މައްކާގެ ޚަލީލު ރޯޑުގައި ހުރި ހޮޓަލެއްގައި އަލިފާންރޯވެ 8 އުމުރާވެރިން ނިޔާވެއްޖެއެވެ.
ބައިނަލްއަގްވާމީ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި މައްކާގެ ހަރަމްފުޅާ ކައިރީގައި ހުންނަ މި ހޮޓަލުގައި ހިނގި މި ހާދިސާގައި މިހައިތަނަށް 8 މީހުން ވަނީ ނިޔާވެފައެވެ. އަދި 6 މީހުންނަށް ވަނީ އަނިޔާވެފައެވެ.
ޕާކިސްތާނުގެ ސަރުކާރާއި ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ، މި ހާދިސާގައި ނިޔާވެފައި ވަނީ އެ ގައުމަށް ނިސްބަތްވާ 8 އުމުރާވެރިން ކަމަށެވެ. މިކަން ވަނީ އެ ގައުމުގެ ސަރުކާރުގެ ރަސްމީ ޓްވީޓާ އެކައުންޓު މެދުވެރިކޮށް ކަށަވަރުކޮށްދީފައެވެ.
މި ހާދިސާ ހިނގި ހޮޓަލަކީ އާންމުގޮތެއްގައި ގިނައިން ޕާކިސްތާނުގެ އުމްރާވެރިން ތިބޭ ހޮޓަލެއް ކަމަށް ބޭރުގެ ބައެއް ނޫސްތަކުގައި ބުނެފަވެއެވެ. އެހެންނަމަވެސް އެ ހޮޓަލުގައި އެހެންގައުމުތަކުގެ އުމްރާވެރިން ވެސް ތިބި ކަމަށާއި އެހެންކަމުން ނިޔާވި އަދި ޒަޚަމްވި މީހުންގެ ތެރޭގައި އެހެންގައުމުތަކުގެ މީހުން ވެސް ހިމެނުމަކީ އެކަށިގެންވާ ކަމެއް ކަމުގައި ރިޕޯޓުތައް ބުނެއެވެ.
ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ކަރަންޓް ޝޯޓެއްގެ ސަބަބުންނެވެ. އެހެންނަމަވެސް ރަސްމީ އެއްވެސް އިދާރާއަކުން އެކަމުގެ ތަފްސީލެއް އަދި އަލިފާން ރޯވި ހޮޓަލުގެ ނަމެއް ވެސް ހާމައެއް ނުކުރެއެވެ.