ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބާސާއިން ލީޑު ދަމަހައްޓައިފިއެވެ. ރޭ ބާސާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.
ޕޮއިންޓް ތާވަލުގެ ދެވަނާގައި އޮތް ރެއާލް މްޑްރިޑް، ހޮނިހިރު ދުވަހުގެ ރޭ ސެލްޓަ ވީގޯއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް އަށް ޕޮއިންޓަށް ފަރަގު ކުޑަކޮށްފައި ވަނިކޮށް ރޭ ބާސާއިން ވަނީ އެތުލެޓިކޯ ބަލިކޮށް ތިން ޕޮއިންޓް ހޯދައި ދެ ޓީމްގެ ދެމެދު އޮތް ފަރަގު 11 ޕޮއިންޓަށް ބޮޑު ކޮށްފައެވެ.
މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބާސާ އޮތީ ކުޅުނު 30 މެޗުން ލިބުނު 76 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައި ވަނީ 30 މެޗުން 65 ޕޮއިންޓެވެ. ރޭ ބަލިވި އެތުލެޓިކޯ އޮތީ ތިންވަނާގައެވެ. އެ ޓީމަށް 30 މެޗުން ލިބިފައި ވަނީ 60 ޕޮއިންޓެވެ.
ދެ ޓީމްގެ ފަރާތުން ވެސް އެޓޭކްތަކެއް ފެނުނު މި މެޗުގެ ފުރަތަމަ މިނެޓުގައި ބާސާގެ އޭރިއާމަތިން ލިބުނު ބޯޅަ ގްރީޒްމަން ފޮނުވާލިއިރު، އެ ބޯޅަ އަމާޒުވީ ބާސާގެ ގޯލުގެ ހުރަސް ދަނޑިއަށެވެ. މީގެ އިތުރުން ވެސް ފުރަތަމަ ހާފުގައި ގްރީޒްމަން ވަނީ ނުރައްކާތެރި ހަމަލާއެއް ބާސާގެ ގޯލަށް އަމާޒުކޮށްލާފައެވެ. މެޗުގެ 34 ވަނަ މިނެޓުގައި ބާސާގެ އޭރިއާތެރޭ ހުރެ ގްރީޒްމަން ފޮނުވާލި ބާރު ހަމަލާ ބާސާގެ ކީޕަރު ވަނީ މަތަކޮށްފައެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން އެއް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފައި ވަނީ ފެރާން ޓޯރޭސް އެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ރަފީނިއާގެ އެހީތެރިކަމާއި އެކުގައެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ބާސާގެ ފެރާން ޓޯރޭސް ވަނީ ބާރު ހަމަލާއެއް އެތުލެޓިކޯގެ ގޯލާއި އަމާޒު ކޮށްލާފައެވެ. އެ ހަމަލާ އެތުލެޓިކޯގެ ކީޕަރު ވަނީ މަތަކޮށްފައެވެ. މީގެ އިތުރުން ލަނޑުޖަހަން ލިބުނު ރަނގަޅު ފުރުޞަތުތައް ބާސާގެ ގަވީއާއި ރަފީނިއާއަށް ބޭނުމެއް ނުކުރެވުނެވެ.
މެޗުގެ 75 ވަނަ މިނެޓުގައި އެތުލެޓިކޯއިން އުފެއްދި ނުރައްކާތެރި ހަމަލާއަށް ފަހު ބާސާއިން އުފެއްދި ކައުންޓަ އެޓޭކެއްގައި ލެވަންޑޯސްކީއަށް ވަނީ ހުސް ފުރުޞަތެއް ލިބި ބޭނުން ނުހިފިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!