މާތްﷲ އަށް އުރެދުމަށް ކުރެވޭ ކޮންމެ ކަމަކީ ފާފައެއް ކަމަށާއި ފާފައަކީ އޭގެ ނުބައިކަން އިންތިހާއަށް ބޮޑު އެއްޗެއްކަން މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.
ހުތުބާގައި ވަނީ ޝައިތާނާ މާތްﷲ ގެ ރަހުމަތުން ބޭރުކުރެވި، ލަޢުނަތް ލެއްވުނީ ފާފައިގެ ސަބަބުން ކަމަށާއި ޢާދު ބާގައިގެ މީހުންނާއި ޘަމޫދު ބާގައިގެ މީހުންނާއި ޝުއައުބުފާނުގެ ގައުމުގެ މީހުން ހަލާކު ކުރެއްވީ ފާފައިގެ ސަބަބުންކަން ވެސް ހަނދާން ކޮށްދީފައެވެ. އަދި ލޫތުގެފާނުގެ ގައުމުގެ މީހުންގެ މައްޗަށް އެބައިމީހުންގެ ރަށް އުފުއްލަވައި، ބަންޑުން ޖައްސަވައި، އަލިފާނުން ދޮން ކުރެވިފައިވާ ހުލައިގެ ވާރޭ ވެއްސަވައި، ފިރުޢައުނާއި އޭނާގެ ލަޝްކަރު ޣަރަގު ކުރެއްވީ ވެސް ފާފައިގެ ސަބަބުން ކަމަށެވެ.
މީގެ އިތުރުން ޤާރޫނު ބިމުގެ އަޑިއަށް ގަންބަވާލެއްވީ ވެސް ފާފައިގެ ސަބަބުންކަން ހަނދާންކޮށްދީ ބުނީ ފާފައަކީ އޭގެ ސުންޕާކަން އެކަންކުރާ މީހާއަށާއި މުޅި މުޖުތަމައަށް ކުރިމަތިކުރުވާ އެއްޗެއް ކަމަށެވެ.
"ފާފައިގެ ސަބަބުން މުޅި މުޖުތަމައު ނުރައްކަލަކަށް ހުށަހެޅެއެވެ. ދިރިއުޅުމުގެ ހަޔާތް ނާމާން ވެއެވެ. ބިންމަތި ފަސާދަ ވެއެވެ. މުޖުތަމައުގައި ބިރުވެރިކަން އުފެދެއެވެ. ފާފައަކީ އޭގެ ސަބަބުން މާތްﷲ ގެ ކޯފާއާއި އަޒާބަށް ހުށަހެޅޭ ކަމެކެވެ. އަމަން އަމާންކަން ގެއްލި، ބިރުވެރިކަމާއި ނާމާންކަން ފެތުރެއެވެ." ހުތުބާގައި ބުނެފައި ވެއެވެ.
"ފާފައިގެ އަޘަރު" މި މައުޟޫއަށް ކުރިއަށްގެންދިޔަ ހުތުބާގައި، ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ބަލިމަޑުކަމާއި ވަބާތަކާއި މެދު ވިސްނާލައިފިނަމަ، އޭގެ އެންމެ ނުރައްކާތެރި އެއް ވަބާއަކީ ނަހަމަ ޖިންސީ ގުޅުމުގެ ސަބަބުން ޖެހޭ ބަލިތައްކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން މިފަދަ ބަލިތައް ފެތުރެނީ އިންސާނުން އަމިއްލައަށް ކުރާ ނުބައި އަމަލުތަކުގެ ސަބަބުން ކަމަށާއި އެއްޖިންސުގެ ގުޅުމާއި ކައިވެނިން ބޭރުގައި ހިންގޭ ބަދު އަޚުލާގީ އަމަލުތަކުގެ ތެރެއަށް ގެނބިގެން ދިއުމުން ކަމަށް ހަނދުމަކޮށްދީފައި ވެއެވެ.
މާތްﷲ ގެ ވަހީ ބަސްފުޅުތަކުންނާއި ކީރިތި ރަސޫލާގެ ހަދީޘްފުޅުތަކުން ދަލީލު ދައްކަމުން ހުތުބާގައި ބުނީ ﷲ އަަށާއި ރަސޫލާއަށް ކިޔަމަންތެރިކަން އަދާކުރުމަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ހާސިލުވާނެ މަގެއް ކަމަށާއި އެކަލާނގެއަށް އުރެދުމަކީ އަބާއްޖަވެރިކަން ލިބި ނިކަމެތިވާނޭ މަގެއް ކަމަށެވެ.
ހުތުބާގައި އިތުރަށް ބުނީ އަހަރުމެންގެ ތެރެއިން ބައެއް މީހުން ފާފައާއި މެދު ދެކެނީ ވަރަށް ލުއި ގޮތަކަށް ކަމަށާއި ދުންޔަވީ މަންފާއަށްޓަކައި ފާފައެއް ކުރުމަށް ޖެހިލުން ނުވާ ކަމަށެވެ. އަދި ބޮޑެތި ފާފަތަކަށް ވެސް އަރައިގަންނަނީ ކަމަށް ވެސް ވަނީ ބުނެފައެވެ.