ބައެއް ސަރަހައްދީ ހޮސްޕިޓަލްތަކުގައި އާ ޚިދުމަތްތައް ތަރައްޤީކުރަމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މިޢްވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ކުރައްވަމުން ގެންދަވާ ކަންކަމާއި ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާތަކަށް މަޢުލޫމާތު ދެއްވުމަށް ކޮންމެ ބުރާސްފަތި ދުވަހެއްގައި ރައީސް އޮފީހުން އަންނަނީ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުންނެވެ.

Ad
rt

މިގޮތުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕޯކްސްޕަރސަން މިޢްވާން ވިދާޅުވީ، ޞިއްޙީ ޚިދުމަތްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްޤީކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ބައެއް ސަރަހައްދީ ހޮސްޕިޓަލްތަކުގައި އާ ޚިދުމަތްތައް ތަރައްޤީކުރަމުން އަންނަކަމަށެވެ.

މިގޮތުން ސަރަޙައްދީ ހޮސްޕިޓަލްތަކުގައި ތަޢާރަފް ކުރައްވާފައިވާ ބައެއް އާ ޚިދުމަތްތަކަށް އަލިއަޅުވާލައްވަމުން މިޢްވާން ވަނީ ގދ. ތިނަދޫގައި ހުންނަ ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މިހާރު ލެޕްރޮސްކޯޕިކް ސާރޖަރީ ގެ ޚިދުމަތާއި، އެޑްވާންސް ވޫންޑް ކެއަރ ގެ ޚިދުމަތާއި ކީމޯ ތެރަޕީ ގެ ޚިދުމަތް ފަށާފައިވާކަމުގައި ވިދާޅުވެފައެވެ. އަދި ކީމޯގެ ޚިދުމަތް މިހާރު ތިނަދޫގައި ފަށާފައިވާކަމަށާއި، ލެޕްރޮސްކޯޕިކް ސާރޖަރީ ޚިދުމަތް ފެށުމަށް ބޭނުންވާ މެޝިނަރީޒް ވެސް މިހާރު ތިނަދޫގައި ޤާއިމުކޮށްފައިވާކަމަށް މިޢްވާން ވިދާޅުވިއެވެ.

މީގެ އިތުރުން ލެބޯޓްރީ ޤާއިމުކޮށްފައިވާ 112 ޞިއްޙީ މަރުކަޒުތަކުން ދޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ލޭއެޅުމަށް ބޭނުންވާ ތަކެތި ރަށްތަކާއި ހަވާލުކުރުމުގެ މަސައްކަތް ފެށިގެން ކުރިޔަށްދާކަން ވެސް މިޢްވާން ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޞިއްޙީމަރުކަޒުތަކަށް ސަރުކާރުން ޢައްޔަންކުރައްވާފައިވާ އިސްފަރާތްތަކާއެކު މިދިޔަ އަހަރުގެ ފަހުކޮޅު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މިއަހަރު އެންމެބޮޑު އިސްކަމެއް ދެއްވާނެކަމަކީ ޞިއްޙީ ދާއިރާގެ ކަންކަން އިތުރަށް ރަނގަޅުކޮށް ޞިއްޙީދާއިރާ އިތުރަށް ހަރުދަނާކުރެއްވުމަށް ކަމުގައި ވިދާޅުވެފައެވެ.