ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށް ސްޓެލްކޯ އިން އަނެއްކާ ވެސް ހަނދާންކޮށް ދީފިއެވެ.

އެ ކުންފުނިން ބުނީ މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާގޮތަށް މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށް ވުމުން، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

Ad
rt

މީގެ އިތުރުން ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ހާއްސަކޮށް، ފިނި ކުރުމަށް ގެންގުޅޭ އޭސީ ފަދަ އާލާތްތަށް ބޭނުން ކުރުމުގައި އިތުރަށް ސަމާލުވެ، 25 ޑިގްރީއަށްވުރެ ދަށް ނުވާނެހެން ޓެމްޕަރޭޗަރ ބެހެއްޓުމަށް ވަނީ އެދިފައެވެ. އަދި އިލެކްޓްރޯނިކް އާލާތްތައް ގަންނަ އިރު، އިންވާޓާރ އަށް އިސްކަންދިނުމަށް ވެސް އިލްތިމާސް ކޮށްފައި ވެއެވެ.

ސްޓެލްކޯ އިން މީގެކުރިން ވެސް ވަނީ ކަރަންޓު ބޭނުން ކުރުމުގައި އިތުރަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

އެ ކުންފުނިން ބުނެފައިވަނީ މި ހިނގާ އޭޕްރިލް އަދި އަންނަ މެއި މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަވާނެ ދުވަސްތައްކަމަށް ކަމާއިބެހޭ އިދާރާތަކުން ލަފާކޮށްފައިވާ ކަމަށާއި ރޯދަމަހާއި ދިމާވުމުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

އެ ކުންފުނީގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި އެހެން ދުވަސްތަކާއި ޚިލާފަށް މިދުވަސްވަރު ޖައްވު ހޫނުވުމުގެ ސަބަބުން ރޭގަނޑުގެ ވަގުތުތަކުގައި ވެސް ކަަރަންޓު އުފައްދަން ޖެހޭ މިންވަރު އިތުރުވެފައިވާކަން ފާހަގަކޮށްފައި ވެއެވެ.