ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ސެލްޓަ ވީގޯ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ބާސާއާއި ދެމެދު އޮތް ފަރަގު ރެއާލުން ކުޑަކޮށްފިއެވެ. ރޭ ރެއާލުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.
މިވަގުތު ޕޮއިންޓް ތާވަލުގެ ދެވަނާގައި ރެއާލް އޮތީ 30 މެޗުން ލިބުނު 65 ޕޮއިންޓާއި އެކުގައެވެ. ބާސާއަށްވުރެ އެއް މެޗު އިތުރަށް ކުޅެ ރެއާލުން ފަރަގު އަށް ޕޮއިންޓަށް ކުޑަކޮށްފައިވާއިރު، މިރޭ އެތުލެޓިކޯ މެޑްރިޑް ބަލިކޮށްގެން ފަރަގު 11 ޕޮއިންޓަށް އިތުރު ކުރުމުގެ ފުރުޞަތު ބާސާއަށް އެބައޮތެވެ. އެއްވަނާގައި އޮތް ބާސާއަށް މިވަގުތު ލިބިފައި ވަނީ 29 މެޗުން 73 ޕޮއިންޓެވެ.
ރޭ މެޗުގައި ރެއާލުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެ ޓީމުން ވަނީ ގިނަ ހަމަލާތަކެއް ވެސް ސެލްޓަގެ ގޯލަށް ފޮނުވާލާފައެވެ. މެޗުގައި ރެއާލުން ލަނޑުޖަހައި ލީޑު ނަގާފައި ވަނީ 42 ވަނަ މިނެޓުގައެވެ. ވިނީސިއަސް ސެލްޓަގެ އޭރިއާގެ އަރިމަތިން ބޯޅަ ހިފައިގެންވަދެ ގޯލު ކުރިމައްޗަށް ތިރިން ހުރަސްކުރި ބޯޅަ އެސެންސިއޯ ވަނީ އެއްފަހަރުން ޖަހައި ސެލްޓަގެ ގޯލަށް އެ ބޯޅަ ވައްދާލާފައެވެ. މިއީ އެސެންސިއޯ ހުރިހާ މުބާރާތެއް ހިމެނޭހެން މި ސީޒަންގައި ރެއާލަށް ޖަހައިދިން އަށްވަނަ ލަނޑެވެ.
ރެއާލްގެ ދެވަނަ ލަނޑު ދެވަނަ ހާފު ފެށިތާ ތިން މިނެޓް ފަހުން ކާމިޔާބު ކޮށްދީފައި ވަނީ ޑިފެންޑަރ އެޑާ މިލިޓާއޯއެވެ. މިލިޓާއޯ މި ލަނޑު ޖަހާފައި ވަނީ ރެއާލަށް ލިބުނު ކޯނަރަކުން އެސެންސިއޯ ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މި މެޗުގައި ސެލްޓައަށް ލަނޑުޖަހާނެ އެންމެ ރަނގަޅު ފުރުޞަތެއް ލިބިފައި ވަނީ އެ ޓީމްގެ ކެޕްޓަން އަސްޕާސްއަށެވެ. އޭނާއަށް ހުހަށް ލިބުނު މި ފުރުޞަތުގައި ރެއާލްގެ ކީޕަރު ގައިން ބޯޅަ ނައްޓާލުމަށް ފަހު ގޯލުގެ ތެރެއަށް ފޮނުވާލަން މަސައްކަތް ކުރި ނަމަވެސް ކީޕަރ ކޯޓުއާ ވަނީ އެ ބޯޅަ ހުއްޓުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!