ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަންގެ އިސް ބޭފުޅުންތަކެއް އެ ޕާޓީން ވަކިވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ރައީސް ނަޝީދު އިސްވެ ހިންގަވާ ''ފިކުރެއްގެ ދިރުން''ގެ އިސްބޭފުޅުންތަކެއް ވަނީ އެމްޑީޕީ ދޫކޮށްލާފައެވެ. ނަމަވެސް ރައީސް ނަޝީދު ޕާޓީ ދޫކޮށްނުލައްވާ ކަމަށްވެއެވެ.

Ad
rt

މި ބޭފުޅުން އެމްޑީޕީ ދޫކޮށްލާފައި މިވަނީ އެ ފެކްޝަންގައި ހިމެނޭ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް އިއްޔެ އެމްޑީޕީން ވަކިކޮށް، މިއަދު އޭނާގެ ނަން އިލެކްޝަން ކޮމިޝަން (އީސީ) ގައި އޮންނަ އެމްޑީޕީގެ ދަފުތަރުން ވެސް އުނިކޮށްފައި ވަނިކޮށެވެ.

އާޒިމް މިއަދު ވަނީ ''މަށަކީ އެކަކެއްނޫން'' ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ. އޭގެ ގަޑިއެއްހާއިރު ފަހުން އާޒިމާއެކު ނަޝީދު ފެކްޝަންގައި ތިއްބެވި އިސްބޭފުޅުން ޕާޓީ ދޫކޮށްލިކަން ވަނީ ހާމަވެފައެވެ.

މިގޮތުން އެމްޑީޕީން ވަކިވާން އެ ބޭފުޅުން ސިޓީ ފޮނުއްވާފައިވާއިރު އޭގެ ތެރޭގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) އާއި އެސްޓީއޯގެ ސީއީއޯ/އެމްޑީކަން ކުރެއްވި ހުސެއިން އަމްރު އާއި، އެމްޑީޕީގެ ކުރީގެ ޗެއާ ޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އާއި މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބުދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އަދި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ހިމެނެއެވެ.

ވަކިވާން ސިޓީ ފޮނުވި އިތުރު މެންބަރުން

  • ޔާސިރު އަބްދުއްލަތީފް / ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު
  • އިބްރާހިމް ރަޝީދު (ބޮންޑޭ) / މާފަންނު މެދު ދާއިރާގެ މެންބަރު
  • ހަސަން އަފީފް / ވިލުފުށި ދާއިރާގެ މެންބަރު
  • ހުސެއިން ފިރުޝާން / މަޑަވެލި ދާއިރާގެ މެންބަރު
  • މުހައްމަދު ރަޝީދު (ބޯދިގު) / މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު
  • ހަސަން ޝިޔާން /ތޮއްޑޫ ދާއިރާގެ މެންބަރު
  • އަހްމަދު ޒާހިރު /ގައްދޫ ދާއިރާގެ މެންބަރު

މި ބޭފުޅުން އެމްޑީޕީ ދޫކޮށްލެއްވިއިރު ފިކުރެއްގެ ދިރުމުގެ ފަރާތުން މިއަދު ހަވީރު 5:00 ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ވެސް އަންނީ ތައްޔާރުވަމުންނެވެ.