ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ގެޓާފޭ ބައްދުލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ރޭ ގެޓާފޭގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 0-0 ގެ ނަތީޖާއިންނެވެ.
މި މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ އެއްވަނާގައި 13 ޕޮއިންޓްގެ ލީޑެއް ހޯދުމުގެ ފުރުޞަތު ބާސާއަށް އޮތެވެ. ނަމަވެސް ރޭ މެޗުން ލިބުނު އެއް ޕޮއިންޓާއިއެކު މިވަގުތު ބާސާ އޮތީ ދެވަނާގައި އޮތް ރެއާލް މެޑްރިޑަށްވުރެ 11 ޕޮއިންޓް އިތުރަށް ހޯދައިގެން ތާވަލުގެ އެއްވަނާގައެވެ. ބާސާއަށް 29 މެޗުން 73 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި އޮތް ރެއާލަށް 29 މެޗުން ވަނީ 62 ޕޮއިންޓް ލިބިފައެވެ.
ބާސާއަށް އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ލަނޑެއް ޖެހިފައި ނުވެއެވެ. ފާއިތުވި ހަފްތާގެ ބުދަ ދުވަހުގެ ރޭ ލީގުގައި ޖިރޯނާއާއި ދެކޮޅަށް ކުޅުނު މެޗު ވެސް ނިމިގެން ގޮސްފައި ވަނީ 0-0 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. އޭގެކުރިން ކޮޕަ ޑެލް ރޭ ސެމީ ފައިނަލުގެ ދެވަނަ ލެގުގެ މެޗުގައި ބާސާ ވަނީ 4-0 ގެ ނަތީޖާއިން ވާދަވެރި ރެއާލް މެޑްރިޑް އަތުން ބަލިވެފައެވެ.
މެޗު ފަށައިގެން ފުރަތަމަ ލީޑު ނަގާނެ ރަނގަޅު ދެ ފުރުޞަތެއް ވަނީ ގެޓާފޭއަށް ލިބިފައެވެ. އެ ޓީމްގެ އެލް ހައްދާދީއާއި މަޔޯރަލް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ބާސާގެ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.
ފުރަތަމަ ހާފުގައި ބާސާގެ ރަފީނިއާ ފޮނުވާލި ހަމަލާ ގޯލުގެ ދަނޑިއަށް އަމާޒުވީއިރު، އެ ބޯޅަ ދެވަނަ ފަހަރަށް އެ ޓީމްގެ ބަލްޑޭއަށް ވެސް ފޮނުވާލަން ލިބުނުއިރު އެ ބޯޅަ ވެސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނެޓަށް ވެފައިވަނިކޮށް ގެޓާފޭއިން އުފެއްދި ކައުންޓަ އެޓޭކެއްގައި މަޔޯރަލްއަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ހަމަލާ ދިޔައީ ބާސާގެ ގޯލު ދަނޑި ކައިރިން ބޭރަށެވެ.
މި މެޗުން ލިބުނު ޕޮއިންޓާއިއެކު ގެޓާފޭ މިވަގުތު އޮތީ ތާވަލުގެ 15 ވަނާގައެވެ. އެ ޓީމަށް 29 މެޗުން ލިބިފައި ވަނީ 31 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!