ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނަންގަވާފައި ނުވާ ކަމަށާއި އެމަނިކުފާނަށް ލިބިވަޑައިގަތް ފައިސާއަކީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ އަތުން ޑޮލަރުގެ ގަތުމުގެ މުއާމަލާތެއް ކަމަށް ޔާމީންގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.
11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން 1.1 މިލިއަން ޑޮލަރު ރިޝްވަތު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ.
ސަން އިންވެސްޓްމަންޓް ކުންފުންޏާއި ސަން ކޮންސްޓްރަކްޝަންގެ މައްޗަށް އިތުރު ކްރިކް ރިޒާގެ މައްޗަށް ވެސް އެ މައްސަލާގައި ދައުވާކުރެ އެވެ.
ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޔާމީންގެ ވަކީލުން ވިދާޅުވީ ޔާމީނަށް ލިބިވަޑައިގަތް 1.1 މިލިއަން ޑޮލަރަކީ ސަން ޓްރެވަލްސްގެ ވެރިޔާ އަދި އެމްޑީއޭގެ ލީޑަރުކަން ވެސް ކުރައްވާ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު އަތުން ޑޮލަރު ގަތުމަށް ހިންގެވި މުއާމަލާތެއް ކަމަށެވެ.
ޑޮލަރަށްވާ ދިވެހި ރުފިޔާ ސިޔާމާ ހަވާލު ކުރެއްވިކަން ހެކިތަކުން ސާފުވާނެ ކަމަށް ޔާމީންގެ ވަކީލުންގެ ވިދާޅުވި އެވެ.
އެ މައްސަލާގައި ދައުލަތުގެ ބައެއް ހެކިތައް ބަލައިނުގަތުމަށް ހުށަހެޅުމެއް ހުށަހަޅަން ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގަތުމުން އެ ހުށަހެޅުންތައް މާދަމާ ހެނދުނު 10 ގެ ކުރިން ހުށަހަޅަން އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް އެންގެވި އެވެ.
އެ މައްސަލާގައި މިހާރު ވަނީ ހެކިބަސް ނެގުން އަންނަ އާދިއްތަ ދުވަހަށް ފަސްކޮށްފަ އެވެ. އެ ދުވަހު ހާޒިރުކުރާ ހެކިންގެ ތެރޭގައި މެމްބަރު ސިޔާމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ޔާމީން މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެގެންނެވެ. އެ ހުކުމް އިސްތިއުނާފް ކުރަން ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް އޮތީ ހުށަހަޅުއްވައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!