އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ލިވަޕޫލުން ކާމިޔާބު ކޮށްފިއެވެ. މި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައި ވަނީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މުޅި މެޗު ކޮންޓްރޯލްކޮށް ލިވަޕޫލުން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 35 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ކޯޑީ ގަކްޕޯއެވެ. ދެވަނަ ލަނޑު އޭގެ ހަތަރު މިނެޓް ފަހުން ޑިއެގޯ ޖޮޓާގެ އެހީތެރިކަމާއި އެކު ކާމިޔާބު ކޮށްދިނީ ސަލާހުއެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ދެ މިނެޓް ތެރޭ ލީޑްސް އިން ވަނީ ލަނޑުޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ސިނިސްޓޭރާއެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ ލިވަޕޫލްގެ ޑިފެންޑަރ ކޮނާޓޭއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.
ލިވަޕޫލަށް ތިންވަނަ ލަނޑު 52 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޑިއެގޯ ޖޮޓާއެވެ. ޖޮޓާ މި ލަނޑު ޖަހާފައި ވަނީ ޖޯންސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ. ލިވަޕޫލްގެ ހަތަރުވަނަ ލަނޑު 64 ވަނަ މިނެޓުގައި ގަކްޕޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ސަލާހް ކާމިޔާބު ކޮށްދިންއިރު، ފަސްވަނަ ލަނޑު 73 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޖޮޓާއެވެ. ލިވަޕޫލްގެ ހަވަނަ ލަނޑު މެޗުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ނުނޭޒްއެވެ.
ގަދަ ހަތަރަކުން ޖާގަ ހޯދައި އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ވާދަ ކުރުމުގެ ފުރުޞަތު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ލިވަޕޫލް، މި މޮޅާއިއެކު އަދިވެސް އޮތީ ޕޮއިންޓް ތާވަލުގެ އަށް ވަނާގައެވެ. އެ ޓީމަށް 30 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނާގައި އޮތް ނިއުކާސަލްއަށް ވަނީ 30 މެޗުން 56 ޕޮއިންޓް ލިބިފައެވެ. މި ދެ ޓީމްގެ ދެމެދުގައި މިހާރު ވެސް 9 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
މި މެޗުން ބަލިވި ލީޑްސް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 16 ވަނާގައެވެ. އެ ޓީމަށް 31 މެޗުން ލިބިފައި ވަނީ 29 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!