ތިލަދުންމަތީ އުތުރުބުރިއަކީ ކުރިން ވަރަށް މަސްވެރި އަތޮޅެކެވެ. މި ގަރުނު ފެށުމުގެ ކުރިން އެ އަތޮޅުގެ މީހުން ދިރިއުޅޭ 14 ރަށުގައި ހެން އައީ މަސްވެރިކަން ކުރަމުންނެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި އޭރު އެ އަތޮޅުގައި މަހަށް ފުރާ ޖުމްލަ 232 އޮޑި އޮވެއެވެ.

ނަމަވެސް މި ގަރުނު ފެށި، ފާއިތުވީ ބާވީހަކަށް އަހަރުތެރޭ އެ އަދަދު ވަނީ ހައިރާން ކުރުވަނިވި މިންވަރަށް ދަށަށް ގޮސްފައެވެ. ބައެއް ރަށްރަށުން މަސްވެރިކަން އެއްކޮށް ނެތިގޮސްފައިވާއިރު، މިހާރު މުޅި އަތޮޅުގައި އޮތީ މަހަށް ފުރާ 23 އޮޑިއެވެ.

Ad
rt

މި މިންވަރުން އެ އަތޮޅުގެ މަސްވެރިކަން މިހާރު އޮތް ހާލަތު ހަމަ ރަނގަޅަށް ވެސް ތަސައްވަރު ކޮށްލެވެއެވެ. ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ މި އަތޮޅުން ކުރު މުއްދަތެއްގެ ތެރޭ ހައިރާން ކުރުވަނިވި މިންވަރަށް މަސްވެރިކަން ދަށަށް ދިޔައީ ކީއްވެތޯ؟ މިއީ ހަމަ ޔަގީނުން ވެސް އުފެދޭނެ ސުވާލެކެވެ.

ރަށްރަށުގެ މަސްވެރިކަމުގެ ހާލަތު ދެނެގަތުމުގެ އިތުރުން އެ ރަށްރަށުގެ ދިރިއުޅުމުގެ ވައްޓަފާޅިޔާއި އާދަކާދައާއި ދަނޑުވެރިކަމާއި ކާންބޯން ކުރާ އެހެނިހެން މަސައްކަތްތައް ދެނެގަތުމަށް ޒުވާން މަސްވެރިޔާ، (ހަސަން ސާޖިން) ރާއްޖޭގެ އުތުރުން ދެކުނަށް ކުރާ ދަތުރުގައި މިހާރު ވަނީ ހއ. އަތޮޅުގެ މީހުން ދިރިއުޅޭ ސާދަ ރަށަށް ދަތުރުކޮށް މި ކަންކަމާއި ގުޅޭ ތަފްސީލީ މަޢުލޫމާތު އެއްކޮށްފައެވެ.

މި ދަތުރާއި ގުޅޭގޮތުން ސާޖިން ވަނީ ''ތިލަދުން'' އަށް ވަރަށް ތައްފްސީލީ ގޮތެއްގައި މަޢުލޫމާތު ހިއްސާ ކޮށްފައެވެ. އެ އަތޮޅުގެ މަސްވެރިކަން ދަށަށް ގޮސް، ޒުވާނުން އެ މަސައްކަތުގެ ތެރޭ ނޫޅޭކަން ސިފަކޮށްދެމުން ސާޖިން ބުނެފައި ވަނީ އެ އަތޮޅުގެ ތިން ރަށެއްގެ ދޯނިފަހަރުގައި އެ ރަށްރަށުގެ މަސްވެރިންނާއިއެކު މަހަށް ގޮސް ތަޖުރިބާތަކެއް އޭނާ ކުރި ކަމަށާއި، ހޯރަފުށިން މަހަށްދިޔަ ދޯނީގައި އެންމެ ޒުވާންކޮށް ހުރި މީހާގެ އުމުރަކީ ވެސް 55 އަހަރު ކަމަށެވެ. ދެން މުޅިން ވެސް ތިބީ އެއަށްވުރެ ދުވަސްވީ މީހުން ކަމަށާއި ވުމާއިއެކު މި ސަރަހައްދުގެ ޒުވާނުން މި މަސައްކަތާއި ދުރުވެފައިވާ މިންވަރު ވަރަށް ބޮޑަށް ތަސައްވަރު ކޮށްލެވޭކަން ސާޖިން ވަނީ ފާހަގަ ކޮށްފައެވެ.

ސާޖިން، އުތީމު މަސްވެރިންނާއެކު މަސްވެރިކަން ތަޖުރިބާކޮށްލަނީ، ފޮޓޯ: ޒުވާން މަސްވެރިޔާ އެފްބީ ޕޭޖު

ކުރުގޮތަކަށް ބުނަނީނަމަ ރާއްޖޭގެ އެންމެ އުތުރުގެ ޒުވާނުން މަސްވެރިކަމާއި ދުރުވި މައިގަނޑު ސަބަބަކީ ބާނާ މަސް ޔަގީންކަމާއިއެކު ކިރޭނެ ގޮތެއް ނެތުމާއި އެކަށީގެންވާ އާމްދަނީއެއް ނުލިބުމެވެ. ބާނާ މަސް ކިރޭނެ އިންތިޒާމެން މީން ހިސާބެއްގައި ހަމަޖެހިފައި ނުވުމެވެ. ބާނާ ކަޅުބިލަ މަސްކޮޅު ހިފައިގެން ޅ. އަތޮޅަށް އަދި ބާނާ ކަންނެލިކޮޅު ހިފައިގެން ހުޅުމާލެއަށް ދިޔުމަކީ ދެކޮޅުޖެހޭ ކަމަކަށް ނުވާތީއެވެ.

މީގެ އިތުރުން ވެސް މިކަމުގެ ވަށައިގެންވާ ކަންކަމަށް ވިސްނާލާއިރު އެތައް ދިމާއަކުން މަސްވެރިކަން ކުރިއަރުވަން އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނުވާކަން ސާޖިން ވަނީ ފާހަގަ ކޮށްފައެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފަތުރުވެރިކަން ކުރިއަރުވަން ހުރިހާ ދިމާއެއްގައި ތިބި ކަމުވޮށިގެންވާ އެންމެން ވަކާލާތުކޮށް ކުރި މަސައްކަތުން މުޅިރާއްޖެ ހިމެނޭހެން ހއ. އަތޮޅުގެ ހުރިހާ ރަށެއްގައި ވެސް ކުރު މުއްދަތެއްގެ ތެރޭ ޓޫރިޒަމް އަންނަނީ ކުރިއަރަމުންނެވެ. ސާޖިން އިތުރަށް ބުނެފައި ވަނީ އެކަމުން އެނގި ހާމަވަނީ މަސައްކަތް ކޮށްފިނަމަ ކާމިޔާބު ވާނެކަމެވެ.

ސާޖިން އިތުރަށް ބުނެފައި ވަނީ ފަތުރުވެރިކަން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކުރިއަރުވަންވީ ކަމަށާއި، ނަމަވެސް އެކަން ކުރިއަރުވަން މަސައްކަތް ކުރުމަކީ މަސްވެރިކަމުގެ ދާއިރާއާއި ދަނޑުވެރިކަމުގެ ދާއިރާ ކުރިއަރުވަން މަސައްކަތް ނުކޮށް ދޫކޮށްލަންޖެހޭ ސަބަބެއް ނޫން ކަމަށެވެ.

ސާޖިން ދިއްދޫގައި، ފޮޓޯ: ޒުވާން މަސްވެރިޔާ އެފްބީ ޕޭޖު

މަސްވެރިކަން އުތުރާއި މުޅި ރާއްޖެ ހިމެނޭހެން ކުރިއަރުވަން އިސްކަންދޭން ޖެހޭކަން ހާމަކުރަމުން ސާޖިން ބުނެފައި ވަނީ ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވާނަމަ ދުނިޔެއަށް އަންނަ އެކިކަހަލަ ލޮޅުންތަކުގެ އަސަރު ރާއްޖެއަށް ކުރާ މިންވަރު އިތުރުވާނެ ކަމަށާއި، އެ އަސަރުތައް ކުޑަކުރެވޭނީ މަސްވެރިކަން މިހާރަށްވުރެ އިސްކަމެއް ދެވިގެން ކަމަށެވެ.

ސާޖިން ވަނީ އެ އަތޮޅުގެ ދެ ރަށެއްގެ ސްކޫލް ދަރިވަރުންނާއި ބައްދަލުކޮށް މަސްވެރިކަމާއި ގުޅޭ މަޢުލޫމާތު ސެޝަން ވެސް ކުރިއަށް ގެންގޮސްފައެވެ.

ސާޖިން ހޯރަފުށީ މަސްވެރިންނާއެކު މަސްވެރިކަން ތަޖުރިބާކޮށްލަނީ، ފޮޓޯ: ޒުވާން މަސްވެރިޔާ އެފްބީ ޕޭޖު

"ބައެއް ކުދިންނަށް ނޭނގޭ ކަޅުބިލަމަހެއްގެ ފޮޓޯ ދައްކާފައި މިއީ ކޮންކަހަލަ މަހެއްތޯ ސުވާލުކުރުމުން އެ މަހުގެ ނަން ބުނާކަށް، ދޮށީގެ މަސްވެރިކަން ކުރާ ފޮޓޯއެއް ދައްކާފައި މިއީ ކޮންކަހަލަ މަސްވެރިކަމެއްތޯ ސުވާލު ކުރުމު އެއީ ކޮ ކަހަލަ މަސްވެރިކަމެއް ކަން ވެސް ބައެއް ކުދިންނަށް ނޭނގޭ ބުނާކަށް" ދަރިވަރުންނަށް ސްކޫލް މާހައުލުގައި މަސްވެރިކަމާއި ގުޅުންހުރި އެންމެ އެކަށީގެންވާ މަޢުލޫމާތު ނުދެވުމަކީ ތަޢުލީމީ ދާއިރާގެ މައްސަލައެއްކަން ފާހަގަ ކުރަމުން ސާޖިން ބުނެފައިވެއެވެ.

ސާޖިން، އުތީމު މަސްވެރިންނާއެކު އެން ދެމުމުގައި، ފޮޓޯ: ޒުވާން މަސްވެރިޔާ އެެފްބީ ޕޭޖު

މަސްވެރިކަމުގެ އެންމެ ރަނގަޅު މަޢުލޫމާތު އަދުގެ ޖީލަށް ފުރިހަމަ ގޮތުގައި ފޯރު ނުކޮށްދެވުމުގެ ނަތީޖާއެއްގެ ގޮތުން، އަދުގެ ޖީލަށް އަދިވެސް މަސްވެރިކަން ސިފަވަނީ މުންޑެއް އަނދެގެން ހުސްގަޔާ ކޯރިއެއް ބޮލުގައި އަޅާފައި ލެއިން ތަތްތެޅިފައި ހުންނަ މީހެއް ކަމަށާއި، ނަމަވެސް މިއަދުގެ ޒަމާނީ މަސްވެރިކަމަކީ އެއާއި މުޅިން ތަފާތު ސްމާޓް މަސައްކަތެއްކަން ސާޒިން ވަނީ ފާހަގަ ކޮށްފައެވެ.

މަސްވެރިކަމުގައި ހިމެނޭ އެންއުކުމާއި ދޮށިއެޅުމާއި އައިންމަތީ ރަނގަޅަށް ދޯނި ހިފެއްޓުމަކީ ވެސް ހުނަރެކެވެ. އެ އަތޮޅުގެ ޒުވާން ޖީލު މި މަސައްކަތުގެ ތެރެއަށް ނުނުކުންނަނަމަ، މިހާރުތިބި މި ހުނަރު ލިބިފައިވާ ދެވަސްވީ މީހުން ނެތިދިއުމާއެކު މި މަސައްކަތުގެ ހުނަރު އެ އަތޮޅުގައި އެއްކޮށް ވަޅުޖެހިދާނެ ކަމުގެ ބިރު އޮތްކަން ސާޖިން ވަނީ ފާހަގަ ކޮށްފައެވެ.

ސާޖިން ތަކަންދޫގައި، އެރަށު ޒުވާނަކާއެކު ސްޕޯޓްސް ފިޝިން ތަޖުރިބާކޮށްލަނީ، ފޮޓޯ: ޒުވާން މަސްވެރިޔާ އެފްބީ ޕޭޖު

އެ އަތޮޅުގެ އެތައް ރަށެއްގައި މިލިއަނުން މިލިއަނުން ހަރަދުކޮށްގެން ސަރުކާރުން މިހާރު ވެސް ޕްރޮޖެކްޓްތައް އަންނަނީ ހިންގަމުންނެވެ. އޭގެތެރޭ ކުދިކުދި އާބާދީ އޮތް ރަށްތައް ވެސް ހިމެނެއެވެ. ރައްޔިތުން އެންމެ ބޮޑަށް ޑިމާންޑްކުރާ ޕްރޮޖެކްޓްތައް ބަލައިގެންނެވެ. ސާޖިން ފާހަގަ ކުރާގޮތުގައި މިލިއަނުން މިލިއަނުން ކުދިކުދި އާބާދީތައް ހިމެނޭ ރަށްރަށުގައި ޕްރޮޖެކްޓްތައް ސަރުކާރުން ހިންގަމުން އަންނައިރު އެންމެ އުތުރުގައި އޮތް އަތޮޅުގައި މަސްކިރޭނޭ އިންތިޒާމް ހަމަޖެއްސުމަކީ އުނދަގޫކަމަކަށް ނުވާނެއެވެ. ބޭނުންވަނީ އެހެން ޕްރޮޖެކްޓްތަކަށް ކުރެވޭ ޑިމާންޑް ނުވަތަ އެއަށްވުރެ ބޮޑު ޑިމާންޑެއް މަސްވެރިކަން ކުރިއަރުވަން ރައްޔިތުންގެ ފަރާތުން ކުރުމެވެ.

ސާޖިން ފާހަގަ ކޮށްފައިވާ ގޮތުގައި އަދިވެސް ޒުވާން ޖީލުގެ ތެރޭގައި ނުކިޔަވާ މަސްވެރިކަން ކުރެވިދާނެ ކަމަށް ގަބޫލްކުރާ ވިސްނުން އެބައޮތް ކަމަށާއި ނަމަވެސް އަދުގެ ޒަމާނީ މަސްވެރިކަމަކީ ނުކިޔަވާ އެންމެ ފުރިހަމައަށް އެކަން ކުރަން ގޮންޖެހުން އޮތްކަމެއްކަން އޭނާ ފާހަގަ ކުރެއެވެ.

ސާޖިން، ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކަކަށް މަސްވެރިކަމާބެހޭ މައުލޫމާތު ދެނީ، ފޮޓޯ: ޒުވާން މަސްވެރިޔާ އެފްބީ ޕޭޖު

ހިސާބު އިލްމާއި، ޑައިވްކުރުމުގެ ތަމްރީނާއި، އިންޖީނިއަރިންގެ މަސައްކަތާއި، ނެވިގޭޝަން ކޯސްތަކުން ފެށިގެން ގޮސް ރާޑާ ސިސްޓަމާއި ގުޅުންހުރި މަސައްކަތްތަކަކީ ވެސް މިއަދު އެ ދާއިރާތަކުން އުނގެނެންޖެހޭ ކަންކަމެވެ.

ބާނާ މަސްކޮޅު ކިރޭނެ އިންތިޒާމް ކައިރި ހިސާބެއްގައި ހަމަޖެހިފައި ނެތުމަކީ 1400 ހޯސްޕަވަރު އިންޖީނުއެޅި ޒަމާނީ ބޮޑެތި މަސްދޯނިތައް އެ އަތޮޅުގައި މަދުވާން ނުވަތަ ނެތެން ދިމާވި މައިގަނޑު ސަބަބެވެ.

ސާޖިން، މާރަންދޫ ދޮށީ އުމުރުގެ މީހަކާއެކު ކެޔޮޅުކަމު ދަނީ، ފޮޓޯ: ޒުވާން މަސްވެރިޔާ އެފްބީޕޭޖު

ބާނާ މަސްކޮޅު ކިރޭނަމަ މަސްވެރިކަމަކީ ދިރިއުޅުމެއް ބިނާކުރަން އެންމެ އެކަށޭނަ އެއް މަސައްކަތްކަން ފާހަގަ ކުރަމުން ސާޖިން ބުނެފައި ވަނީ އާންމު ސަރުކާރުގެ ވަޒީފާއަކަށް ދާ މީހާއަށް ލިބޭ ދިހަވަރަކަށް ހާސް ރުފިޔާއިން އޭނާއަށް އެ މަހެއްގައި ކައިބޮއި ހަދާލައި ޒަރޫރީ ބޭނުންތައް ފުއްދާލެވިދާނެ ކަމަށާއި، ނަމަވެސް އެ މުސާރައިން ބޭނުންތައް ފުއްދުމަށް ފަހު ބާކީކޮށްގެން ގެއެއް އެޅުން ނުވަތަ ވިޔަފާރިއެއް ފެށުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އަމިއްލަ ފައިމައްޗަށް ތެދުވަން މަސްވެރިކަމުގެ ފުރިހަމަ އާމްދަނީއަކީ އެންމެ ރަނގަޅު އެންމެ ފުރިހަމަ އާމްދަނީކަން ސާޖިން އުފަލާއެކު ފާހަގަ ކުރެއެވެ.