ހިލަވެލި ބަރުކޮށްގެން ފުރި ދޯންޏެއްގެ ޚަބަރެއް ނުވެގެން ހޯދަމުން އަންނައިރު، އެ ދޯނިން ދަތުރުކުރި ދެ މީހުން ފެނިއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، އެ ދޯނިން ދަތުރުކުރި ދެ މީހުން ލޯންޗަކަށް ފެނިގެން އެކަމުގެ މައުލޫމާތު އެ އިދާރާއަށް ދީފައިވާ ކަމަށެވެ.
''ދެ މީހުންގެ ހާލު ރަނގަޅު، އިތުރު ތަފްސީލެއް އަދި ނުލިބޭ'' އެމްއެންޑީއެފުން ވިދާޅުވިއެވެ.
އެ ދެ މީހުން ކާށިދޫ ކައިރިން ކަނޑުމަތީ ކަނޑުވެފައި ތިއްބާ އެމީހުން ހޯދުމުގެ މަސައްކަތުގައި އުޅުނު ލޯންޗަކަށް ފެނިގެން ސަލާމަތްކޮށްފައި ވަނީ މިއަދު ހެނދުނު 10:25 ހާއިރުއެވެ.
"ޖަންބޯ" ނަމަަކަށްކިޔާ މި ދޯނީގެ ޚަބަރެއް ނުވެގެން އެދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށާފައިވާއިރު، މި ދޯނީގެ ޚަބަރެއް އެންމެފަހުން ވެފައިވަނީ އިއްޔެ މެންދުރު 11:35 ހާއިރުއެވެ. 65 ފޫޓު ހުންނަ މި ދޯނީގައި 2 މީހުން ދަތުރުކުރި ކަމަށް އެމްްއެންޑީއެފުން ރޭ ވިދާޅުވެފަވެއެވެ.
ހިލަވެލި ބަރުކޮށްގެން ފުރި ދޯންޏެއްގެ ޚަބަރެއް ނުވެގެން ހޯދަނީ
މި ދޯނި ފުރިފަހުން ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ރިޕޯޓްކޮށްފައި ވަނީ އިއްޔެ ހަވީރު 18:03 ހާއިރުކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވާފަވެއެވެ.
ހިލަވެލި ބަރުކޮށްގެން ފުރި ދޯންޏެއްގެ ޚަބަރެއް ނުވެގެން ހޯދަމުން އަންނައިރު، ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާވިސަސް (މެޓް އޮފީސް) އިން އިއްޔެ ވަނީ ހުޅަނގުމޫސުމުގެ ބާރު އިތުރަށް ގަދަވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ގުރުމާއެކު ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފައެެވެ. އަދި ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށް، ކަނޑުތައް ވެސް ގަދަވާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން، ހާއްސަގޮތެއްގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!