" އަހަރެންގެ އެއްމާމަދަރި އަހަރެމެންނަށް އެ ގެއްލުނީ! ދެން ޒަޔާއެއް ނާންނާނެ! އަހަންނަށް މާމާއޭ ކިޔާ ގޮވާލާނެ އެންމެ ދަރިއެއް ދެން ހުރީ.. މިހެން ބުނީމަ އުޝާއަށް އެއްޗެއް ވިސްނޭނެ ކަމަށް ހީކުރަން! މައެއްގެ ހިތުގެ އާދޭސް އުޝާއަށްވެސް އިޙްސާސް ކުރެވޭނެ! "
އަމީރާ އެހެން ބުނުމާއެކު ކަންބޮޑުވެ، ހާސްވި ވަރުން އުޝާއަށް ހިނދިރުވާލެވުނެވެ. އޭރުވެސް އާދޭހުގެ ނަޒަރަކުން އަމީރާ ހުރީ އުޝާއަށް ބަލަހައްޓައިގެންނެވެ.
" ތީ ދެން ކޮންކަމެއް އަމީރާ؟ ރޭގައެއްނޫންތަ އަމީރާ ބުނީ އުޝާގެ ދިރިއުޅުމަކާ ތިމަންނަ ނުބެހޭނަމޭ! އުޝާ ބޭނުންވާ ގޮތަކަށް ބޭނުން ކަމެއްކުރަން ދޫކޮށްލާނީއޭ! އެކަމަކު ނުސީދާކޮށް މިހާރު އުޝާއަށް މަޖުބޫރު ތިކުރަނީ.."
ފަހަތުން އިވުނު ފަހުމީގެ އަޑަށް އަމީރާ ދިޔައީ ސިހިގެންނެވެ. އެއާއެކު ވެފައިހުރި ދެރަޔާ އައިސްފައިހުރި ރުޅިން އޭނާއަށް ރޮވެން ފެށުނެވެ.
" އަހަރެންގެ ޒައިންއާމެދު ވިސްނަނީކާކު؟ ނަޒީރު ވިސްނަނީ އޭނާގެ ދަރި ނަދާއާމެދު! ފަހުމީ ވިސްނަނީ އުޝާއާމެދު! ދެން؟ އަހަރެންގެ ޒައިންއަށް ޙިމާޔަތްދޭން ހުރީ ކާކު؟"
އެހެން ބުނުމަށްފަހު ސިޑިން ފައިބައިގެން މަޑުމަޑުން އައިސް އަމީރާ ހުއްޓުނީ ފަހުމީގެ ކުރިމަތީގައެވެ. އޭރު އޭނާގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުންދެއެވެ.
" ޒައިންއާމެދު ވިސްނަނީކާކު؟ އެކުއްޖާގެ އިޙްސާސްތައް ހިތަށް އެރިޔަސް މި މަންމަގެ ލަގޮނޑިއަކަށް ކެތެއްނުކުރެވެޔޭ ފަހުމީ! "
ރޮމުން ރޮމުން އަމީރާ، ފަހުމީގެ މޭގައި މޫނު ޖައްސާލިއެވެ. އެއާއެކު ފަހުމީ އޭނާގެ އެއް އަތުން އަމީރާގެ ބުރަކަށީގައި އަތްޖައްސާލީ އަމީރާއަށް ހަމަޖެހުމެއް ލިބޭތޯއެވެ. އޭރުވެސް ސިޑީގެ މެދެއްހާ ހިސާބުގައި އުޝާއަށް ހަމަ ހުރެވުނީއެވެ. ގުޑިލާންވެސް ނުކެރިފައެވެ.
" ޒައިންއަށް ހެދުނު އެންމެ ގޯހަކުން ، އޭނާގެ މުޅި ޢުމުރު، އުފަލުން މަޙުރޫމްވާން ޖެހޭތަ؟ " އަނެއްކާވެސް އަމީރާ ބުނެލިއެވެ. މިފަހަރު އޭނާއަށް ގިސްލެވެންފެށުނެވެ. ފަހުމީއަށް ބަލާލެވުނީ އުޝާގެ މޫނަށެވެ. ފަހުމީގެ މޫނުމަތިން ފެންނަމުންދިޔަ ނުތަނަވަސްކަމުގެ ސަބަބުން އުޝާއަށް އުނދަގޫވާން ފެށިއެވެ.
" ދެން.. އިހަށް ހިނގާ! ކޮޓަރިއަށް ހަމަޖެހިލަން ހިނގާ!" އަމީރާ އަތުލަފިކޮށްގެން ފަހުމީ ހިނގައިގަތީ ކޮޓަރިއަށެވެ. އެމީހުން ލޯމަތިން ގެއްލުމާއެކު ބާރުބާރަށް އުޝާ ގޮސްވަނީ އޭނާގެ ކޮޓަރިއަށެވެ.
***
" މާތްކަލާކޯ! ކޮންފަދަ ބޮޑު އިމްތިޙާނެއް! އަހަރެން ކިހިނެއް ހަދާނީ؟ ޒައިންއާ ގުޅިގެން ނޫޙުއަށް ބައްޕައެއްގެ ލޯބިދީގެން މި މައިންބަފައިންގާތު އުޅެންވީތަ؟ ނޫނީ... ނުވެސް ދަންނަ މީހަކާ ގުޅިގެން މިތަނުން ދާންވީތަ؟ އަހަރެން ކިހިނެއްތަ ހަދަންވީ؟ "
އުޝާއަށް މަޑުމަޑުން ވާހަކަ ދައްކަން ފެށުނީ އޭނާގެ ހިތާއެވެ.
ޒައިންއަކީ މިއަދު އުޝާއަށް ކާކުހެއްޔެވެ؟ އޭނަގެ ފަރާތުން ހިތްދަތިކަމާ ހިތާމަ ފިޔަވާ އުޝާއަށް ލިބުނީ ކޯއްޗެއްހެއްޔެވެ؟ އޭނާދެކެ ތިވެވެނީ ލޯތްބޭ ހީކުރެވުނަސް ތިވެވެނީ ލޯތްބެއް ނޫނެވެ. އެކަން އުޝާއަށް އިޙްސާސްކުރެވޭނީ އެހެން މީހެއްގެ ލޯބި އުޝާއަށް ލިބެން ފެށީމައެވެ. އެދޮރު މިހާރު ހުރީ ހުޅުވިފައެއް ނޫންހެއްޔެވެ؟ ވަންނަން ނުކެރިގެން ތިއުޅެނީ ކީއްވެ ހެއްޔެވެ؟ ދާން ބޭނުން ނުވެގެން ތިއުޅެނީ ކޮންފަދަ މަޖުބޫރަކުންހެއްޔެވެ؟ އުޝާއަށްޓަކައި މިގެއަކީ ހިތާމައިގެ ކިއްލާއެކެވެ. އެކަން އެންމެ ރަނގަޅަށް އެނގެނީވެސް ޚުދު އުޝާއަކަށް ނޫން ހެއްޔެވެ؟ އުޝާގެ ހުރިހާ ޙަޤީޤަތެއް އެނގިހުރެ، އުޝާދެކެ ލޯބިވާނެ މީހަކު ލިބުމުންވެސް ތިއުޅެނީ އިންކާރު ކުރަންހެއްޔެވެ؟ ދެކޮޅު ހަދަން ހެއްޔެވެ؟ ނޫނީ ތިއުޅެނީ ލޯތްބާ އުފަލާ އަރާމަށް ފިލަން ހެއްޔެވެ؟ ތިޔައީ ހާދަހާވާ ބޮޑު މޮޔައެކެވެ. ތި ހިތަށް އުފަލެއް ލިބެން ބޭނުންވަންޏާ ފަސްއެނބުރި ނުބަލާ ކުރިއަށް ހިނގައިގަންނާށެވެ. މާޒީ ހަނދާންނައްތާލާށެވެ.
ހެޑްބޯޑުގައި ބޯޖައްސާލައިގެން އުޝާއަށް އިނދެވުނީ ދެލޯމަރާ ބާރުކޮށްގެންނެވެ. އޭނާގެ ހިތާއި ސިކުނޑިން އިންޒާރުތަކެއް ދެމުންދާކަހަލައެވެ. ކުއްލިއަކަށް އުޝާއަށް ލޯ ހުޅުވާލެވުނީ ފޯނަށް އައި މެސެޖެއްގެ އަޑަށެވެ. ތުރުތުރުއަޅާ އަތަކުން އުޝާ ފޯނު ބަލާލިއެވެ.
"މާދަމާއަކީ ކައިވެނި ކުރެވޭ ދުވަސްކަން ހަނދާން އެބަހުރިތަ؟ "
ނަވީންގެ މެސެޖް ދެތިން ފަހަރަށް އުޝާއަށް ކިޔާލެވުނެވެ. މާދަމާއަކީ ކައިވެނިކުރެވޭ ދުވަސްކަން ހަނދާންވުމާއެކު އޭނާގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ. ހިތަށް އުނދަގޫވެ މީހާ ހާސްވާންފެށިއެވެ. ގޭތެރޭގެ މާޙައުލު އެހާ ގޯހެވެ. އެކަން ނަވީންއަކަށް ނޭނގޭނެއެވެ. އޭނާ އެހުރީ ނުހަނު އުފަލުންކަން އުޝާއަށް އެނގެއެވެ.
" އަހަރެން ބޭނުން އުޝާއާ ބައްދަލްވެލަން! " ދެވަނަ މެސެޖާއެކު އުޝާއަށް ކޮޅަށް ތެދުވެވުނެވެ. އުޝާގެ ޖަވާބެއްގެ އިންތިޒާރުގައި ނަވީން ހުންނާނެކަން އޭނާއަށް އެނގެއެވެ. ނަވީންއަށް ޖަވާބެއް ދިނުމުގެ ކުރިން އޭނާގެ ނިންމުން ސާފުކޮށް އަމީރާގެ ގާތު ބުނަން ބޭނުންވިއެވެ. އޭނާ އެނދުމައްޗަށް ފޯނު އެއްލާލަމުން ނޫޙުއަށް ބަލާލިއެވެ. އޭރު ނޫޙުއިނީ މެޓްމަތީގައި ކުޅޭށެވެ. ބާރުބާރަށް ގޮސް ސިޑިން ފޭބުމާއެކު ސޯފާގައި ތިބި އަމީރާއާ ފަހުމީ ފެނުނެވެ. އެމީހުން ފެނުމުންވެސް އުޝާގެ ހިތަށް ވެރިވީ ބިރުވެރިކަމެކެވެ. ދައްކަން ބޭނުންވާ ވާހަކަތައް ދެއްކޭނެކަމާމެދު އޭނާއަށް ޝައްކެވެ. ނަމަވެސް ހިތްވަރުކޮށްފައި ގޮސް ސޯފާގެ ފަހަތުގައި ހުއްޓިލީ މަޑުމަޑުންނެވެ.
" މަންމާ! " އުޝާ ގޮވާލުމާއެކު އަމީރާއާ ފަހުމީ ފަހަތް ބަލާލީ އެއްފަހަރާއެވެ. އޭރުވެސް އަމީރާގެ މޫނުމަތިން ފެންނަމުންދަނީ ހިތާމައިގެ ކުލަވަރެވެ. ކޮންމެވެސް ވަރަކަށް އޭނާ ރޮއިފައި ހުރިކަން އެ ދެލޮލުން ފާޅުވެއެވެ.
" އުޝާ! އާދޭ އާދޭ! އިށީނދެ!." ފަހުމީ އެހެން ބުނުމުން އަމީރާއަށް ބަލަމުން އުޝާގޮސް އިށީނދެލިއެވެ.
" ބައްޕާ! ވާހަކައެއް ބުނަންވެގެން...." އުޝާ ވާހަކަ ދެއްކީ އަބަދުވެސް އޭނާ އެމީހުންނާ ވާހަކަ ދައްކާ ފަދައިން އިޙްތިރާމާއެކުއެވެ.
" މަންމާ! މިއަދުވެސް އަހަރެންގެ މަންމައާ ބައްޕަގެ ގޮތުގައި ދެކެނީ ހަމަ ތި ދެމީހުން... ތީ އަހަރެންގެ ޙަޔާތުގައި ވަރަށް މުޙިއްމުބައެއް! އަހަންނަށް މަޢާފްކުރޭ މަންމާ! އެކައިވެންޏަށް އެއްބަސްވެވިއްޖެ! ދެން... ދެން އެކަމާ ދެކޮޅު ހަދާކަށް ބޭނުމެއްނޫން.. އަހަރެން އެގެއަށް ދިޔުމަކުން... އޭނައާ ކައިވެނި ކުރުމަކުން ނޫޙުއާ މަންމަމެންގެ ދެމެދު އޮންނަ ގުޅުމެއް ކުޑައެއް ނުވާނެ! ލައްކަ ދުވަހު އަހަރެން ޒައިންއަށް އިންތިޒާރުކުރިން! ފެންނަ މަންޒަރުތައް ނުފެންނަ ކަމަށް ހަދައިގެން، އިވޭ އަޑުތައް ނީވޭ ކަމަށް ހަދައިގެން އުޅުނިން! ދަރިފުޅުގެ ޙައްޤުގައި އަހަރެން މަޑުކުރިން.. އެކަމަކު އެދުވަހު އަހަރެންގެ ޙައްޤުގައި އެއްވެސް މީހަކަށް އެއްޗެއް ނުބުނެވުނު.. "
އެހިސާބަށް ވާހަކަ ދިޔުމާއެކު އުޝާއަށް ރޮވުނެވެ. އޭނާއަށް ވާހަކަ ދައްކަން އުނދަގޫވެ، އިތުރަަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ.
" ނޫޙުއަށް ޒައިންގެ ލޯބި މުޙިއްމެއް ނުވާނެތަ ދަރިފުޅާ؟"
އިސްޖަހައިގެން ރޮވިފައި އިން އުޝާއަށް އަމީރާގެ މޫނަށް ބަލާލެވުނީ އޭނާކުރި ސުވާލަކުންނެވެ. އެއާއެކު އެތައް ޝަކުވާތަކަކުން އުޝާގެ ސިކުނޑިބަރާވެގެން ދިޔައެވެ. އެހެންކަމުން ބޭއިޙްތިޔާރުގައި އުޝާއަށް ވާހަކަދެއްކެން ފެށުނީ ނުހަނު ބާރަށެވެ.
" ނޫޙުއަށް ، ނޫޙުގެ ބައްޕަގެ ލޯބި ބޭނުންވާނީ މިހާރުތަ މަންމާ؟ ޒައިން ނުފެންނަތާ މިހާރު ހަފުތާއެއް ވެގެން ދިޔައީ. އެކުޑަކުޑަ ކުއްޖާ އަހާނުލައޭ ޒައިން ކޮބާތޯވެސް.. ޒައިން މިގޭގަ ނެތްކަމެއްވެސް ނޫޙުއަކަށް ނޭނގެ! ޒައްރެއްގެ މިންވަރަށްވެސް އެކުއްޖާގެ ހިތުގައި ޒައިންއަށްޓަކައި ގާތްކަމެއްވާނަމަ އެންމެ ކުޑަމިނުން ޒައިން ކޮބާތޯ އަހާލާނެދޯ! ނޫޙުގެ ބައްޕައަކީ ޒައިންކަން ބުނެދިނުމުގެ ހުއްދައެއް އެއްވެސް އިރެއްގަ އަހަންނަކަށް ނުލިބެ! އަހަންނަށް ޖެހުނީ އެކަން ސިއްރުކުރަން... އެކަމަކު ނޫޙަކީ ތިމާގެ ދަރިކަން ޚުދު ޒައިންއަށްވެސް އެބަ އެނގޭ! ނޫޙުގެ ހިތުގައި ޒައިންއަށްޓަކައި ޚާއްސަ ދަރަޖައެއް ޚާއްސަ މަޤާމެއް އުފެއްދުމަކީ ޒައިންގެ ކަމެއް! ކީއްވެ އެހެން އެކަން ނުކުރެވުނީ މަންމާ؟ "
" އެއީ އަހަންނަށް ނޫޙު ދުރުކޮށްލެވުނީމަ... މަޖޫބުރު ވެގެން އެކަން އެގޮތަށް ކުރެވުނީ! "
އެންމެންނަށް އެއްފަހަރާ ފަހަތް ބަލާލެވުނީ ދޮރުކައިރީގައި ހުރި ޒައިންގެ އަޑު އިވުމުންނެވެ. އެއާއެކު އަމީރާއަށް ކޮޅަށް ތެދުވެވުނެވެ.
" އާނ މަންމާ! އުޝާ އެބުނަނީ ދޮގެއްނޫން.. ވޭތުވެދިޔަ ހަތަރު އަހަރު ދުވަހު ނޫޙުއަށް ބައްޕައެއްގެ ލޯތްބެއް ނުދެވުނު.. އަހަރެން އެކަން ޤަބޫލުކުރަން.. އުޝާގެ ކިބައިން އަހަރެން އެކަމަށް މަޢާފަށް އެދެން..."
މަޑުމަޑުން ހިނގާފައި އައިސް ޒައިން ހުއްޓުނީ ސީދާ އުޝާގެ ކުރިމަތީގައެވެ. އުޝާއަށް ބަލާލެވުނީ ފަހުމީގެ މޫނަށެވެ. ޒައިންގެ ނަޒަރު އަމާޒުވެފައިހުރީ ސީދާ އުޝާއަށެވެ. އެހެންކަމުން ފަހުމީގެ އިތުރުން އަމީރާއަށްވެސް ހުރެވުނީ އެއްޗެއް ބުނަން ނުކެރިފައެވެ. ޒައިން ކޮންމެވެސް ވާހަކައެއް ދައްކަން ބޭނުންވެފައި ހުރިހެން އޭނާގެ މޫނުމަތީގެ ކުލަވަރުން ހެކިދެއެވެ. އޭނާގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ އުޖާލާކަމެއް އެންމެންނަށްވެސް ފާހަގަ ކުރެވުނެވެ. ތުންފަތްމައްޗަށް ވެރިވެފައިވަނީ ލުއި ހިނިތުންވުމެކެވެ. ކޮނޑުގައި އަޅުވާފައި އޮތް ދަބަސް، ތިރިއަށް ވައްޓާލަމުން އޭނާ އުޝާގެ އަތުގައި ހިފާލިއެވެ. އެއާއެކު ދެލޯ ބޮޑުކޮށްފައި ހުރެ އުޝާއަށް ބަލާލެވުނީ އަމީރާގެ މޫނަށެވެ.
" އަހަރެންގެ ފުރަތަމަ ކައިވެންޏަކީ، އަހަރެންގެ ދިރިއުޅުމުގައި އެޅުނު އެންމެ ކަތި ފިޔަވަޅު! އެކައިވެންޏަށްފަހު އަހަރެން އަޅާ ކޮންމެ ފިޔަވަޅެއްވެސް ދަނީ ކައްޗަށް ބޮއްޗަށް! އެކައިވެންޏަށްފަހު، ޙަޔާތުގެ އުފާވެރިކަން ގެއްލުނު! ޒުވާން ޢުމުރު ހުސްވެގެން ދިޔައީ ބޭކާރުގޮތުގައި ހަކަތަ ހުސްކުރުމުގަ! ރުޅިއާ ޝަކުވާގެ ދުނިޔެއިން މި ނިކުމެވުނީ އަދިކިރިޔާ! އެއީވެސް އިމްތިޙާނެއް.. މިއަދު އަހަންނަކީ އެއްވެސް މީހެއްގެ ދަށުވެފައިވާ މީހެއް ނޫން. އުޝާ! މިއަދު މި ކުޑަކުޑަ އާއިލާ އެކަތިގަނޑަކަށް ހެދިދާނެ.. މިއަދު އަހަރެމެންނަށް އަލުން އުފާވެރި ދިރިއުޅުމެއް ފެށިދާނެ! މަންމައާ ބައްޕަ އަދި އަހަރެމެންގެ ނޫޙުއާއެކު.."
ޒައިންއަށް ހީވަނީ ކުޑަވަރެއްގެ ޢީދެއް އައިސްގެން އުޅެނީހެންނެވެ. އޭނާ އެހުރީ ޙަޔާތުން ނަދާ ބޭރުކޮށްލުމުގެ އުފާވެރިކަމުގައިކަން އަމީރާއާ ފަހުމީއަށްވެސް އެނގުނެވެ. ހަމަ އެވަގުތެވެ. ކުއްލިއަކަށް އެންމެން ސިހުނީ ބެލްޖަހާލި އަޑަށެވެ. އެއާއެކު އުޝާ، ޒައިންގެ އަތުގެ ތެރެއިން އަތް ދަމައިގަނެ އޭނާއާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ.
" މިގަޑީގަ ކާކުތަ؟ " ދޮރުހުޅުވަން ހިނގައިގަންނަމުން ފަހުމީއަށް ބުނެލެވުނެވެ. އެއާއެކު އުޝާގެ ހިތް ނެގިނެގިފައި ޖެހެން ފެށީ އެއީ ނަވީންކަން އޭނާއަށް ޔަޤީން ކުރެވޭތީއެވެ.
" ޖާ.. ޖާބިރު"
ޖާބިރު ފެނުމާއެކު ފަހުމީއަށް ލިބުނީ ހާސްކަމެވެ. އެހެންކަމުން އޭނާގާތު އެތެރެއަށް ވަންނަން ބުނެވުނީވެސް ކުޑައިރުކޮޅެއް ފަހުންނެވެ.
" މިވަގުތު މިއައީ މަޑުކުރާކަށް ނޫން! އުޝާ ގޮވައިގެން ބޭރަށް ދާންވެގެން މި އައީ އުޝާ ބަލާ! "
ދެޖީބަށް އަތް ޖަހާލައިގެން ހުރެ ފަސޭހަކަމާއެކު ޖާބިރު ބުނެލިއެވެ. އެއާއެކު ސުވާލުގެ ނަޒަރަކުން ޒައިންއަށް ބަލާލެވުނީ އުޝާގެ މޫނަށެވެ. ކަންތައް ވާނެގޮތް ނޭނގޭތީ އަމީރާއަށްވެސް ހުރެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ.
" އަނހަ އެހުރީނު އުޝާ! ނަވީން ނުބުނޭތަ ބަލާ އަންނާނެ ވާހަކައެއް! ތައްޔާރުވެލައިގެން ނިކުންނަމާ! ދަރިފުޅުވެސް ގެންނާތި އިނގޭ! " ހިނިތުންވެ ހުރެ ޖާބިރު ބުނެލީ ތަންކޮޅެއް ބާރަށެވެ. ލޮލުގެ ހިމަކޮޅުން ޒައިންއަށް ބަލާލުމަށްފަހު، އިތުރަށް މަޑުކުރުމެއްނެތި، އިސްޖަހާލަމުން އުޝާ ހިނގައިގަތީ ސިޑިއާ ދިމާލަށެވެ.
" ނަވީން ބޭނުންވޭ ކޮންމެހެންވެސް އުޝާއަށް ހެދުމެއް ގަނެދޭން! "
ހެވިލާފައި ޖާބިރު އެހެން ބުނުމުން ފަހުމީވެސް ބޯޖަހާލަމުން ގަދަކަމުން ހީލިއެވެ. ޒައިން އެނބުރިލީ އަމީރާއާ ދިމާލަށެވެ. އެމަންޒަރު ޖާބިރަށް ފެނުނު ނަމަވެސް، އޭނާ ޒައިންއާމެދު މާބޮޑު ފަރުވާލެއް ނުބެހެއްޓިއެވެ.
" އަހަރެން ރޭގަވެސް ވަރަށް ގުޅިން ފަހުމީއަށް.. ޕާޓީ ބާއްވަން އެކުދިން ބޭނުން ނުވާތީ، ކައިވެނިކުރާނީ އަހަރެންގެ ގޭގަ! ހުރިހާ ކަމެއް އަހަންނާ ނަވީން ނިންމިއަކަސް ނުވާނެއެއްނު! ފަހުމީމެން ބޭނުންވާ ކަންތައްތައްވެސް އަހަރެމެން ބަލާލަން ބޭނުންވާނެތާ!"
ޖާބިރު އެހެން ބުނުމާއެކު، ޒައިންއަށް ވާނުވާ އެނގިއްޖެއެވެ. އެއާއެކު އަމީރާއާ ދިމާލަށް އޭނާއަށް ބަލާލެވުނީ ރުޅިވެރިލޮލަކުންނެވެ. އެކަމުގައި އޭނާގެ އެއްވެސް ކުށެއް ނެތްކަން ދަރިފުޅަށް އަންގައިދިނުމަށް އަމީރާ ދެފަރާތަށް ބޯ ހޫރާލަމުން، ދެލޯ ކުޑަކޮށްލިއެވެ.
" ނޫނޭ! ޖާބިރުމެން ނިންމާ ކޮންމެ ގޮތެއް އަހަރެމެންނަށް ހަމަ ރަނގަޅުވާނެ! " ފަހުމީއަށް ވާހަކަ ދެއްކުނީވެސް އާގަންނަމުންނެވެ. އެއީ ޒައިންގެ ހިތުގައި އުފެދެމުންދާ އޮއިވަރު، އޭނާއަށް އިޙްސާސް ކުރެވޭތީއެވެ.
" އެހެންދޯ! އަހަރެމެން ހުރިހާ ކަމެއްވެސް މި ކުރަނީ ހަމަ ވަރަށް ސާދާ ގޮތަކަށް! އެހެންތާ ދެން ބުނެވޭނީ! " ޖާބިރު އެހެން ބުނުމާއެކު އުޝާއާ ނޫޙު އައިސް ހުއްޓުނެވެ. އެއްވެސް މީހަކަށް ބަލާލަކަށް އުޝާއަކަށް ނުކެރުނެވެ. އޭނާ އެވަގުތު ބޭނުންވީވެސް އަވަހަށް ނިކުމެގެން ދާށެވެ.
" އަވަހަށް ހިނގާދޯ! ނަވީން އިންނާނީ ލަސްވެފައިކަންނޭނގެ! ފަހުމީ! ދަނިއްޔޭ އިނގޭ... މިހާރު ދެން އުޝާ ގެންދިޔަސް ކަންބޮޑު ވާކަށް ނުޖެހޭނެތާ ކުރިއަށް އޮތްތަނުގައި އުޝާގެ ބަލަދު އަރާނެ ގައިމު މަށަށްވެސް.."
ބާރު ހިނިގަނޑެއް ޖަހާލަމުން ޖާބިރު ނިކުތީ އުޝާއާ ނޫޙުގެ ފަހަތުންނެވެ. އެމީހުން ނިކުތުމާއެކު އަވަސް އަވަހަށް ފަހުމީ ދޮރު ތަޅުލިއެވެ. އަދި ބާރު ހިނގުމުގައި ގޮސް ޒައިންއާ ދާދި ގާތުގައި ހުއްޓުނެވެ. އަދި ޒައިންއާ ވާހަކަ ދައްކަން މަސައްކަތްކުރިއެވެ.
" ބަ...ބައް..."
" ހުއްޓާލާދެން! އިތުރު އެއްވެސް ތަފްސީލެއް އަހަރެން ދެން ބޭނުމެއް ނޫން! ހުރިހާ ކަމެއް ވަރަށް ސާފުކޮށް އަހަންނަށް އެނގި ހާމަވެއްޖެ! އަހަންނަށް ކެހި ދިނީ ހަމައެކަނި ނަދާއެއްނޫން! ތި އެންމެންނަކީވެސް ހަމަ ކެހިވެރިން! އަހަރެންގެ އުފަލަކީ އުޝާކަން އެނގޭ އިރުގައިވެސް ކަލޭމެން ތިއުޅެނީ އުޝާ އެހެން މީހަކާ ކައިވެނިކުރުވަން؟؟ އުޝާއާއެކު މަގޭ ދަރިވެސް އެހެންމީހަކަށް ހިބައިން ދިނީތަ؟ "
ދެއަތުން ބޮލުގައި ހިފަހައްޓާލަމުން ޒައިން ސޯފާއަށް ވެއްޓިގަތެވެ.
" ކިހާވަރަކަށް ގުޅާނީ؟ އެކައިވެންޏަށް ހުރަސް އަޅަން، އެކަން ހުއްޓުވަން، ކިހާ ވަރަކަށް ޒައިންއަށް ގުޅާނީ.. ފޯނު ނުނެގިތާ ފަހުންވެސް ނުގުޅި! ދެން އިވުނީ އެހެން އަޑެއް! ޒައިން، ނަދާ ވަރިކުރި ޚަބަރު! ނަދާގެ ބައްޕަ އަހަރެމެންނަށް އެހާ އެއްޗެހި ގޮވި! ޒައިންއާހެދި ޒައިންގެ މަންމަގެ ލޮލުން ކަރުނަ ނުހިކޭ! އަދިވެސް ވީ އަހަރެމެންދެކެތަ ރުޅި އަންނަން؟"
ފަހުމީ ވާހަކަ ދެއްކީ ޒައިންއަށް ވުރެ އަޑު ހަރުކޮށެވެ. އެއާއެކު ޒައިން ފުންމައިގެން ތެދުވެ، ބާރުބާރަށް ސިޑިއާ ދިމާލަށް ދިޔައެވެ. ފަހުމީ ގޮވަ ގޮވާ ހުއްޓާ ގޮސް އޭނާ ވަނީ ކޮޓަރިއަށެވެ.
" އަހަންނަށް އެނގޭ ކަންތައްވާނީ މިހެންކަން.. އުޝާވެސް ރަނގަޅުދޯ ދެން ގޮތްދޫކޮށްފަ ޒައިންއާ އިންނަން!"
ބޭއިޙްތިޔާރުގައި އަމީރާއަށް ބުނެލެވުނެވެ. އެއާއެކު ފަހުމީގާތަށް އިތުރަށް އައީ ރުޅިއެވެ.
" ސާބަސް ސާބަސް! މަ ކިތައް ފަހަރު ބުނެފިން އެކުއްޖާގެ ފަހަތުން ދެން ނުދުވާށޭ! އޭނަވެސް އަމިއްލައަށް ދިރިއުޅުމެއް އުޅެން ގަސްތުކޮށްގެން އެ ނިކުތީ! ދެން އޭނަ ދޫކޮށްލަބަލަ! އެކަމުގަ ހިފާ ދެމިޔަސް އަހަރެމެންގެ ދަރިފުޅުގެ ޙަޔާތަށް އޭނަ އަންނާނެތަ؟ "
" ކާންދިން އަތުގައި ދަތް އަޅަންދޯ އުޝާއަށް އެނގުނީ!" މަލާމާތުގެ ރާގަކަށް އަމީރާ ބުނެލިއެވެ. އެއާއެކު ފަހުމީއަށް އަނެއްކާވެސް ދެފަރާތަށް ބޯ ހޫރާލެވުނެވެ.
" ތިހެންނެއްވެސް ނުބުނެވޭނެ! އަމީރާވެސް އުޅުނީ ހަމަ މަށާއެކު މި ގޭތެރޭގަ! އުޝާއާމެދު މިގޭތެރޭގައި ކަންތައްތައް ހިނގާދިޔަގޮތް އަމީރާއަށްވެސް ހަމަ ރަނގަޅަށް އެނގޭނެ! އަހަންނަކަށް ނޭނގެ ދެން އަމީރާ ތިއުޅެނީ ކޮންކަހަލަ އަމިއްލަ އެދުމަކައިގެން ކަމެއް!"
ފަހުމީ އެހެން ބުނުމާއެކު އަމީރާގެ އަޑުވެސް ބާރުވިއެވެ.
" ޒައިންއަކީ ކަލޭގެވެސް ދަރި! އަހަރެން ވިސްނަނީ ހަމައެކަނި ޒައިންއަށްޓަކައި! އޭނާގެ އުފަލަށްޓަކައި އުޝާ ހުރުން މުޙިއްމު! އަޑު އިވުނެއްނު! އިވުނެއްނު ދެންމެ ޒައިން ދެއްކި ވާހަކަތައް! " އަމީރާގެ ވާހަކަ އެހާ ހަމައަށް ދިޔުމާއެކު ބާރުބާރަށް ޒައިންގެ ހަޅޭކުގެ އަޑަށް ދެމީހުންނަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. އެއާއެކު ދެމީހުންނަށް ދުއްވައި ގަނެވުނީވެސް ނުހަނު ބާރަށެވެ.
" މަގޭ ޒައިން....! " އެނދުމަތީގައި އޮތް ޒައިން ފެނި އަމީރާއަށް ރޮއިގަނެވުނެވެ.
" މަންމާ! ވަރަށް ބޮޑަށް ބޮލުގަ ރިއްސަނީ! އަހަރެންގެ ސިކުނޑި ހީވަނީ ފިތޭހެން.. ފަޅައިގެންދަނީހެން ހީވަނީ!"
ބާރަށް ދެއަތުން ބޮލުގައި ހިފަހައްޓައިގެން އޮވެ ޒައިން ވާހަކަ ދައްކަމުންދިޔައީ ނުހަނު އުނދަގުލުންނެވެ. އޭރު ޒައިންގެ ގައިގެ އެތަން މިތަނުގައި އަމީރާ ދިޔައީ ފިރުމަމުންނެވެ.
" ދޭބަލަ އައިސް ޕެކު ހިފައިގެން އަންނަން އަވަހަށް." އަމީރާ އެހެން ބުނުމާއެކު ހުއްޓުން އަރާފައި ހުރި ފަހުމީ ބާރު ބާރަށް ނިކުތެވެ.
އިރުކޮޅެއް ފަހެވެ. އައިސްޕެކް ބޮލުގައި ޖައްސާ، ބޮލަށް ފިނިކޮށްލުމާއެކު ޒައިންއަށް ލުއި ލިބެން ފެށިއެވެ. އަދި އޭނާގެ ގަޔަށް އަރާފައި ހުރި ބާރުގަނޑު ލުއިވަމުންގޮސް އިސާހިތަކު އޭނާއަށް ނިދިއްޖެއެވެ. އޭރުވެސް އަމީރާ އިނީ ޒައިންގެ ބޯލާކޮޅުގައެވެ.
" މަގޭ ދަރި! ފަހުމީ.. އަހަރެމެން ދެން ކިހިނެއްތަ ހަދާނީ؟ "
ދެރަވެލާފައި އަމީރާ އަހާލިއެވެ. ގައިން ބާރު ދޫވާފަދަ ގޮތަކަށް އިނދެ ފަހުމީ ބަލާލިއެވެ.
" ޒައިންއަށް ހޭލެވުނީމަ ރަނގަޅު ނޫނިއްޔާ ޑޮކްޓަރަށް ދައްކަން ދާނީ! އަހަރެމެންގެ ދަރިފުޅަށް ވިސްނައިދިނުމަކީ އަހަރެމެންގެ ކަމެއް! އިންޝާﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ!"
އެހެން ބުނުމަށްފަހު ފަހުމީ ތެދުވިއެވެ. އަމީރާ އަނެއްކާވެސް ޒައިންގެ ބޮލުގައި ފިރުމަން ފެށިއެވެ.
***
ނޫޙު ގޮވައިގެން ޖާބިރު އުޅުނީ އޭނާގެ ގޭގައެވެ. ނަވީންއާ އުޝާ އުޅުނީ ހެދުމެއް ހޯދުމުގައި ބޭރުތެރޭގައެވެ.
" އެހެދުން އަހަންނަށް ވަރަށް ކަމުދޭ! އުޝާއަށް މެރޫންކުލަ ވަރަށް ގުޅޭނެ! " ފިހާރައިން ނިކުންނަމުން ނަވީން ބުނެލިއެވެ. ދުރުގައި ޕާކުކޮށްފައި އޮތް ކާރާ ދިމާލަށް ހިނގައިގަތީވެސް ދެމީހުން އެކުގައެވެ.
" ކީއްވެތަ އެހާ ބަސްމަދީ! އުޝާ އަނގައިން ބުނެލީމަ އަހަރެން ހާދަ އުފާވެޔޭ! "
ކާރަށް އަރާ ހަމަޖެހިލަމުން ނަވީން ބުނެލިއެވެ. ރައްދުގައި އުޝާ ހީލިއެވެ.
" ބައްޕަ ބުނީ މިރޭ ދާނަމޯ އެއްޗެހިތައްބަލާ! ރެޑީކޮށްލާފަ ބަހައްޓައްޗޭ! "
" މިރޭ؟ " ސިހިފައި އުޝާ އަހާލިއެވެ. އެއާއެކު ނަވީން ދެލޯމަރާލަމުން ބޯޖަހާލީ އާނއެކޭ ބުނާފަދަ ގޮތަކަށެވެ.
" މިރޭ އުޝާވެސް އަހަރެމެންގެއަށް އަންނަންވާނެ! މާދަމާ ހެނދުނު ކައިވެނި އޮންނާނެއެއްނު! ބިޔުޓީޝަން ރައީފާވެސް އެގަޑިއަށް ގެއަށް އަންނާނެ! "
ނަވީން ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން އިން އުޝާ ކޮންމެވެސް ވަރަކަށް ޖެހިލުންވަމުންދިޔައެވެ. އޭރުވެސް އޭނާގެ ސިކުނޑީގައި އެނބުރެމުންދަނީ ގެއަށް ގޮސް އަމީރާމެންނާ ކުރިމަތިލާނެ ގޮތެވެ. ޚާއްސަކޮށް ޒައިންއާ ދިމާވާކަށް އޭނާ އެއްގޮތަކަށްވެސް ބޭނުމެއް ނުވެއެވެ.
( ނުނިމޭ )
ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (34)
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!