އަރަބިއްޔާ ސްކޫލްގެ ދަރިވަރުުން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދިޔުން މަނާކުރުމުން ސްކޫލަށް ދިޔުމުގެ ހައްގުން ކުދިން މަހްރޫމް ކޮށްފައިވާ ކަަމަށް ބުނެ، ބައެއް ބެލެނިވެރިންގެ ފަރާތުން ވަގުތީ އަމުރެއް ހޯދަން ކޯޓަށް ހުށަހެޅި ދައުވާގައި ސީރިއަސް ނުކުތާއެއް ނެތް ކަމަށް ބުނެ އަމުރެއް ނުދޭން ސިވިލް ކޯޓުން ނިންމައިފިއެވެ.
ބެލެނިވެރިންގެ ފަރާތުން މި މައްސަލަ ހުށަހަޅާފައިވަނީ ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ ލޯފާމް "ރެހެންދި ޗޭމްބާސް އެލްއެލްޕީ" އިންނެވެ.
އެ މައްސަލައިގާ ބުނެފައިވަނީ މޫނު ކަޝްފުކޮށްގެން މުޖްތަމައުގެ ތެރެއަށް ނިކުންނަން ބޭނުން ނުވާ އަރަބިއްޔާ ސްކޫލު ކުދިންނަށް، އެ ސުކޫލުން ދީފައިވާ ހުއްދައެއްގެ ދަށުން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދެވޭގޮތަށް އޮއްވާ މޫނު ބުރުގާ އަޅައިގެން ސްކޫލަށް ނުދެވޭނެކަން ކުދިންނަށާއި ބެލެނިވެރިންނަށް އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.
މި މައްސަލަ ހުށަހެޅި އިރު، މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު ގެޒެޓް ނުކޮށް އާންމު ކޮށްފައިވާ ސްކޫލް ދަރިވަރުންގެ އާންމު ގަވާއިދާއި ސްކޫލްގެ ޔުނިފޯމް ކޯޑުގެ ތެރެއިން ވަނީ ސްކޫލަށް ދިއުމުގެ ހައްގުން އެ ކުދިން މަހްރޫމް ކޮށްފައި ކަަމަށް ވެސް އެ މައްސަލައިގައި ވަނީ ބުނެފައެވެ.
އެހެންކަމުން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދާ ކުދިންނަށް ހާޒިރު ނުވެވޭނޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ދިވެހި ދައުލަތަށާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށާއި އަރަބިއްޔާ ސްކޫލްގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވަނީ އެދިފައެވެ. އަދި އަރަބިއްޔާ ސްކޫލްގެ މޫނު އަޅާ ދަރިވަރުންނާ މެދު ތަފާތު ކުރުންތައް ގެންގުޅޭތީ މިކަންކަމުގެ ސަބަބުން ކުދިން ތައުލީމުން ދުރުވެ، ކިޔެވުމަށާއި ނަފްސާނީ ދުޅަހެޔޮ ކަމަށް ބުރޫ އަރަމުން ދާތީ މިކަމަށް ހައްލެއް ހޯދުމަށް ވެސް އެދިފައި ވެއެވެ.
މިކަމާއި ގުޅިގެން ސިވިލް ކޯޓުގައި ދައުލަތުގެ ފަރާތުން ބުނެފައި ވަނީ، ވަގުތީ އަމުރަށް އެދިފައިވާ އިރު، އިޖުރާއީ ކަންކަމުގެ ތެރޭގައި ވަގުތީ އަމުރަކަށް އެދޭ ފޯމުގައި ވަގުތީ އަމުރުގެ ބާވަތް ފާހަގަ ކޮށްފައި ނުވާ ކަމަށާއި އެ ފޯމާ އެކު ހެކިބަހުގެ ބަޔާން ހުށަހަޅާފައި ނުވާ ކަަމަށެވެ.
މީގެ އިތުރުން ޝަރީއަތުގައި ޚުލާސާ ބަޔާން އިއްވި ދުވަސް ކަމުގައި ވާ އޭޕްރީލް 11 ވަނަ ދުވަހަކީ ވެސް އަރަބިއްޔާ ސްކޫލަށް މޫނު ބުރުގާ އަޅައިގެން ކުދިން ތައުލީމް ހޯދަން ހާޒިރުވެގެން ތިބި ދުވަހެއްގެ ގޮތުގައި ދައުލަތުން ފާހަގަކޮށް ބުނެފައިވަނީ އެ ސްކޫލަށް ދާ އެއްވެސް ދަރިވަރަކު ސްކޫލަށް ދިއުން މަނާ ކޮށްފައި ނުވާނެ ކަމަށެވެ. އަދި އެއިން އެއްވެސް ކުއްޖަކު ކިޔެވުމުން މަރުހޫމް ކޮށްފައި ވެސް ނުވާނެ ކަމަށެވެ.
އެހެންކަމުން ވަގުތީ އަމުރު ނެރެދިނުމަށް އެދުނު ފަރާތަށް ލިބޭނެ ކަމަށް ބުނެފައިވާ އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށާއި އިޔާދަ ކުރަން ޖެހޭނެ ގެއްލުމެއް ވެސް ނެތް ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.
Moonu burugaa alhaa kudhinge haggugai @AdhaalathOffice , @MVIaffairs ah Arabiyya parents kuraa ilthimaas. @ShimranAb @dr_iyaz @shkilyas @alizaid1000 pic.twitter.com/71tHq5fEDX
— Arabiyya Family (@ArabiyyaFamily) April 14, 2023
ސިވިލް ކޯޓަށް ހުށަހެޅި ދައުވާ އާ ގުޅިގެން އެ ކޯޓުން ބުނީ، ކޯޓު އަމުރެއް ހޯދުމަށް އެދި ހުށަހަޅާފައި ވަނީ ޖުޑީޝަލް ރިވިއުގެ ދައުވާ ހުށަހަޅާ ފޯމް ކަމަށާއި އެހެންކަމުން އެ ދައުވާ އަކީ ޖުޑީޝަލް ރިވިއު ދައުވާއެއް ތޯ ނުވަތަ އަސާސީ ހައްގެއް ހިފެހެއްޓުމުގެ ސަބަބުން ކުރާ ދައުވާއެއްތޯ ދައުވާގައި ކަނޑައަޅަން ޖެހޭ ކަމަށެވެ.
އެހެންކަމުން މި މަރުހަލާގައި ވަގުތީ އަމުރަކަށް އެދި ހުށަހަޅާފައިވާ ދައުވާއަކީ ޝަރީއަތުން އެ މައްޗަށް ގޮތް ކަނޑައަޅަން ޖެހޭ ފަދަ ބުރަދަން ހުރި ސީރިއަސް ނުކުތާއެއް ހިމެނިފައިވާ ދައުވާއެއް ކަމުގައި ބެލެން ނެތް ކަމަށް ވެސް އެ ކޯޓުން ބުނެއެވެ.
މީގެ އިތުރުން ދައުވާ ފޯމުގައި އަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ ތެރެއިން މޫނު ބުރުގާ އާ އެކު ސްކޫލަށް ދާތީ ސްކޫލަށް ދިޔުން މަނާކޮށްފައި ވަނީ ކޮން ދަރިވަރުންތަކަކަށް ކަމާއި އެއީ ކޮން ގްރޭޑެއްގައި އުޅޭ ދަރިވަރުންތަކެއް ކަން ވެސް ހާމަކޮށްފައި ނުވާ ކަމަށް ސިވިލް ކޯޓުން ބުނެއެވެ. އަދި ވަގުތީ އަމުރަށް އެދި ހުށަހެޅި ފޯމުގައި ވެސް އެ މައުލޫމާތު ހިމަނާފައި ނުވާ ކަމަށް އެ ކޯޓުން ބުނެއެވެ. އެހެންކަމުން ވަގުތީ އަމުރަކަށް އެދުމުގެ ހައިސިއްޔަތު ވެސް ގެއްލިފައިވާ ކަމަށް ކޯޓުން ބުނެއެވެ. އަދި ދައުވާ ކުރި ފަރާތުން އެދުނު ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ބުނެ މި މައްސަލައިގެ ޝަރިއަތް ވަނީ ނިންމާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!