ޚަބަރު ނުވެގެން ހޯދަމުންދާ ސަވާރީ ބޯޓުން ދަތުރުކުރި 6 މީހުން ސަލާމަތްކޮށްފިއެވެ.

މާލެ އާއި ވ. އަތޮޅާއި މ. އަތޮޅާ ދެމެދު ދަތުރުކުރާ މުދާ އުފުލާ ބޯޓެއް ކަމަށްވާ ސަވާރީ ބޯޓުގެ ޚަބަރެއް ނުވެގެން ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް އެމްއެންޑީއެފް ހާމަކުރެއްވީ މިއަދު ހެނދުނު 11:17 ހާއިރުއެވެ.

Ad
rt

އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިފައިވާ ސަވާރީ ބޯޓު ހޯދުމަށް ހިންގާ ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންގެ ތެރެއިން މިބޯޓުން ދަތުރުކުރި 6 މީހުން އެމްއެންޑީއެފް ކޯސްޓްގާޑުން ސަލާމަތްކޮށްފައިވާ ކަމަށެވެ.

“މިމީހުން ފެނިފައި ވަނީ ކޯސްޓްގާޑުން ހޯދަމުންދިޔަ ސަރަހައްދު ތެރެއިން އެމްއެންޑީއެފް ޑޯނިއާ އެއާކްރާފްޓަށް. މި ހަ މީހުން މިހާރު ކޯސްޓްގާޑް ޝިޕް ޣާޒީއަށް ނަގާފައިވާއިރު އެންމެންގެ ހާލު ރަނގަޅު،” އެމްއެންޑީއެފުން ވިދާޅުވެފަވެއެވެ.

ދަތުރުކުރި ބޯޓް އަޑިއަށް ގޮސްފައިވާކަމަށް ކެޕްޓަންވަނީ މަޢުލޫމާތުދީފައި ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

މި ބޯޓުގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 6:30 ހާއިރު ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.