒަނެވެ. މި އަހަރުގެ އޭޕްރިލް މަހާއި ހިސާބަށް އާދެވުނު އިރު ވެސް ލީގުގެ އެއްވަނާގައި އޮތް އާސެނަލްއާއި ސިޓީއާއި ދެމެދު އަށް ޕޮއިންޓްގެ ފަރަގެއް އޮތެވެ.

ސިޓީއަކީ ވިދިވިދިގެން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ތިންފަހަރު ހޯދި ފަސްވަނަ ކުލަބެވެ. ހަޑާސްފީލްޑް ޓައުން އިން ވަނީ 1924-26 އަށް ލީގު ޗެމްޕިއަންކަން ހޯދާފައެވެ. އާސެނަލުން ވަނީ 1933-35 އަށް ލީގު ޗެމްޕިއަންކަން ހޯދާފައެވެ. ލިވަޕޫލުން ވަނީ 1982-84 އަށް ލީގު ޗެމްޕިއަންކަން ހޯދާފައެވެ. ފާގަޝަންގެ އިރުޝާދުގެ ދަށުން މެންޗެސްޓާއިން ވަނީ ޖުމްލަ ދެ ފަހަރެއްގެ މަތީން ވިދިވިދިގެން ލީގު ޗެމްޕިއަންކަން ތިން ސީޒަންގައި ހޯދާފައެވެ. އެއީ 1999-01، 2007-09 ގައެވެ.

ގާޑިއޯލާގެ އިރުޝާދުގެ ދަށުން އޭނާ ކޯޗުކޮށްދިން ތިން ކުލަބުން ވެސް މިވަނީ ވިދިވިދިގެން ލީގު ޗެމްޕިއަންކަން ތިންފަހަރު ހޯދާފައެވެ. ގާޑިއޯލާގެ ކޯޗުކަމުގައި ބާސާއިން ވަނީ 2009-11 އަށް ލަލީގާގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި އޭނާގެ އިރުޝާދުގެ ދަށުން ޖަރުމަނުގެ ބަޔާން މިއުނިކުން ވަނީ 2014-16 އަށް ބުންޑަސް ލީގާގެ ޗެމްޕިއަންކަން ހޯދާފައެވެ.

ލީގުގައި އާދީއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ސިޓީ ބައްދަލުކުރާނީ ޗެލްސީއާއެވެ. މި މެޗަށް ފަހު ސިޓީއަށް ޗެމްޕިއަން ޓްރޮފީ ހަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *