ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ޙައްޤުތައް ނެގެހެއްޓުމުގައި ދިވެހި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ނައިބު ރައީސް ފައިސަލް ނަސީމް ދެއްވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބަންގްލަދޭޝްގެ މިނިވަންދުވަހާއި ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން އިންތިޒާމުކޮށްގެން އިއްޔެ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖެން މޯލްޑިވްސްގައި ބޭއްވި މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުން، ރާއްޖޭގެ އިޖްތިމާޢީ-އިޤްތިޞާދީ ތަރައްޤީގައި، އަދާކުރާ މުހިންމު ދައުރު ވެސް ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ބަންގްލަދޭޝްއަކީ ރާއްޖޭގެ ޤައުމީ ތަރައްޤީއަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގާތްއެކުވެރި ގައުމެއް ކަމަށާއި ދެ ގައުމުގެ ދެމެދު އޮންނަ ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އެގޮތުގައި އަބަދު ވެސް ދެމިއޮންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ބަންގްލަދޭޝް އަކީ މުއްސަނދި ސަގާފަތަކާއި ތާރީޚެއް ލިބިފައިވާ ޤައުމެއް ކަމަށާއި 1978 ވަނަ އަހަރު ދެ ޤައުމުގެ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރުމުގެ ކުރިންވެސް މި ދެގައުމަކީ އާދަކާދައާއި ސަގާފަތާއި ވިޔަފާރިއާއި ކަނޑުދަތުރުފަތުރުކުރުން ފަދަ ކަންކަމުގައި ވަރަށް އެއްގޮތް އާދަކާދަތަކެއް ހިއްސާކުރާ ދެ ގައުމުކަން ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ބަންގްލަދޭޝްގެ ތާރީޚަށް އަލިއަޅުވާލައްވައި އެޤައުމުގެ މިނިވަންކަމުގެ ބާނީ، ބަންގަބަންދު ޝެއިޚް މުޖީބުއް ރަޙްމާން ވެވަޑައިގެންނެވި ގުރުބާނީ ވެސް ވަނީ ފާހަގަކުރައްވާފައެވެ. އަދި 1971 ވަނަ އަހަރު ބަންގްލަދޭޝް އުފެދިގެން ދިޔައީ ބަންގަބަންދުގެ ލާމަސީލު ލީޑަރޝިޕާއި އިންސާފަށް ކެނޑިނޭޅި ކުރެއްވި މަސައްކަތްތަކުންކަން ވެސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ބަންގްލަދޭޝްގެ މިނިވަންކަން ހޯއްދެވުމުގެ މަސައްކަތުގައި، "ކޮންމެ ގެއެއް ކިއްލާއަކަށް ބަދަލުކޮށްދެއްވުމަށް" ވިދާޅުވެ، 1971 ވަނަ އަހަރުގެ މާރޗް މަހުގެ 7 ވަނަ ދުވަހު ބަންގަބަންދު ދެއްކެވި ވާހަކަފުޅަކަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ރާއްޖެއާ ބަންގުދޭޝްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1978 ސެޓެމްބަރު 22 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!