އެމްޓީސީސީން ތަމްރީން ކުރާނެ ވެލްޑަރުން ހޯދަން އޯޕަންޑޭއެއް ބާއްވަނީ

photo_2023-05-17_14-37-17

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިިން ހިންގަމުން އަންނަ "ހުނަވަރު" ޕްރޮގްރާމުގެ ދަށުން ވެލްޑަރުން ތަމްރީން ކުރުމަށް ތިން އަތޮޅެއްގައި އޯޕަންޑޭ ބާއްވަން ނިންމައިފިއެވެ.

މި މަހުގެ 18 އިން 27 އަށް ބާއްވާ މި ސެޝަންތައް ކުރިއަށްދާނީ ލާމު އަތޮޅާއި ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައެވެ. ކުރިއަށް އޮތްތަނުގައި މި ޕްރޮގްރާމުގެ ދަށުން ތަމްރީން ކުރާ ބައިވެރިން ހޯދުމަށް ރާއްޖޭގެ އެހެން އަތޮޅުތަކުގައި އޯޕަންޑޭތަކެއް ކުރިއަށްގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ހުނަވަރު ޕްރޮގްރާމުގެ ދަށުން ވެލްޑަރުން ތަމްރީން ކުރުމަށް ހިންގާ ޕްރޮގްރާމަކީ އެމްޓީސީސީގެ އިންޖިނިއަރިން އެންޑް ޑޮކިން ޑިވިޝަނަށް ބޭނުންވާ ވެލްޑަރުން ހޯދަން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެހެންކަމުން މި ޕްރޮގްރާމުގެ ދަށުން 15 ވެލްޑަރުން ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީން ބުނީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އިންޖިނިއަރިން އެންޑް ޑޮކިން ޑިވިޝަނުގެ މަސައްކަތަތައް ވަރަށް ބޮޑަށް ފުޅާވެ، ކުރިއަރައިގެން ގޮސްފައިވާ ކަމަށެވެ. އެހެންކަމުން ދިވެހިން އެފަދަ ދާއިރާތަކުން ތަމްރީނުކޮށް ފަންނީ މަސައްކަތުގައި ބިދޭސީންނަށް އޮތް ބަރޯސާވުން ވީހާވެސް ކުޑަކުރަން ބޭނުންވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ތިން މަސްދުވަހުގެ މުއްދަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމް ނިންމާ ފަރާތްތަކުގެ ތެރެއިން ރާއްޖޭގައި ތަމްރީންވެ، ވަޒީފާއަށް ހޮވޭ ފަރާތްތައް ކުރިމަގުގައި ރާއްޖޭން ބޭރުގައި ތަމްރީނުވުމުގެ ފުރުސަތު ލިބޭނެއެވެ. މި ޕްރޮގްރާމުގައި ބޮޑަށް އަހައްމިޔަތުކަން ދޭނީ އިންޑަސްޓްރިއަލް ވެލްޑިންގެ ފަންނު ތަރައްގީކުރުމަށް ކަމަށާއި އެގޮތުން، ކަނޑުގައި ދުއްވާ އުޅަނދުފަހަރު މަރާމާތުކުރުމާއި ބަނުމުގައި ކުރާ ވެލްޑިންގ މަސައްކަތުގެ ހުނަރުތައް ބައިވެރިންނަށް ދަސްކޮށްދޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު 25 އަހަރުން ދަށުގެ ދެ ޖިންސުގެ ފަރާތްތަކަށް ވެސް ވަނީ ހުޅުވާލައިފައެވެ.

މި ޕްރޮގްރާމަށް ހޮވޭ ބައިވެރިންނަށް ތަމްރީނުގެ މުއްދަތުގެ ތެރޭގައި 5000 ރުފިޔާގެ އެޕްރެންޓިސްޝިޕް އެލަވެންސާއި 3000 ރުފިޔާގެ އެކޮމޮޑޭޝަން އެލަވެންސެއް ދޭނެއެވެ. މި ޓްރެއިނިން ޕްރޮގްރާމް ކުރިއަށްދާނީ ތިލަފުށީގައި ހުންނަ އެމްޓީސީސީ ބޯޓުޔާޑުގައެވެ.

އެމްޓީސީސީގެ ހުނަވަރު ޕްރޮގްރާމަކީ 2018 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހަތަރު ފަހަރަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް 2022 ވަނަ އަހަރު ވަނީ އިތުރަށް ފުޅާކޮށްފައެވެ. އެގޮތުން، ހުނަވަރު ލައިސެންސިންގ އަދި ޓެކްނިކަލް ސްކިލްސް ޕްރޮގްރާމުގެ ދަށުން މިހާތަނަށް 122 ފަރާތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފައިވެއެވެ. މީގެ ތެރޭގައި 13 އަންހެނުން ހިމެނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި