މެރިޓް ސްކޮލާޝިޕްގެ ނަމުގައި އައު ސްކޮލާޝިޕް ސްކީމެއް މިއަހަރު ތައާރަފް ކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ހާމަކުރައްވައިފިއެވެ.
އެކަން ހާމަކުރެއްވީ ރައީސްގެ ޚާއްޞަ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕް ޙަވާލުކުރުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި އެމަނިކުފާނު މިރޭ ދެއްކެވި ވާހަކަފުޅުގައެވެ.
ޢުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ މިއީ މަތީ ތަޢުލީމު ޙާޞިލުކުރުމަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ހުޅުވާލާ މެރިޓް ސްކޮލަރޝިޕެއް ކަމަށެވެ. އަދި މި ސްކޮލާޝިޕް ލިބޭނީ، ރައީސްގެ ޚާއްޞަ އެވޯޑާއި ހައި އެޗީވާސް ސްކޮލާޝިޕްގައި ނުހިމެނޭ ދަރިވަރުންނަށް ކަމަށެވެ.
މިއީ އެ ދަރިވަރަކު ޔުނިވާސިޓީގައި ފުރިހަމަކުރަން ބޭނުންވާ ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި ފާސްވާންޖެހޭ މާއްދާތަކުގެ ތެރެއިން މަދުވެގެން ތިން މާއްދާއަކުން، އޭ ސްޓަރ ހޯދާ ދަރިވަރުންނަށް ސަރުކާރުން ޚާއްޞަކުރާ ސްކޮލާޝިޕެއް ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސްކީމާ ގުޅޭ އިތުރު ތަފްޞީލުތައް، މަތީ ތައުލީމާއި ބެހެ ވުޒާރާއިން ވަރަށް އަވަހަށް އިޢުލާން ކުރައްވާނެކަމަށެވެ.
މީގެ އިތުރުން ސްކޮލާޝިޕްތަކާއި ލޯން ސްކީމްތަކާއި، އެވޯޑްތަކުގެ ހަގީގީ މަގުސަދަކީ ޒަމާނީ ތައުލީމުން ދަރިވަރުންގެ ސިކުނޑިތައް ތަރައްގީކުރުންކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ މަތީ ތައުލީމު ހާސިލުކުރުމަށް މީގެ ކުރިން ދުވަހަކު ވެސް ފަހިވެފައި ނެތް މިންވަރަށް ފުރުސަތުތައް ފަހިވެފައިވާ ކަމަށެވެ. އަދި މިއިން ޒަމާނަކުވެސް، ބޭރު ގައުމުތަކުން ސްކޮލަޝިޕް ނުލިބޭ މިންވަރަށް، އަދި ނުލިބޭ އެތައް ދާއިރާއަކުން، ސްކޮލަރޝިޕްގެ ފުރުސަތު މިހާރު ފަހިވެފައިވާ ކަމަށެވެ.
މި ސަރުކާރުން ތައާރަފްކުރި ހިލޭ ޑިގްރީ ޕްރޮގްރާމާއެކު ފުދުންތެރިކަން ނެތް އާއިލާތަކުގެ ދަރިވަރުންނަށް ވެސް އިތުރަށް ކިޔެވުމަށް މީގެ ކުރިން ނެތް މިންވަރަށް ފުރުސަތުތައް ފުޅާވެ، އިތުރުވެފައިވާކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!