" އެއީ މާނިޙޭ! އުޝާގެ ވާހަކަ ދައްކާކަށް ބޭނުމެއްނޫން! އެހެން ނޫނަސް ޒައިންއަކަށްވެސް އެ ކައިވެންޏެއް ނުހުއްޓުވޭނެދޯ! އަހަރެން މި ބަލާލީ މަގޭ ދަރިފުޅު ހެޔޮޙާލުގައި ހުރިތޯއޭ! "
ފަހުމީ ތަންކޮޅެއް ބާރަށް އެހެން ބުނުމުން އަމީރާ ވަގުތުން މައިތިރިވެއްޖެއެވެ.
" އަހަރެން ދެން ބޭނުމެއްނޫން އުޝާގެ އެއްވެސް ނިންމުމަކަށް ނޫނެކޭ ބުނާކަށް! އަދި ނުފޫޒު ފޯރުވާކަށްވެސް ބޭނުމެއްނޫން! އޭނާއާމެދު ރަނގަޅު ގޮތަކަށް ވިސްނައިފިނަމަ ޙަޤީޤަތުގައި އުޝާއަކީ ކެތްތެރި ކުއްޖެއްކަން އަމީރާއަށްވެސް އެނގޭނެ. އެކަން ޖެހޭނެ އަމީރާވެސް ޤަބޫލުކުރަން. އޭނަ އަހަރެމެންނަކަށްވެސް ގޯހެއްނޫން. އަހަންނަށް ހީވަނީ މިއޮށްހާ ދުވަހު އޭނަ މިތާ އެހުރީވެސް އަހަރެމެން ދޫކޮށްފަ ދާން ނުކެރިގެންހެން..އެހެން މީހެއްނަމަ މިހާރު ނުވެސް ހުރީސް.." މިފަހަރު ފަހުމީ ވާހަކަ ދެއްކީ ނުހަނު މަޑުމަޑުންނެވެ.
" އޭނަ މާނިޙްގެ ހުށަހެޅުންވެސް ޤަބޫލުނުކުރީ އަހަރެމެންނަށްޓަކާދޯ! " އަމީރާ އިތުރުކޮށްލިއެވެ. އެއާއެކު ފަހުމީއާ އަމީރާގެ ދެމެދަށް ހަމަހިމޭންކަން ވެރިވެއްޖެއެވެ. އިތުރަށް ދައްކާނެ ވާހަކައެއް ނޭނގިފައި ދެމީހުންނަށްވެސް ތިބެވުނީއެވެ.
" ދެން އަޅާނުލާ! އުޝާ އެކައިވެންޏަށް އެއްބަސްވީމަ އަހަރެމެންވެސް ދެން ޖެހޭނީ އެއްބާރުލުންދޭން.. އަހަރެން މިރޭވެސް ޒައިންއަށް ވަރަށް ގުޅައިފިން. ދެން ޒައިންގާތުވެސް އެވާހަކަ ދައްކާނީ އޭނަ ގުޅިއްޔާ! މިސްކޯލްވެސް ފެންނާނެއެއްނު ގައިމު.. މިހާރު ގުޅާތާ ކިތައް ދުވަސްވެއްޖެ!"
ގައިމަތީގައި ބްލޭންކެޓް އަޅާލަމުން ފަހުމީ ބުނެލީ މާޔޫސްކަމާއެކުއެވެ. ފަހުމީ ހިތުގައި ޖެހިފައިހުރިވަރު އޭނާގެ ރާގުން އަމީރާއަށް އެނގުނެވެ. އަމީރާއަށް ފުރަގަސްދިނުމާއެކު އޭނާ ނިދަން އުޅޭކަން އަމީރާއަށް އެނގުނެވެ.
" މާނިޙް ގުޅީމަ ފޯނު ނަގަނީ މަސައްކަތުގެ ކަންތައްތައް ހިއްސާކުރަންކަމަށްވެދާނެ! އަހަރެމެންނާ ވާހަކަ ދައްކާނެ ހިތްވަރު ނެތީކަމަށްވާނީ! އަސްލު ޒައިންވެސް ހާދަ ވިސްނާނޭ އަހަރެން ހިތަށް އަަރަނީ.. " ފަހުމީ އަނެއްކާވެސް ބުނެލިއެވެ.
" ދެން ނުވިސްނާ! ފަހުމީއަށްވެސް ދެރަގޮތެއް ވާކަށް އަހަރެން ބޭނުމެއްނޫން. ޒައިންއަކީވެސް ބޮޑުވެފައިހުރި ކުއްޖެއް! ހަމައަކަށް އެޅުނީމަ ގުޅާނެހެން ހީވަނީ.. އެކަމާ ދެން އެހާބޮޑަށް ނުވިސްނާ! އަހަރެން ދެން ކަންތައްކުރާނީ ފަހުމީ ހިތްހަމަޖެހޭ ގޮތަކަށް! އުޝާ ބޭނުންވާގޮތަކަށް އޭނަވެސް ދިރިއުޅުނަދޭނީ! އަހަރެން ގައިމުވެސް އެއްވެސް ކަމަކަށް ބާރެއް ނުފޯރުވާނަން. ނިކަމެތި ކުއްޖަކަށް އެހީތެރިކަމެއް ފޯރުކޮށްދެވިގެން އަހަރެމެންނަށް ލިބެން ހުރި ރަޙުމަތެއް ލިބޭނެ އިރާދަކުރެއްވިއްޔާ! " އަމީރާ އެހެން ބުނުމުން ލޯމަރައިގެން އޮވެ، ފަހުމީ ހޫމް އަޅުވާލިއެވެ.
***
ބަނދަރުމަތީގައި ހުރި ކެފޭއެއްގައި ޒައިން އިނީ ކޮފީއެއް ހިފައިގެންނެވެ. އޭރުވެސް އޭނާ ބަލަމުންދަނީ އަތުގައި އޮތް ފޯނުގެ ސްކްރީނަށެވެ. ސްކްރީނުން ފެންނަނީ ނޫޙުއާ ޒަޔާ ކުޅެން ތިއްބާ އޭނާ ނެގި ފޮޓޯއެކެވެ. ހިނިތުންވާންވެސް ނޭނގި އެ ފޮޓޯއަށް ބަލަން އިނދެވުނީ ކިހާ އިރަކު ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. އެހެން އިންދާ ވައިބަރއިން އޭނާއަށް ނަދާގެ މެސެޖެއް ލިބުނެވެ.
" ޒައިން ލަންކާއަށް އެއްކޮށް ބަދަލުވާން ބޭނުން ނުވަންޏާ އަހަރެން ދޫކޮށްލާ! އަހަރެން ވަރިކުރޭ! އަހަރެން ދެން މާލެއެއް ނުދާނަން. އަހަރެން ނުވެސް ގެންދެވޭނެ."
ނަދާގެ މެސެޖް ކިޔާލެވުމާއެކު ޒައިންގެ ލޭ ކެކިގެން ދިޔައެވެ. އިންތިހާއަށް ރުޅި އާދެވުނެވެ. މޭޒުމަތީގައި ހުރި ކަޅުކޮފީތަށި ނަގާ އެއްފަހަރާ ދަމާލުމަށްފަހު އޭނާ އަވަސް އަވަހަށް ޓައިޕްކުރަން ފެށިއެވެ.
" ކަލޭ ނުވާނެ ދުވަހަކުވެސް ރަނގަޅެއް! މާ ގައްޑާ ވެގެން ވަރިކުރާށޭ ބުނެފިއެއްނު! އަހަރެން ކަލެއާއެކު ދިރިއުޅެން ލަންކާއަކަށްވެސް ނުދާނަން. ކަލޭ މާލެ ގެންނާކަށްވެސް ނޫޅޭނަން. ތިހުރީ ވަރިކޮށްފަ! ދަރިވެސް އަތުލާނަން. "
ދަތްކުނޑިވިކާފައި ޒައިން ނަދާއަށް އެއްޗެހިކިޔާލިއެވެ. އެއަށްފަހު ބާރުބާރަށް މޭޒުމަތީގައި ފޯނު ބޭއްވުމަށްފަހު ދެއަތުން ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތްކޮއްޕާލުމަށްފަހު ދެލޯމަރާ ބާރުކޮށްލިއެވެ.
***
" މަންމާ! ޒައިން އަހަރެން ވަރިކޮށްލައިފި! މަންމާ!"
ދުވަމުން އައިސް ނަދާ ބައްދައިގަތީ ކޮޓަރީގައި ހުރި ސާމިޔާގެ ގައިގައެވެ.
" އޭނ؟ ޒައިން ވަރިކުރިއްޔޭ؟ އަނެއްކާވެސް ޒުވާބެއްކުރީތަ ދެމީހުން؟ " ނަދާގެ ބުރަކަށީގައި ފިރުމާލަމުން ސާމިޔާ އެހިއެވެ.
" އަހަރެން މެސެޖެއްކުރީ! ލަންކާއަށް ބަދަލު ނުވަންޏާ ވަރިކުރާށޭ ކިޔާފަ. އަހަރެން ހިއެއް ނުކުރަން.. ހިއެއް ނުކުރަން އޭނަ އެހާ ފަސޭހައިން އަހަރެން ވަރިކުރާނެ ކަމަކަށް.. އަދި ބުނި ދަރިފުޅުވެސް އަތުލާނަމޯ"
އެނދުމަތީގައި އިށީންނަމުން ނަދާ އޭނާގެ މަންމައަށް ކިޔައިދެމުންދިޔައީ ރޮމުންނެވެ. އޭރުވެސް ސާމިޔާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ދަރިފުޅުގެ ދިރިއުޅުން ރޫޅުމުން އެކަމުގެ ހިތްދަތިކަން އޭނާއަށް އިޙްސާސްކުރެވެމުންދިޔައެވެ.
" ރުޅި އައިސްފަ ހުރި މީހަކު އިތުރަށް ރުޅި އެރުވީމަ ނިކުންނާނީ ތިކަހަލަ ނަތީޖާއެއް! ނަދާއެއްނު ބުނީ ލަންކާއަށް އާދެވުނުތޯ ބަލާލަންވެސް އޭނަ ގުޅާނުލައޭ..މަންމައަކަށް ނޭނގެ ތި ދެމީހުންގެ ދެމެދުގަ ޖެހެނީ ކޮންކަހަލަ މައްސަލަތަކެއްކަމެއްވެސް. އަބަދުވެސް ވަރިފަށުގަ ތިބެނީ."
އަސަރާއެކު ސާމިޔާ އެހެން ބުނެލުމާއެކު، އަތުން މޫނު ފުހެލަމުން ނަދާ ތެދުވިއެވެ.
" ދެން ނޭނގެ އަހަންނަކަށް..." ނަދާ އެހެން ބުނުމަށްފަހު އެކޮޓަރިން ނިކުންނަން ހިނގައިގަތީ ޒަޔާ ގޮވާ އަޑަށެވެ. ދެރަވެފައި ހުރި ސާމިޔާ، އެ ޚަބަރުދިނުމަށް އަވަސް އަވަހަށް ނަޒީރުއަށް ގުޅިއެވެ.
***
ބާލީހުގައި ބައްދާލައިގެން އުޝާ އޮތީ ފުން ވިސްނުމެއްގައެވެ. އޭނާގެ ވިސްނުން ދަތުރު ކުރަމުންދަނީ އޭނާގެ މާޒީގެ ތެރެއަށެވެ. ޒައިންދެކެ ލޯބިވެވި، ދެމީހުން އެކުގައި ދުވަސްތައް ހޭދަކުރިވަގުތުތަކާއި އޭރު ދެކެވުނު ވާހަކަތައްވެސް އިއްޔެވީ ކަމެއްހެން ތާޒާކޮށް އޭނާގެ ހަނދާނުގައި ހަރުލާފައި ހުއްޓެވެ. އެހެން އޮއްވާ ކުއްލިއަކަށް އޭނާގެ ފޯން ދިއްލުނީ މެސެޖެއް އައިސްގެންނެވެ.
" ހައި ލަވް! ބިޒީތަ؟ މިސްވާތީ މިއުޅެނީ... ދެކިލާހިތްވަނީހަމަ! ދެން އަހަރެމެން ފެންނާނީ މެރީކުރާ ދުވަހުގައިތަ ؟ "
ނަވީންގެ މެސެޖް ލިބުމާއެކު އުޝާއަށް ދެތިން ފަހަރު އެ މެސެޖްކިޔާލެވުނެވެ. ނަވީންއަށް އިތުބާރު ކުރަންވީ ހެއްޔެވެ؟ ޢުމުރުގެ ބާކީބައި ހޭދަކުރަން ނަވީންއަކީ ހަމަ އެންމެ ރަނގަޅު މީހާ ހެއްޔެވެ؟އަހަރެންގެ ދަރިފުޅާ ނަވީންގެ ގުޅުން ރަނގަޅުވާނެހެއްޔެވެ؟ ނަވީންދެކެ އަހަންނަށް ލޯބި ވެވިދާނެހެއްޔެވެ؟
ހިތުގައ އުފެދުނު ސުވާލުތަކުން އުޝާގެ ހިތް ނުތަނަވަސްވެއްޖެއެވެ.
" އޯކޭ ބިޒީ ގަޑިއެއްވިއްޔާ ސޮރީ އިނގޭ! "
އަނެއްކާވެސް ނަވީންގެ މެސެޖެއް ލިބުނެވެ. މިފަހަރު ނަވީން، މާޔޫސްކޮށްލާކަށް އުޝާއަކަށް ނުކެރުނެވެ. ލިޔާނެ އެއްޗެއް ނޭނގި އިރުކޮޅަކު ވިސްނަން އޮތުމަށްފަހު އޭނާ ލިޔަންފެށިއެވެ.
" އަހަރެން ހީކުރީ ރަންކިޔަން އައި ދުވަހު، އަންނާނެކަމަށް.." އުޝާ މެސެޖް ފޮނުވާލުމާއެކު އަނެއްކާވެސް އޭނާ މެސެޖްކޮށްލިއެވެ. މެސެޖްކުރިލެއް އަވަސް ކަމުން ނަވީން އެހުރީ ހަމަ، އުޝާއަށް ހުސްވެގެންކަން އިޙްސާސް ކުރެވުނެވެ.
" އެހެންތަ؟ އަހަރެން ދާނެކަމަށް އަހަންނަށް އިންތިޒާރު ކުރިންތަ؟ " ނަވީންގެ މެސެޖް ކިޔާލެވުމާއެކު އުޝާއަށް ހީލެވުނެވެ.
" ނޫން! ނުކުރަން... " އަވަސް އަވަހަށް ލިޔެލުމަށްފަހު އުޝާ މެސެޖް ފޮނުވާލިއެވެ. އެއާއެކު " ސޭޑްފޭސް އިމޯޖީ" އެއް ނަވީން ފޮނުވިއެވެ.
" އަހަރެން ގުޅާލަންތަ؟ " މިފަހަރު ނަވީންގެ މެސެޖުން އުޝާ ކުޑަކޮށް ޖެހިލުންވިއެވެ. ގުޅައިގެން ވާހަކަ ދައްކަން އޭނާއަށް އަދި އެހާ ފަސޭހައެއްވެސް ނޫނެވެ. އެހެންކަމުން އުޝާ ބޭނުންވީ ތެދުތެދަށް އެވާހަކަވެސް ބުނާށެވެ.
" އަހަރެންގެ ލައިފްގެ ހުރިހާ ވާހަކައެއް އެދުވަހު ކިޔައިދެވުނަސް އަދި އަހަރެން އެހާ ތައްޔާރެއްނޫން ގުޅާކަށް.." އުޝާ ލިޔެލިއެވެ.
" އޯހް! ޓޭކް ޔޯ ޓައިމް... " ލިޔެލުމަށްފަހު ނަވީން ފޮނުވާލިއެވެ. އެއާއެކު އަނެއްކާވެސް އުޝާއަށް ހިނިތުންވެލެވުނެވެ. ނަމަވެސް އިތުރަށް އެއްޗެއް ލިޔާކަށް އޭނާ ގަސްތެއް ނުކުރިއެވެ. އެހިސާބުން އޭނާ ފޯނުވެސް އެނދުމަތީގައި ބާއްވާލިއެވެ.
" ހާދަ މާޔޫސްވެފައި ހުރިހެން ހީވެޔޭ! "
ޓެރަސްގައި ހުރި ނަވީން ސިހުނީ ފަހަތުން އައިސް ހުއްޓުނު ބައްޕަގެ އަޑަށެވެ. ޖާބިރު އައި ގޮތަށް އައިސް އަތް އަޅުވާލީ ޓެރަސްގެ ވަށައިގެން ޖަހާފައިހުރި އެލްމިނިއަމް ފެންސުގައެވެ.
" އުޝާ އަދިވެސް އެހާ ތައްޔާރެއް ނޫނޯ ވާހަކަ ދައްކާކަށް! އޭނަ އަދި އަހަރެންދެކެ ލޯތްބެއްނުވޭ! "
ނަވީން އެހެން ބުނުމުން ޖާބިރު ޖަހާލީ ހިނިގަނޑެކެވެ. އަދި ދުރަށް ބަލާލަމުން ފުންނޭވާއެއް ދޫކޮށްލީ، ނޭވާގެ އަޑު އަނގައިން އިވޭވަރަށެވެ.
" ބައްޕަގެ ހަނދާނަށް އަންނަނީ ދަރިފުޅުގެ މަންމަ ހަމަ! މަންމަ ފަރާތު ކާފަމެން ، ބައްޕަޔާ މަންމަދެވީ ގަދަކަމުން.. އެކަމަކު ފަހުން ބައްޕައަށްވުރެ މަންމަ ލޯބިވޭ! އެއީ ދުނިޔޭގެ އާދައަކީ.. ދެން އުޝާގެ ވާހަކަދޯ! އޭނަ ރަނގަޅު ކައިވެންޏަށް ރުހުނުކަންވެސް. އަނެއްކާ އެކުއްޖާއާމެދު ކަންތައް ވެފައިވެސް އޮތީ ވަރަށް ދެރަކޮށް. ކެތްތެރިވޭ! ވަގުތު ނަގާނެ! ހުރިހާ ކަމެއްވެސް އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ! " ބައްޕަގެ ވާހަކަތަކުން ނަވީންއަށް ހިތްހަމަޖެހުމާ ހިތްވަރު ލިބުނެވެ. އޭނާ ހިނިތުންވެލަމުން ބޯ ޖަހާލުމާއެކު އަނެއްކާވެސް ވާހަކަ ދެއްކީ ޖާބިރެވެ.
" ތިކައިވެނީގަ ހުރިހާވެސް މީހަކީ ދަރިފުޅު! އުޝާއަށް ލޯބި ދައްކާނީ ދަރިފުޅުގެ މުއްސަނދިކަމާ ފައިސާއަކުންނޫން! އެކަން ހަނދާން ބަހައްޓާތި! އުޝާއާމެދު ކަންތައް ހިނގާފައިވާގޮތުގެ ވާހަކަ ބައްޕައަށް ދަރިފުޅު ކިޔައިދިނީމަ ބައްޕައަށް އެނގުނީ އެންމެ އެއްޗެއް! އެއީ ވަރަށް ސާދާ، ހިތްތިރި، އަންހެންކުއްޖެއްކަން. އޭނައަށް ބޭނުންވަނީ ހަމައެކަނި ލޯތްބާއަޅާލުން! އެކުއްޖާގެ ހިތް އެއޮތީ ވޭންލިބިލިބި ހަލާކުވެފަ! ދަރިފުޅުގެ ހިތްވަރެއް ހުރިއްޔާ އޭނާގެ ހިތްއުފާކޮށްދީ، ދަރިފުޅަށް ލަންބުވާލަން މާގިނަ ވަގުތުތަކެއް ނުނަގާނެ! ބައްޕަ މިހުރީ އަބަދުވެސް ދަރިފުޅާއެކު..އެކަން ހަނދާން ބަހައްޓައްޗޭ! ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ބައްޕަގެ އެހީތެރިކަން ހުރިހާ ގޮތަކުންވެސް ދަރިފުޅަށް ލިބޭނެ! ތިނޫން އެއްވެސް ކަމެއް މި ބައްޕައަށް މުޙިއްމެއްނުވާނެ ނަވީން! ތީ މަންމަގެ ހުރި ހަމައެކަނި ނިޝާން.. ބައްޕަ ކިހިނެއް ދަރިފުޅު އެކަންޏަށް ދޫކޮށްލާނީ ؟ "
އެހިސާބަށް ވާހަކަ ދެކެވުމާއެކު ޖާބިރުގެ އަޑު ބެދުނެވެ. އޭނާއަށް ރޮވުނީކަން އެނގުމާއެކު ނަވީން ޖާބިރުގެ ގާތަށް ޖެހިލިއެވެ.
" އަހަރެންގެ ހިތްވަރަކީވެސް ތީ! އަހަރެންގެ ބައްޕައަކީ އަހަރެންގެ ލެޖެންޑް!"
ނަވީން އޭނާގެ ބައްޕަގެ ގައިގައި ބައްދާލީ ނުހަނު ބާރަށެވެ.
***
ހެނދުނުގެ ވަގުތެވެ. ފަހުމީއާ އަމީރާ ކާމޭޒު ކައިރީގައި ތިބީ ކޮފީބޯށެވެ. ދެމީހުންގެ މޫނުމަތިންވެސް ފެންނަމުންދަނީ ނުތަނަވަސްކަމެވެ.
" ދެން ގުޅާބަލަ! ތިބުނީވިއްޔަ ތިން ފަހަރަށް އޮތޭ ގުޅާފަ!"
އަމީރާ ތަންކޮޅެއް ބާރަށް ބުނުމާއެކު ފަހުމީ އަނެއްކާވެސް ފޯނަށް ބަލާލިއެވެ.
" އޭނަ އެ ގުޅަނީ ނަދާ ކުއްލިއަކަށް ފުރައިގެން ދިޔައީމަހެން ހީވަނީ! އަހަރެންވަކި ކީކޭތަ ބުނާނީ؟ " ފަހުމީ ބުންޏެވެ.
" ނަޒީރަށްވެސް އެނގެން ޖެހޭނެދޯ އަހަރެމެންނަށް ކުރެވޭނެކަމެއް ނޯންނާނެކަން. އަހަރެންވެސް ވަރަށް ލަދުގަނޭ ތިކަމާ" އަމީރާ ވާހަކަ ދެއްކީ ލަސްލަހުންނެވެ. އިރުކޮޅަކު ވިސްނާލަން އިނުމަށްފަހު ފަހުމީ ނަޒީރަށް ގުޅިއެވެ. ނަޒީރު ދައްކާނެ ވާހަކައެއް އަޑުއަހާހިތުން އަމީރާވެސް އިނީ ފަހުމީގެ މޫނަށް ބަލާށެވެ.
" ސްޕީކަރަށް ލައްޗޭ! " އަމީރާ މަޑުމަޑުން އެހެން ބުނުމުން ފޯންގެ ސްޕީކަރ ފަހުމީ އޮން ކޮއްލިއެވެ.
" އާނ ރޭގަ ނިދާފަ ތިއްބައޭ ނަޒީރު ގުޅާފަ އޮތީ!" ނަޒީރު ފޯނު ނެގުމާއެކު ފަހުމީ އަވަސް އަވަހަށް ބުނެލިއެވެ.
" އަހަރެންގެ ދަރިފުޅާމެދު ޒައިން ކަންތައްކުރާގޮތްވެސް ފަހުމީމެންނަށް ނުފެންނަނީ އަބަދު ނިދިފައި ތިބޭތީބާ؟ "
ހިތްހަމަނުޖެހުމާ މަލާމާތުގެ ރާގަކަށް ނަޒީރު އެހެން ބުނެލުމާއެކު އަމީރާގެ އިތުރުން ފަހުމީއަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ.އެހިނދު އެމީހުންގެ މޫނުމަތި ބަނަވެގެން ދިޔައެވެ.
" އިއްޔެ ޒައިން މަގޭ ދަރި ވަރިކޮށްފި! ދަރިޔަކުވެސް ހުއްޓާ އެ ދޫކޮށްލީ! އަދި ދަރި އަތުލާނަމޭ ކިޔާފަ އިންޒާރުވެސް ދީފި! ތިގޭތެރޭގަ މިދަރަޖައަށް ކަންތައްތައް ދާއިރު ފަހުމީމެންނަށް ހަމަ އެއްވެސް އެއްޗެއް ނޭނގެނީތަ؟ ނޫނީ އެނގޭކަމަށް ނަހަދަނީތަ؟ ފަހުމީއަށްވެސް އަދި އަމީރާއަށްވެސް ހަމަ ރަނގަޅަށް އެނގޭނެ ނަދާއަކީ މަގޭ ފުރާނަފަދައިން ލޯބިވާ މަގޭ ހުރި ހަމައެކަނި ދަރިކަން. އަހަރެން އެ ކައިވެންޏަށް ރުހުނީވެސް ޒައިންއަކީ ކަލޭމެން ދެމީހުންގެ ދަރިއަކަށްވާތީ! އަދި ނަދާ މާލެއަށް ބަދަލުކުރީވެސް ކަލޭމެންނަށް އިތުބާރުކޮށްފަ! އެކަމަކު ތުއްތު ދަރިޔަކާއެކު ނަދާ ނެރެ އެއްލާލީ.. ކޮބާ އަހަރެމެންގެ ދުވަސްވީ އެކުވެރިކަން؟ މިއީތަ؟ "
ޖުމްލައަކަށްފަހު ޖުމްލައެއް ނަޒީރު ގަތާލީ ރުޅިވެރިކަމާއެކުއެވެ. ފަހުމީއަށް ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ. އަމީރާގާތަށް ރުޅި އަންނަންފެށީވެސް އެކަމާއެވެ. އޭނާ އިނީ ރުޅިއައިސް ފުފިފައެވެ. ނަދާ އުޅުނު ގޮތް ކިޔައިދޭށޭ އެތައް ފަހަރަކު އޭނާ ސިއްރުން އިނދެ ކިޔަމުންދިޔައެވެ. ނަމަވެސް އިސްޖަހައިގެން އިން ފަހުމީގެ މާބޮޑު ސަމާލުކަމެއް އޭނާއަކަށް ނުލިބުނެވެ.
"، އެވަރުގެ ތުއްތު ކުއްޖަކު މަންމަޔާ ވަކިކުރަން މަސައްކަތް ނުކުރާށޭބުނޭ! ވަރި ސާބިތު ކުރުމުގެ ކަންތައްތައް އަވަސްކުރަންވެސް ޒައިންއަށް އަންގާތި! މިއަދަށްފަހު އަހަރން ދަންނަ ފަހުމީއެއް، އަމީރާއެއް ނޫޅޭނެ!."
ފަހުމީ ބުނާނެ އެއްޗަކަށް މަޑުކުރުމެއްނެތި، ނަޒީރު ފޯނު ކަނޑާލިއެވެ.
" ތީ ކޮންކަހަލަ މީހެއް؟ އަހަރެމެންނާ އަހަރެމެންގެ ދަރިއަށް ހެއްދެވި ނެހެއްދެވިއަށް ގޮވާލިއިރުގައިވެސް މަނެއްހެން ތި އިނީ އަނގައިން ނުބުނެވިފަ! "
އަމީރާ އެއްޗެހި ކިޔަމުން ދިޔައީ ނުހަނު ބާރަށެވެ. އެއަޑަށް ކޮޓަރީގައި އިން އުޝާވެސް ބާރުބާރަށް ނިކުމެއްޖެއެވެ.
" އެމީހުންގެ ބަހުގަ، ނަދާއަކީ ވަރަށް މައުސޫމް ކުއްޖެއް. އޭނަގެ ނެތް އެއްވެސް މައްސަލައެއް. ހުރިހާވެސް މައްސަލައަކީ އަދި ކުއްވެރިންނަކީވެސް ހަމަ އަހަރެމެން.. ރީއްޗެއްނު ދައްކާލި ވާހަކަ! އަހަރެންގެ އަތަށް ތި ފޯނުގަނޑު ދިންނަމަ ނިކަން ރަނގަޅަށް ބަވާލީމުސް. އަހަންނަށްވެސް ކެރޭނެ އެއްޗެހި ކިޔަން! މަގޭ ދަރި ހަނާކޮށްލި އިރުގައިވެސް ތި އިނީނު.. ބަލަ ނަދާއަކީ އޭނާގެ ހުރި ހަމައެކަނި ދަރިއަށްވާއިރު ޒައިންއަކީ އަހަރެމެންގެ ހަތްވަނަ ދަރިތަ؟ ބަލަ ޒައިންއަކީވެސް އަހަރެމެންގެ ހުރި ހަމައެކަނި ދަރިއޭ! އޭނަ މޮޔަވެގެންތަ އެއުޅެނީ. އެ ނަދާއަކާހުރެ މަގޭ ދަރި އުޅުނު ޙާލު ފެންނާނީ އެމީހުންނަށްތަ؟ ފަހުމީ ކަލޭ ނުދެކެންތަ އެކުއްޖާފުޅު ގަމީހުގަ ހިފައިގަނެގެން އުޅުނު ދުވަހެއް؟ "
އެއްޗެހި ކިޔަމުން ދިޔަ އަމީރާއަށް އެއްލި ކަޅިއަކުން ފެނުނީ ސިޑިމަތީގައި ހުރި އުޝާއެވެ. އޭރުވެސް އަމީރާ ހުރީ ތުރުތުރުއަޅާ ޙާލުގައެވެ. ވެގެން އުޅޭ ގޮތެއް އަހާލަންވެސް އުޝާއަކަށް ނުކެރުނެވެ. ނަވީންގެ ކައިވެންޏަށް އެއްބަސްވީއްސުރެ އަމީރާ ހުންނަނީ ކޮންމެވެސް ވަރަކަށް އުޝާ ދުރުކޮށްލާފައިކަން އުޝާއަށް އިޙްސާސްކުރެވޭތާ މިހާރު ދެތިން ދުވަސް ވެއްޖެއެވެ. އެހެންކަމުން އޭނާ މިހާރު ގިނަ ވަގުތު ހޭދަކުރަނީވެސް ކޮޓަރީގައެވެ.
" ޒައިން ނަދާ ވަރިކޮށްފި! އަހަންނަށް ޔަޤީން އެ ނަދާ އެއްޗެއް ނުކިޔަނީސް ޒައިން އޭނަ ވަރިއެއް ނުކުރާނެ! ޒަޔާއަށްޓަކައި އޭނަ ހާދަ ކެތްކޮށްފިއޭ! އެ ރުޅިގަދަ އަންހެންމީހާ ހިފަހައްޓާނުލެވުނީމަ ނޫނީ ޒައިން އޭނަ ވަރިއެއް ނުކުރާނެ! "
މިފަހަރު އަމީރާ ވާހަކަ ދެއްކީ އުޝާއަށް އިއްވާލާށެވެ. އޭރުވެސް ފަހުމީ ހަމަ އެއިންގޮތަށް އިނެވެ.
" މަގޭ ދަރިފުޅަށް ޒަޔާވެސް ގެއްލުނީ! ދެން ހުރި ދަރިވެސް...!"
އަމީރާ އެހެން ބުނުމާއެކު އުޝާއަށް އިސްޖަހާލެވުނެވެ. ހުރި ފިޔަވަޅުމަތީގައި އޭނާއަށް ހުރެވުނީއެވެ. އެތަނަށް ދިޔަޔަސް އަމީރާގާތު ކިޔާނީ ކީކޭކަން ހިތަށް ނޭނގުމުން އޭނާ މަޑުކުރީއެވެ.
" އެއްވެސް އެއްޗެއް ކިޔާނެ ކަމެއް ނެތޭ! ދެން ހުއްޓާލާ! އަހަރެންވެސް ރުޅިއައި. ދެރަވެސްވި. އެކަމަކުވެސް އެއްޗެހި ކިޔަން ބޭނުން ނުވީ އެއީ ރީތި ކަމަކަށް ނުވާތީ. ކިޔާނެ އެއްޗެއް ކިޔާފަ ފޯނު ބާއްވައިފިއެއްނު! މިކޮޅުން މަ ތިގޮތަށް ނަޒީރާދިމާލަށް ކިޔަންވެއްޖެނަމަ އަދިވެސް ތިބޭނީ ޒުވާބުކުރަން..އޭރުން ފަހުން އަހަންނަށް މާ އަސަރުކުރާނެ. "
އެހެން ބުނުމަށްފަހު ފަހުމީ ތެދުވެގެން ގޮސްވަނީ ކޮޓަރިއަށެވެ. އެއާއެކު އަމީރާ އެނބުރިލީ އުޝާއާ ދިމާލަށެވެ. އޭރުވެސް އުޝާ އެތަނުގައި ހުއްޓެވެ. އަމީރާ އޭނާއާ ދިމާލަށް އަންނަން ފެށުމުން އުޝާ ޖެހިލުންވިއެވެ. އުޝާއަށްވެސް ހުރެވުނީ ސީދާ އަމީރާގެ މޫނަށް ބަލާށެވެ. އޭނާ އައިސް ސިޑީގެ ދެވަނަ ހަރުފަތަށް އެރުމަށްފަހު ހުއްޓުނެވެ.
" އަހަރެންގެ އެއްމާމަދަރި އަހަރެމެންނަށް އެ ގެއްލުނީ! ދެން ޒަޔާއެއް ނާންނާނެ! އަހަންނަށް މާމާއޭ ކިޔާ ގޮވާލާނެ އެންމެ ދަރިއެއް ދެން ހުރީ.. މިހެން ބުނީމަ އުޝާއަށް އެއްޗެއް ވިސްނޭނެ ކަމަށް ހީކުރަން! މައެއްގެ ހިތުގެ އާދޭސް އުޝާއަށްވެސް އިޙްސާސް ކުރެވޭނެ! "
އަމީރާ އެހެން ބުނުމާއެކު ކަންބޮޑުވެ، ހާސްވި ވަރުން އުޝާއަށް ހިނދިރުވާލެވުނެވެ. އޭރުވެސް އާދޭހުގެ ނަޒަރަކުން އަމީރާ ހުރީ އުޝާއަށް ބަލަހައްޓައިގެންނެވެ.
( ނުނިމޭ )
ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (33)
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!