ޗައިނާ މާކެޓަށް އަމާޒުކޮށްގެން ވެއިބޯ އަދި ވީޗެޓްގައި ސޯޝަލް މީޑިއާ މާކެޓިންގ ކެމްޕޭނެއް ފަށައިފިއެވެ.
މެއި މަހުގެ ނިޔަލަށް ބާއްވާ މި ކެމްޕޭނަކީ ޗައިނާގައި ބޯޑަރު އަލުން ހުޅުވާލުމާއި ގުޅިގެން ސޯޝަލް މީޑިޔާގައި ރާއްޖެ އިޝްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން ކުރިއަށް ގެންދާ ކެމްޕޭނެކެވެ.
މީގެ އިތުރުން ޗައިނާގެ ދަތުރުވެރިން ރާއްޖެއަށް ދަތުރުކުރަން ޝައުގުވެރިކުރުމަށް އިތުރުކުރުމަކީ ވެސް މި ކެމްޕޭނުގެ އަމާޒެކެވެ.
ޗައިނާ މާކެޓުގައި ރާއްޖެ އިޝްތިހާރުކޮށް ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމަށް ކޮވިޑް-19 ގެ ލޮކްޑައުން ތެރޭގައި ވެސް މިކެމްޕެއިން ވަނީ ކުރިއަށްގެންގޮސްފައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ތަޖުރިބާތަކާއި ސެގްމެންޓްތައް އިޝްތިހާރުކޮށް 45 އޮރިޖިނަލް ޕޯސްޓާއި 12 އޮރިޖިނަލް އާޓިކަލް ވިޒިޓް މޯލްޑިވްސްގެ ވެއިބޯ އަދި ވީޗެޓްގައި ޕޯސްޓްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖެއަށް ހިލޭ ޗުއްޓީއެއް ދިނުމުގެ ކެމްޕޭނެއް ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، މި ކެމްޕެއިން ޗައިނާ މާކެޓުގެ 1.4 މިލިއަން މީހުންނާ ހަމައަށް ފޮރާނެ ކަމަށް އެމްއެމްޕީއާރްސީ އިން ވަނީ ލަފާކޮށްފައެވެ.
ވީޗެޓަކީ މަހަކު 1.17 ބިލިއަން މީހުން ބޭނުންކުރާ ޗައިނާގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމެވެ. އަދި ވެއިބޯއަކީ މަހަކު 530 މިލިއަން މީހުން ބޭނުންކުރާ ޗައިނާގައި ދެވަނައަށް އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމެވެ.
މި ޕްލެޓްފޯމްތަކަކީ ޗައިނާގެ އެންމެ ނުފޫޒުގަދަ ދެ ޕްލެޓްފޯމް ކަމަށްވާއިރު، މި ކެމްޕެއިން މެދުވެރިކޮށް އޭރު ލިބުނު ސަމާލުކަން ބޭނުންކޮށް ރާއްޖެ އިތުރަށް ޕްރޮމޯޓްކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މީގެ ކުރިން ވެސް އެމްއެމްޕީއާރުސީއިން ވަނީ ޗައިނާގެ ބާޒާރަށް އަމާޒުކޮށްގެން މިފަދަ 17 ވީޗެޓް އަދި ވެއިބޯ ކެމްޕޭން ހިންގައި، ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.
ޗައިނާ މާކެޓަކީ 2020 ވަނަ އަހަރުގެ ކުރިން ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރި މާކެޓެވެ. 2019 ވަނަ އަހަރު 284,029 (16.7 އިންސައްތަަ) ފަތުރުވެރިން ޗައިނާއިން ރާއްޖެއަށް ދަތުރުކުރިއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރު ޗައިނާގެ ބޯޑަރުތައް ބަންދުކުރުމުން އެރައިވަލްސް ގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ނަމަވެސް ބޯޑަރުތައް އަލުން ހުޅުވާލުމާއެކު 18 ޖެނުއަރީ 2023 ގައި ޗައިނާއިން ފުރަތަމަ ޑައިރެކްޓް ފްލައިޓް ރާއްޖެއައެވެ. މިހާރު ޗައިނާ ވަނީ ޓޮޕް 10 ސޯސް މާކެޓްގެ ތެރެއަށް އަލުން އަރާފައެވެ.
އެގޮތުން 29 އޭޕްރީލް 2023 ގެ ނިޔަލަށް 30،353 (4.4 އިންސައްތަ) ފަތުރުވެރިންނާއި އެކު ޗައިނާ އަކީ މިހާރު މި އަހަރުގެ 6 ވަނަ އެންމެ ބޮޑު މާކެޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!