ރ. އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިމަކާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެއާޕޯޓް ޓާމިނަލް އިމާރާތުގެ ފައުންޑޭޝަން މަަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ އަލިފާން ނިއްވާ އިމާރާތުގެ ރޫފިންގް މަސައްކަތްތައް ކަމަށް ބުންޏެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން، 50.5 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 2871 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 480 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން އެއާޕޯޓު މަޝްރޫއުގެ ދަށުން، ރަންވޭއެއް އެޅުމާއި، ޓެކްސީވޭ، އޭޕްރަން އަދި ސާވިސް ރޯޑް ހެދުމާއި، ޓާމިނަލް ބިލްޑިން އަކާއި ފަޔަ ބިލްޑިން އެޅުމާއި، އަލިފާންނިއްވާ އިކުއިޕްމަންޓް ބެހެއްޓުމާއި، 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ 426.05 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.